Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ގާސިމް އަކީ ދީނާއި ގައުމު ހިމާޔަތް ކުރުމުުގެ ވަފާތެރިއެއް: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ދީނާއި ގައުމު ހިމާޔަތް ކުރުމަށް އަބަދުވެސް ވަފާތެރި ބޭފުޅެއް ކަމަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން އިސްލާމްދީން ފޮހެލަން މަސައްކަތްކުރާ މީހުންގެ ވާގިވެރިއަކަށް ގާސިމް ނުވުމަށް ޓްވިޓާގައި މީހަކު ކޮށްފައިވާ ޓްވީޓަކަށް ދީފައިވާ ޖަވާބެއްގައެވެ.

ފަހަކަށް އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތާއީދުކުރާ ފަރާތްތަކުން ގާސިމް އަށް ތައުރީފު ކުރުން އިތުރުވެގެން ގޮސްފައިމިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ގާސިމް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މި ހިޔާލުތަފާތުވުންތައް އުފެދިގެން އުޅެނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކަމަށްވާއިރު، އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މިކަމާ ޖޭޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވަނީ ޖޭޕީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެކަމުގައި ގާސިމް އާއެކު ކުރިއަށްދާން ތައްޔާރަށް ތިއްބެވި ކަމަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ބައެއް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.