Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ސްރީ ލަންކަން އިން އައްޑޫ ދަތުރުތައް ހުއްޓާލަނީ

ސްރީ ލަންކަން އެއާލައިންސް އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލުމަށް ނިންމައިފިއެވެ.

އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރ އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު މިއަދު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެއާލައިންގެ ގަމު ދަތުރުތައް މިއަހަރުގެ އެޕްރީލް މަހު ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ ދެ އަހަރު ދުވަސް ވަންދެން ވަރަށް ގިނަ ދަތިތަކާއެކު އެއާލައިނުން ދަތުރުތައް ކުރަމުންދިޔައިރު، ދެ އަހަރުވީ އިރުވެސް އެ ދަތިތަކަށް ހައްލެއް ނުހޯދި ގޮސްފައިވާތީ ކަމަށް ފިރާގު ވިދާޅުވިއެވެ.

ނަމަވެސް މިނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށް އޭނާ ވިދާޅުވެފައިވާއިރު ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ފްލައިޓުތައް ގަމުގައި ކުރަމުން އަންނަތާ މިހާރު ދެ އަހަރު ވެފައިވެއެވެ. ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލަންކާއާއި އިންޑިޔާއަށް ދިއުމުގެ ފުރުސަތު ސްރީ ލަންކަން އައްޑޫ ދަތުރުތަކުން ލިބުނު ނަމަވެސް އެއާލައިނުން ބުނެފައިވަނީ އެދެވޭ އެއްބާރުލުމެއް ކަމާ ބެހޭ އިދާރާތަކުން ލިބެމުން ނާންނަ ކަމަށެވެ.