Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ގާސިމް އާއި އިނގިރޭސި ސަފީރު މަޝްވަރާ ކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް މަޝްވަރާ ކުރައްވައިފިއެވެ.

މަޖިލީހުން ބުނިގޮތުގައި މި ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ، އިނގިރޭސި ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކަމަށެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ގާސިމް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް މަރުޚަބާ ވިދާޅުވިއެވެ. އަދި ދިވެހިންނަށް ފަސޭހައިން އިނގިރޭސި ވިސާ ލިބޭނެގޮތް ހައްދަވާފައިވާތީ، އެކަން ފާހަގަކުރައްވާ އިނގިރޭސި ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުން ސަފީރަށް މަޢުލޫމާތު އަރުވާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މްސް ޑޯރިސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.