Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ޕީއެސްޖީ ގޮވައިގެން ކޯޓަށް ދާނެކަމަށް ބުނެ ރަބިއޯ އިންޒާރުދީފި

ޕީއެސްޖީ އަށް ކުޅޭ އެޑްރިއަން ރަބިއޯ. --ފޮޓޯ: ގެޓީ އިމޭޖަސް

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އެ ކްލަބު ގޮވައިގެން ކޯޓަށް ދާނެކަމަށް ބުނެ އިންޒާރުދީފިއެވެ.

ޕީއެސްޖީ އާއެކު ރަބިއޯ ހަދާފައިވާ އެއްބަސްވުން އާކުރުމަށް ދެކޮޅު ހެދުމުން ސީޒަނުގެ ބާކީ އޮތް ބައިގައި ކުޅެން ފުރުސަތު ނުދޭނެ ކަމަށް ބުނެ އެ ކްލަބުން އިންޒާރުދީފައިވާއިރު ޕީއެސްޖީއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީގެއިތުރުން، ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ތަމްރީނުތަކަށް ގަތަރުގެ ވެރިރަށް ދޯހާ އަށް ދަތުރުކުރިއިރު އަމިއްލަ ސަބަބަކާއި ހުރެ ރަބިއޯ އެ ދަތުރުގައި ބައިވެރިވެފައިނުވާއިރު އެ ކްލަބުގެ ބޯޑޫން ވަނީ އެންމެ ފަހުން ބޭއްވި ތަމްރީންތަކުގެ ތެރެއިން ދެ ފަހަރު ޔޫތު ޓީމާއެކު ތަމްރީން ހެދުމަށް އޭނާ އަށް މަޖުބޫރުކޮށްފައެވެ.

ބާސެލޯނާ އިން ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ އުމުރުން 23 އަހަރުގެ ރަބިއޯ، މި ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން އެހެން ކްލަބަކަށް ވިއްކާލާނެކަމަށް ނުބެލެވޭއިރު ހިލޭ ޓްރާންސްފާގައި މި އަހަރުގެ ޖޫން މަހަށް ފަހު އޭނާ ބޭނުން ކޮންމެ ކްލަބަކަށް ބަދަލުވެވޭނެއެވެ.

އެގޮތުން، މި ވަގުތު ވަރަށް އުނދަގޫ ހާލަތެއްގައި ރަބިއޯ އޮތް ނަމަވެސް، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވަރަށް އަވަހަށް ޕީއެސްޖީގެ ސީނިއަ ޓީމުގެ ތަމްރީންތަކުގައި އޭނާ ބައިވެރިވާނެއެވެ.

އެހެންނަމަވެސް، ރަބިއޯ އަށް ދިގު މުއްދަތަކަށް ޕީއެސްޖީގެ ސީނިއާ ޓީމުގެ ތަމްރީންތަކުގައި ބައިވެރިވިޔަނުދީ ޓީމަށް ކުޅުމުގެ ފުރުޞަތު ނުދީފިނަމަ އެ ކްލަބު ގޮވައިގެން ކޯޓަށް ދާނެކަމަށް ބުނެ އޭނާ ވަނީ އިންޒާރުދީފައިވާކަމަށް ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.