Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ފާރިސް ހުންނެވީ ސާބިތުކަމާއެކު: މައުމޫން

އަހުމަދު ފާރިސް މައުމޫން-

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ ސާބިތުކަމާއެކު ކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ހަލަބޮލިވާން ފަށާފައިވާއިރު، މި ދުވަސްވަރު ސިޔާސީ ކަންކަމުން ފާރިސް ނުފެންނަކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އެކަމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފާރިސް ހުންނެވީ ސާބިތުކަމާ އެކު" ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރޭގައި ފާރިސް ހިމެނިވަޑައިގަންނަވާއިރު، އޭނާ ވަނީ އެ ކަންތައްތަކުގެ ތެރޭގައި ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރައްވާފައިވާ މެމްބަރުގެ ގޮތުގައި މިހާރު ހުންނެވި ފާރިސް ސިޔާސީ ކަންކަމުން މި ދުވަސްވަރު ނުފެންނައިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިގެން ގޮސްފައެވެ.

މި ހިޔާލުތަފާތުވުންތައް އުފެދިގެން އުޅެނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކަމަށްވާއިރު، އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މިކަމާ ޖޭޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވަނީ ޖޭޕީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.