Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ވިދާދު އާއި އަދީލް ހޯދައިފި

29 ވަނަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު އަދި އާދަމް އަދީލް ހޯދައިފިއެވެ.

މި ޖަނަވަރީ މަހުގެ 10 އިން 18 އަށް ކެރަމް ހޯލުގައި ކުރިއަށްދިޔަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް އިވެންޓްގެ ފައިނަލް މެޗުތައް ޔެސް ޓީވީ އިން ލައިވްކޮށް ގެނެސްދީފައިވާއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އައިމިނަތު ވިދާދު ހޯދީ ފައިނަލުގައި އައިމިނަތު ޝުބާ އާދަމް ބަލިކުރުމަށްފަހުގައެވެ.

ފޯރިގަދަ މޮޅު ކުޅުމެއް ދެ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެން ދިޔަ ފައިނަލުގެ ފުރަތަމަ ސެޓު 24-25 އިން ހޯދީ ޝުބާ އެވެ. ނަމަވެސް ދެން އައި ދެ ސެޓު ވިދާދު ކާމިޔާބު ކޮށް ކެރިއަރުގައި ފުރަތަމަ ފަހަރަށް މިވަނީ ގައުމީ ތަށި މިލްކުކޮށްފައެވެ. ސިންގަލްސްގެ އިތުރުން މި މުބާރާތުގައި ވިދާދުވަނީ ކުލަބު ޓީނޭޖާއެކު ޓީމް އިވެންޓުވެސް ކާމިޔާބު ކޮށްފައެވެ.

ގައުމީ ކެރަމް މުބާރާތުގެ މެޗެއްގައި ވިދާދު (ވ) ކުޅެނީ. –ފޮޓޯ: ވައިބާ

ފިރިހެން ސިންގަލްސް އިވެންޓުން އަދީލް ގައުމީ ޗެމްޕިއަންކަން ހޯދާފައި މިވަނީ ފައިނަލުގައި އަޒްމީން އާ ވާދަކޮށެވެ. ވާދަވެރި މޮޅު ކުޅުމެއް ފެނުނު މި މެޗުގެވެސް ފުރަތަމަ ސެޓު ނިމުނީ 24-25 އިން އަޒްމީން ކޮޅަށެވެ. ނަމަވެސް ދެވަނަ ސެޓު 20-25 އިން އަދި ތިންވަނަ ސެޓު 7-25 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އަދީލް މިވަނީ ފުރަތަމަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ނަގާފައެވެ.

މިއީ މިމުބާރާތުގައި އަދީލްގެ 3 ވަނަ ރަން މެޑަލްއެވެ. އޭނާ ވަނީ ސިންގަލްސް އަދި ޑަބަލްސްގެ އިތުރުން ކުލަބު ޓީނޭޖާއެކު ޓީމް އިވެންޓުވެސް ކާމިޔާބު ކޮށްފައެވެ.