Last Updated: July 1, 11:35
Wednesday, July 1, 2026
ޚަބަރު

ޝަރަފުއްދީނުގެ ދަރިވަރުންނަށް "ރަތް" ދޫލައިން މަރުހަބާ ކިޔަނީ!

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޯލެވެލް އިމްތިހާނުން ޝަރަފުއްދީން ސްކޫލްގެ 47 ދަރިވަރަކު މުޅި ރާއްޖެއިން ގަދަ10 ގައި ހިމެނި އެންމެ ބޮޑު ކާމިޔާބެއް ހޯދި ސްކޫލަކަށް "ޝަރަފުއްދީން ސްކޫލް" ހޮވިފައިވާތީ އެ ދަރިވަރުންނަށް "ރަތް" ދޫލައިން މަރުހަބާ ކިއުމަށް ސްކޫލުން ތައްޔާރުވަމުން އެބަދެ އެވެ.

ސްކޫލުގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ވިދާޅުވީ މިއަދު އެސްކޫލްގެ ދަރިވަރުން އައްޑޫއަށް އަންނަން ވާއިރަށް ސްކޫލުން އެކުދިންނަށް "ހޫނު" މަރުހަބާއެއް ކިއުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެކުދިން އަންނަ ފްލައިޓް މިއަދު މެންދުރު 3:05 ގައި ގަމުގެ ވައިގެ ބަނދަރުގައި ޖައްސާ ވަގުތު މަރުހަބާ ދެންނެވުމަށް އައްޑޫގެ މޭޔަރާއި ކައުންސިލަރުންގެ އިތުރުން ސްކޫލްގެ ވެރިންނާއި، ސްކޫލް ބޯޑައި އައްޑޫގެ އެޑިއުކޭޝަން ޔުނިޓްގެ އިސްވެރިންގެ އިތުރުން އެ ކުދިންގެ ބެލެނިވެރިންނާއި ސްކޫލް ކުދިން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އެކުދިން ބޯޓުން ފައިބާ ވަގުތު ސްކޫލް ބޭންޑުން އެކުދިންނަށް ވެލްކަމް ކޯލްއެއް އެރުވާގޮތަށް ވަނި ހަމަޖެހިފައެވެ.

އޮފިޝަލް ވިދާޅުވީ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެކުދިންގޮވައިގެން ސިޓީގެ ބޮޑެތި މަގުތަކުގައި ވެހިކަލް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުޅި ރާއްޖެއިން 426 ކުދިން ގަދަ ދިހައެއްގައި ހިމެނުނު އިރު 37 ކުއްޖަކު ވަނީ އެއް ވަނަ ހޯދާފަ އެވެ. އަދި ދެވަނައިގައި 87 ދަރިވަރުން، ތިން ވަނައިގައި 18 ދަރިވަރުން، ހަތަރު ވަނައިގައި 76 ދަރިވަރުން، ފަސް ވަނައިގައި 40 ދަރިވަރުން، ހަ ވަނައިގައި 53 ދަރިވަރުން، ހަތް ވަނައިގައި ނުވަ ދަރިވަރުން، އަށް ވަނައިގައި 54 ދަރިވަރުން، ނުވަ ވަނައިގައި 30 ދަރިވަރުން އަދިި ދިހަ ވަނައިގައި 22 ދަރިވަރުން ހިމެނިފައި ވެ އެވެ.