Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ލޭބަ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި

ފޮޓޯ: ވީނިއުސް

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ނުވަތަ ލޭބަ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެލްއެސްޑީޕީ ރަޖިސްޓްރީކޮށް ދިނުމަށްފަހު ޕާޓީގެ ރަޖިސްޓްރީ ވަނީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ހަވާލުކުރައްވާފައެެވެ.

އެމްއެލްއެސްޑީޕީގެ ފަރާތުން ރަޖިސްޓްރީއާ ހަވާލުވެވަޑައިގަތީ އެޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެވެ.

އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމާއެކު މިހާރު ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނެނީ 8 ސިޔާސީ ޕާޓީ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އަދާލަތު ޕާޓީ، އެމްޑީއޭ، އެމްޓީޑީ އަދި ޑީއާރްޕީ އެވެ.