Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މަސްތުވާތަކެއްޗާއެކު ކަނޑުމަތިން ދެމީހަކު އަތުލައިގެންފި

ރ. އަތޮޅު ފަޅުތެރެއިން ޑިންގީއެއްގައި އެ އަތޮޅު ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ފުލުހުން އަތުލައިގެންފިއެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިންގީ ހުއްޓުވާފައިވަނީ ހުޅުދުއްފާރަށް ވަންނަން އުޅެނިކޮށެވެ.

ޑިންގީ ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ޖޫސްޕެޓީ ކޮތަޅެއްގައި ފެނިފައިވެއެވެ. އަދި ފިލްމު ހުސްކުރި ދަޅެއްގައި ވެސް އެފަދަ އެއްޗެއް ފުލުހުން ވަނީ ހޯދައި، ޑިންގީގައި ތިބި ދެމީހުން ހައްޔަރުކޮށްފައެވެ.

ދެ މީހުންނަކީ ވެސް 18 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މިމައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.