Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

މިތިބީ ގާސިމް އާއެކު، އެމްޑީޕީ އަށް މެޖޯރިޓީއެއް ނުދޭނެ: ހަލީލް

އަބްދުﷲ ހަލީލް، ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފެއްޓެވި މަސައްކަތުގައި، އެމަނިކުފާނާ އެކު ދެމި ތިއްބެވި ކަމަށް ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ދާދިފަހުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ހަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިތުބާރެއް ނެތް އަދި އަނިޔާވެރި ވަކިތަކުން މަޖިލިސް ސަލާމަތް ކުރުމަށް ގާސިމް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ޕާޓީއާއެކު ތިއްބަވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ މަޖިލީހެއް ރައްޔިތުން ހޮވާނެ ކަމަށާއި ނަމަވެސް އެމްޑީޕީ އަށް ރައްޔިތުން މެޖޯރިޓީއެއް ނުދޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ގާސިމް އާއެކު ތިއްބަވާނެ ކަމަށް ހަލީލް ވިދާޅުވިއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފައްދަވާ ޕާޓީ ކަމަށްވާ ޕީއެންސީ ގުޅިގެން ނިކުންނަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ޖުމްހޫރީ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު، މަޖިލީހުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކޯލިޝަނުގެ ޕާޓީތަކުގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.