Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ކިއޭވޯ ބަލިކޮށް ޔުވެންޓަސް އިން ލީޑް ދަމަހައްޓައިފި

ކިއޭވޯ ކޮޅަށް ލަނޑުޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުވެންޓަސް.ކޮމް

އިޓާލިއަން ސޭރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ތާވަލްގެ އެންމެ ފުލުގައި އުޅޭ ކިއޭވޯ ވެރޯނާ 3-0 އިން ބަލިކޮށް ޔުވެންޓަސް އިން ލީގުގެ އެއްވަނައިގައި 9 ޕޮއިންޓްގެ ލީޑް ދަމަހައްޓައިފިއެވެ.

ރޭގެ ނަތީޖާ އާއެކު ޔުވެންޓަސް އަށް 20 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އިންޓަ މިލާން އޮތްއިރު އޭސީ މިލާން ވަނީ ރޭ ކުޅުނު މެޗުގައި ޖެނޯއާ ބަލިކުރުމަށްފަހު 34 ޕޮއިންޓް ހަމަކޮށް އަލުން ހަތަރުވަނައަށް ޖެހިލާފައެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ މާރިއޯ މަންޒުކިޗް އާއި ހުއާން ކުއަޑްރާޑޯ އަށް ނުކުޅެވުނުއިރު ސަސްޕެންޝަނުގެ ސަބަބުން މިރަލެމް ޕިޔަނިޗަށް ވަނީ މި މެޗު ގެއްލިފައެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ޕައޮލޯ ޑިބާލާ ދިން ބޯޅައަކުން ޑަގްލަސް ކޮސްޓާ އެވެ. މިއީ ޔުވެންޓަސް އިން ކުރި ކައުންޓާއެޓޭކެއްގައި ކިއޭވޯގެ ގޯލާއި ގާތްގަނޑަކަށް 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޔުވެންޓަސްގެ ދެވަނަ ލަނޑުޖަހައިދިނީ އެމްރޭ ޗާން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ޑިބާލާ އެވެ. މި ހާފު ނިމުނީ 2-0 އިން ޔުވެންޓަސް ކުރީގައިއޮވެގެންނެވެ.

ކިއޭވޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސްގެ ރޮނާލްޑޯ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: ޔުވެންޓަސް.ކޮމް

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ޕެނަލްޓީ ކިއޭވޯގެ ގޯލްކީޕަރު ސްޓެފާނޯ ސޮރެންޓީނޯ މަތަކުރިއެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު މަޓިއާ ބާނީ ޕެނަލްޓީއޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔުވެންޓަސްގެ ލީޑް އިތުރަށް ފުޅާކުރުމަށް ރޮނާލްޑޯ އަށް ވަނީ އިތުރު ދެ ތިން ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 74 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާގެ މެދުތެރޭގައި ހުރެ ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު އޭގެ ހަތަރު މިނެޓުފަހުން، ޑިބާލާ ދިން ރީތި ޕާހަކުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި މާ ދުރުން ބޭރަށެވެ. އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ބްލައިސް މަޓުއިޑީ ތަނަވަސްކުރި ފުރުޞަތަކުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ފަހު ގޯލް، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ޑެނިއެލީ ރުގާނީ އެވެ. މިއީ އެ ޓީމުގެ ފެޑެރީކޯ ބާނަޑެސްކީ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ރުގާނީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، މިލާން ވަނީ ރަށުން ބޭރުގައި 2-0 އިން ޖެނޯއާ ބަލިކޮށްފައެވެ. މި މެޗުގައި މިލާނުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު 72 ވަނަ މިނެޓުގައި ފަބިއޯ ބޮރީނީ ޖަހައިދިންއިރު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ސޫސޯ ކާމިޔާބުކުރި ގޯލާއެކު މިލާނުން ވަނީ މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ލީގުގައި ޔުވެންޓަސް ދެން ކުޅޭ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ލާޒިއޯ އާ ދެކޮޅަށެވެ. އެ ހަފްތާގައި ކުޅޭ އެންމެ ފޯރިގަދަ މެޗުގައި 27 ވަނަ ދުވަހު ބައްދަލުކުރާނީ މިލާން އާ ނަޕޯލީއެވެ.