ބޮލީވުޑްގެ ކިންގް ހާން ޝާކްރުކް ހާންގެ ކޮނޑަށް މީގެ އަހަރުތަކެއް ކުރިން ލިބިފައިވާ ގެއްލުމަކާ ގުޅިގެން ކުރާ އޮޮޕަރޭޝަނެއް މިއަދު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ކުރިން ވެސް ޝާހްގެ ކޮނޑަށް އެކި ފަހަރު މަތިން އިންޑިއާ އާއި ބޭރުން ފަރުވާ ހޯދާފައިވާ އިރު، މިއަދު ކުރާ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލްގަ އެވެ. ޝާހްގެ ސާޖިކަލް ޓީމްގައި އިސްކޮށް ހަރަކާތްތެރި ވަނީ އެ ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑރ. ސަންޖޭ ދެސާއީ އެވެ.
ޝާހްގެ މި އޮޕަރޭޝަން ކުރިން ކުރާ ގޮތަށް ހަމަޖެހިފައި އޮތީ އާއިލާ އާ އެކު ލަންޑަނަށް ކުރާ ދަތުރެއްގަ އެވެ.
އެހެން ނަމަވެސް އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމް "ޗެންނާއި އެކްސްޕްރެސް" ގެ ޝޫޓިން ނިންމައި، އެ ފިލްމްގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާތީ ފިލްމަށް ވީހާ ވެސް ބޮޑަށް ވަގުތު ދިނުމުގެ ގޮތުން މުމްބާއީގައި އޮޕަރޭޝަން ކުރާ ގޮތަށް ނިންމީ އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް އަދާކޮށްފައިވާ "ޗެންނާއި އެކްސްްޕްރެސް" ގެ ޕްރޮމޯޝަނަލް ހަރަކާތްތައް މިހާރު ވެސް ވަނި ފެށިފަ އެެވެ. އެގޮތުން މިހާރު ކުރިއަށްދާ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ތެރޭގައި ވެސް އެ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ޗެންނާއި އެކްސްޕްރެސް" ރިލީޒް ކުރާނީ ފިތުރު އީދާ ދިމާކޮށް، އޮގަސްޓް މަހުގެ ތެރޭގަ އެވެ.