Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކަންކަން އިސްލާހު ކުރުމަށް ބުނަންޖެހޭ ވާހަކައެއް ފަސް ނުޖެހި ބުނާނަން: ނިޒާރު

ކަންކަން އިސްލާހު ކުރުމަށް ބުނަންޖެހޭ ވާހަކައެއް އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ބުނުމުގައި ދެމިހުންނާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީ ނާކާމިޔާބުވި މިހާރުގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވީ ހުކުރު ދުވަހު ބޭއްވުނު މަޖްލިސް ޕްރައިމަރީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި، އެތައް ބަޔަކު ދިގު ކިއޫ ހަދައިގެން ވޯޓުލާން އެތައް އިރެއްވަންދެން ވާރޭގައި ތިބި ކަމަށެވެ. އަދި އިތުރަށް ބައެއް މީހުން ވޯޓުލާފައިވާ ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ ވޯޓުލުން ފެށުނީ ވޯޓުލާން ހަމަޖެއްސި ގަޑިއަށްވުރެ އެތައް އިރެއް ފަހުން ކަމަށާއި، ނަންބަރު ދޫކުރާނެ މީހަކުވެސް ނެތި ދިޔަ ކަމަށެވެ. އިންތިޒާމު ދަށްވެގެން އެންމެ ފަހުން ކެންޑިޑޭޓުންގެ ފަރާތުން މީހުން ފޮށި ދޮށުގައި ބައިތިއްބަން ޖެހުނު ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ވޯޓު ލިސްޓުގައި ސުމާރު ނަންބަރު ތަކުރާރުވެފައިވާ ކަމުގެ ޝަކުވާ ލިބިގެން އެކަން ސާފު ކުރުމަށް އެދުމުން ލިސްޓު ދައްކަން އިންކާރުކުރުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށެވެ.

ވޯޓުގެ ކުރިންވެސް ހިތަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓާއި ހަވާލުވެ ތިބި ބައެއް މީހުންގެ ޝަކުވާ ނިޒާރުގެ ޓީމުން ފާހަގަކުރިއެވެ. ނަމަވެސް އެކަން ބަލާފައި ނުވެއެވެ.

ހުކުރު ދުވަހު ބޭއްވި ވޯޓުގައި ވޯޓުލުމަށް އެތައް ބަޔަކު ހިތަދޫ ދެކުނު ދާއިރާގައި ކިއު ހެދިއެވެ. މިއީ ފަހުގެ ތާރީހެއްގައި އައްޑޫގެ އެންމެ ގިނަ ބަޔަކު ވޯޓުލާން އެންމެ ދިގު ކިއު ހަދައިގެން ތިބި ފަހަރެވެ.

އިންތިހާބުގެ ނަތީޖާ އަށް ފަހު ނިޒާރު ވަނީ އެމްޑީޕީގެ ލީޑަރޝިޕް ހަރުދަނާ ކުރަންޖެހޭ ކަމަށް ވާހަކަ ދައްްކަވާފައެވެ. އެގޮތުން މިއިންތިހާބުގައި ލީޑާރޝިޕުން ވަކިބަޔަކަށް ވޯޓު ދިނުމަށް ބުނެފައިވާ އިރު އެކަމަކީ އިންސާފުން ކުރި ކަމެއް ނޫންކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިމިގެންދިޔަ 18 ވަނަ މަޖްލިސްގައި ނިޒާރު އަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްްވި މެމްބަރެކެވެ. ހާއްސަކޮށް އައްޑޫގެ ތަރައްޤީއަށް ގިނަ ވަކާލާތު ކުރި މެމްބަރަކީ އަލީ ނިޒާރުއެވެ.

ނިޒާރު އާއި ވާދަކޮށް ދެކުނު ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިންގެ ފިރިކަލުން އިބްރާހިމް ނާޒިލްއެވެ.