Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

އެމްބާޕޭ އާއި ކަވާނީގެ ހެޓްރިކުން ޕީއެސްޖީއަށް ބޮޑު މޮޅެއް

ރޭގެ މެޗުގައި ގުއިންގެމްޕް ކޮޅަށް ލަނޑުޖެހުމަށްފަހު ޕީއެސްޖީގެ އެމްބާޕޭ (މ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ކިލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީގެ ހެޓްރިކާއެކު ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގުއިންގެމްޕް ބަލިކޮށް ލީގު ކަޕްގައި އެ ޓީމު ބަލިކުރުމުން އޭގެ ބަދަލުހިފައިފިއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ތާވަލްގެ އެންމެ ކުރީގައި 13 ޕޮއިންޓްގެ ލީޑް ވަނީ ދަމަހައްޓާފައެވެ. އެ ޓީމަށް ކުޅުނު 19 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލިއްލޭ އަށް 21 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސެއިންޓް އެޓިއެން އަށް 36 ޕޮއިންޓް ލިބިފައިވާއިރު އޮލިމްޕިކް ލިޔޯން އޮތީ 34 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ނޭމާ އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، އެމްބާޕޭ ވަނީ ދެލަނޑުޖަހައި އެ ޓީމަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ހާފު ނިމުނީ 3-0 އިން ޕީއެސްޖީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ޕީއެސްޖީގެ އުރުގުއޭ ފޯވާޑް ކަވާނީ ދެލަނޑުޖެހިއިރު ނޭމާ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ވަނީ 6-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ކަވާނީ ހެޓްރިކް ފުރިހަމަ ކުރިއިރު އެމްބާޕޭގެ ތިންވަނަ ލަނޑުޖަހައިދިނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފަހު ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ތޯމަސް މޫނިއޭ އެވެ.

ފްރެންޗް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، ސްޓްރަސްބޯގް އަތުން އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ރެލިގޭޝަނުގެ ބިރުވެރިކަމުގައި އޮތް މޮނާކޯ އަށް ވަނީ އިތުރު މައްސަލަތައް ދިމާވެފައެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު، އެ ޓީމާ ދާދިފަހުން ގުޅުނު ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ނަލްޑޯ އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. މި މެޗުގައި މޮނާކޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ރަޑަމެލް ފަލްކާއޯ އެވެ. ސްޓްރަސްބޯގް ގެ ލަނޑުތައް ޖަހައިދިނީ އެޑްރިއެން ތޮމަސަން އާއި އިބްރާހިމާ ސިސޯކޯ އަދި ޔޫސުފް ފޮފާނާގެ އިތުރުން ލުޑޮވިކް އަޔޯކޭ އެވެ. މީގެތެރެއިން އަޔޯކޭ ވަނީ ދެލަނޑުޖަހައިދީފައެވެ.

މި މުބާރާތުގެ ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއެންސް އަތުން 2-1 އިން ލިއްލޭ މޮޅުވިއިރު ޓޫލުސް ވަނީ 1-0 އިން ނީމްސް ބަލިކޮށްފައެވެ.