Last Updated: March 29, 10:16
Friday, March 29, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނަލުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި

ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ޗެލްސީ ބަލިކޮށް އާސެނަލުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފިއެވެ. ލަންޑަނަށް ނިސްބަތްވާ މި ދެ ޓީމުގެ ކުރިމަތިލުން އާސެނަލް ކާމިޔާބުކުރީ 2-0 އިންނެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމު އޮތީ ތާވަލްގެ ހަވަނައިގައެވެ. އެއީ ކުރީން ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ރޭ ބްރައިޓަން ހޯވް އެންޑް އެލްބިއަން އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ފަސްވަނައަށް އެރުމުންނެވެ. މި ވަގުތު 47 ޕޮއިންޓާއެކު ޗެލްސީ ހަތަރުވަނައިގައި އޮތްއިރު އާސެނަލް ވަނީ ރޭގެ ނަތީޖާއާއެކު 44 ޕޮއިންޓް ހަމަކޮށް އަލުން ފަސްވަނައަށް ޖެހިލައިފައެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ކުޅުނު ޝްކޮޑްރަން މުސްތާފީ އާއި އަލެކްސް އިވޯބީ އަދި އައިންސްލީ މެޓްލަން-ނައިލްސްގެ ބަދަލުގައި އާރޮން ރަމްސޭ އާއި ހެކްޓަ ބެލެރިން އަދި ލޫކަސް ޓޮރޭރާ އަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނުމަށް ޕީއޭރް-އެމެރިކް އޮބަމަޔަން އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ފްރާންސް ފޯވާޑް އަލެކްސެންޑަ ލަކަޒޭ ނަގައިދިން ހުރަހަކުން އޮބަމަޔަން އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ޗެލްސީ އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އޭގެފަހުން އާސެނަލްގެ ސޮކްރާޓިސް ޕަޕަސްޓަތޮޕޫލޮސް އާއި ލަކަޒޭ ފޮނުވާލި ހަމަލާތަކުގައި ގޯލެއް ކާމިޔާބުކުރެވޭގޮތްނުވިއިރު އެ ޓީމުގެ ކެޕްޓަން ލޯރެން ކޮޝިއެލްނީ ބޮލުން ފޮނުވާލި ބޯޅައެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ މަތަކުރިއެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 14 ވަނަ މިނެޓުގައި ޖަހައިދިނީ ލަކަޒޭ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ބެލަރިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ހަނި އޭންގަލަކުން ފޮނުވާލައިގެން ލަކަޒޭ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ ކޮޝިއެލްނީ އެވެ. މިއީ އެ ޓީމުގެ ގްރީސް ޑިފެންޑަރު ސޮކްރާޓިސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ކޮޝިއެލްނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައިއޮވެގެންނެވެ.

ވުލްވްސް އާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗުގެތެރެއިން. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު މި ހާފުގައި ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ ޗެލްސީގެ މާކަސް އަލޮންސޯ އަށެވެ. އެ ޓީމުގެ އެޑެން ހަޒާޑް ތަނަވަސްކުރި ފުރުޞަތަކުން އަލޮންސޯ ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.

ރޭގެ މެޗުން ފަސޭހަކަމާއެކު އާސެނަލް މޮޅުވިއިރު މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީ އަތުން ހޯދި ތިންވަނަ މޮޅުކަން ފާހަގަކޮށްލަންޖެހެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީ އަތުން 4-3 އިން ވުލްވަހެމްޕްޓަން ވޮންޑަރާސް މޮޅުވިއިރު ބޯންމައުތު ވަނީ 2-0 އިން ވެސްޓްހޭމް ބަލިކޮށްފައެވެ. ކާޑިފް ސިޓީ އަތުން 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު ވަޓްފޯޑް އާ ދެކޮޅަށް ބާންލޭ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.