Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( އެކާވީސް ވަނަބައި)

" އެންމެ ރަނގަޅޭ….ދެއަންބަށްވެސް އިނދެވިދާނެއްނު…" ލޯއަޅާލަފައި ކުއްލިއަކަށް ޝައުން ބުނެލިގޮތުން އިޒްޔަންއަށް ހެވުނެވެ.
" އޯހ…އެހާވަރަށް ދީވާނާވެފަތަ ތިހުރީ މިކުޑަކުޑަ ކުއްޖާ…" ޝައުންގެ ކޮލުގައި ހިފާލަމުން އިޒްޔަން ބުނެލިއެވެ.
ޝައުންއަށް އޭނާއާއި އާއިންގެ އާއިލީ ގުޅުމެއް ނެތްކަން އެނގުމުން އުފާވިނަމަވެސް، ފަރަހަނާޒްދެކެ އާއިން ލޯބިވާ ވަރު، ހިތަށްއެރުމުން ދެރަވެސްވިއެވެ. ނަމަވެސް އަދިވެސް އޭނާ އުއްމީދު ކަނޑައެއް ނުލާނެއެވެ. އާއިންގެ ލޯބި ހާސިލްކޮށްފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެއެވެ.
*****
ދުވަސްތައް މާޒީއާ އެކުވަމުން ދިޔަވަރަކަށް، އާއިންއާއި ފަރަހަނާޒްގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. މިހާރު ފަރަހަނާޒަށް ޖެހިލުމެއްނެތި އިސްވެ އާއިންއާ ވާހަކަދައްކަން ކެރެއެވެ. އެހެންކަމުން އާއިންގެ މަންމައާއި އާއިންގެ ގުޅުން ކެނޑުނުގޮތާބެހޭގޮތުން އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. އެގޮތުން އެއްދުވަހަކު އޭނާ ނުސީދާގޮތެއްގައި އެސުވާލުކުރިއެވެ.

" އަހަރެން އެހާ ދައްކާހިތްވާ ވާހަކައެއްނޫން ތިއީ….އެކަމު ނާޒްއަށްވެސް އެނގެން ޖެހޭހެން ހީވާތީ އަހަރެން ކިޔައިދޭނަން…" އާއިން ފަރަހަނާޒްއަށް އޭނާގެ މާޒީގެ ހިތި ހަނދާންތައް ކިޔައިދޭން ބޭނުންވިއެވެ.

މަންމަ އޭނަ ދޫކޮށް ދިޔަގޮތް އަސަރާއެކު އޭނާ ކިޔައިދިނެވެ. މަންމަ އޭނާއަށްވުރެ އަރްވިންދެކެ ބޮޑަށް ލޯބިވީތީ އެކަމުގެ ޝަކުވާވެސް ކުރިއެވެ. ފަރަހަނާޒް އެވާހަކަތައް އަޑުއަހަމުން ދިޔައިރު އޭނާގެ ހިތަށްވެސް އަސަރުކުރިއެވެ. އާއިންގެ ވާހަކަތަކުން އޭނާއަށް ދޭހަވީ އާއިންއަށް ކަމުގެ އަސްލު ހަޤީޤަތް އޮޅިފައި ވާކަމެވެ. އަދި އާއިން މަންމަދެކެ ރުޅިއަންނަނީ އޭނާއަށް ކުޑައިރުއްސުރެ މަންމައާމެދު ގޯސގޮތަކަށް ވިސްނިފައި ވާތީކަންވެސް އެނގުނެވެ. ސަބަބަކީ ތޫބާގެ ފަރާތުން އެނގުނުގޮތުގައި އާއިންގެ މަންމަ އާއިންގެ މަންމަ އާއިންދެކެ ނުހަނު ލޯބިވެއެވެ. އަދި އާއިންއާ ބައްދަލުކުރަންވެސް ބޭނުންވެއެވެ. އެހެންކަމުން އާއިންއާ އޭނާގެ މަންމަގެ މެދުގައިވާ ދުރުކަން ނެތިކޮށްލުމަށްވެސް ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. އާއިންއަށް މަންމައާމެދު ކަންތައް އެކުރެވެނީ އަދި މުޅިން ރަނގަޅަށް ނޫންކަން އޭނާ ވިސްނައިދޭނެއެވެ.

ޝައުންއަށް އޭނާގެ ހަޤީޤަތް އެނގުނުފަހުން އާއިން ހާސިލް ކުރުމުގެ އުއްމީދު އާވިއެވެ. އެހެންކަމުން އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އާއިން ހާސިލް ކުރުމަށްޓަކައި އޭނާ ހިތާހިތުން ރޭވުންތައް ރާވަން ފެށިއެވެ. އެގޮތުން އޭނާ އަނެއްކާވެސް އާއިން މެންގެ ގެޔަށް ދިއުން އިތުރުކުރިއެވެ. ފަރަހަނާޒްއާވެސް ރަހުމަތްތެރިކަން އުފެއްދިއެވެ.
ދުވަހަކީ ހުކުރުދުވަހެވެ. ހެނދުނުގެ ނާސްތާއަށްފަހު ފަރަހަނާޒް އަވަދިނެތި އުޅެމުން ދިޔައީ މެންދުރަށް ކެއްކުމަށެވެ. އާޒިމްގެ އެދުމުގެ މަތިން މިއަދު އާއިލާ ހުރިހާ އެންމެންވެސް މެންދުރު ކެއުމަށް ހަމަޖެހިފައިވަނީ އާއިންމެންގެ ގެއިންނެވެ. އެހެންކަމުން އޭނާ ބޭނުންވީ އޭނާގެ އަމިއްލައަތުން މިއަދު ހުރިހާ އެއްޗެއްވެސް ތައްޔާރުކުރާށެވެ. މީގެކުރިން އޭނާއަށް ބަދިގޭގެ ކަމެއްކުރަން ފުރުސަތު ލިބެނީ ވަރަށްވެސް މަދުންނެވެ. ޒާހިދާގެ މުރާލިކަމުން އޭނާއަށް ހަމަ އެއްވެސްކަމެއް ޖައްސަން ބޭނުންނުވަނީއެވެ. ނަމަވެސް މިއަދު އޭނާއާދޭސްކޮށްގެން މިއަދު ޒާހިދާ ބަދިގެޔަކަށް ނުވަދެއެވެ. އެހެންކަމުން އޭނާ ވަރަށްގަޔާވެގެން، ކަންކަން ކުރަމުންދިޔައެވެ. އައިރާވެސް ފަރަހަނާޒްއާ އަތްގާތްކޮށްދިނުމަށް އުޅެއެވެ. ޝައުންވެސް ފުރުސަތުގެ ބޭނުންހިފައި ބަދިގެއަށްވަނީ ފަރަހަނާޒަށް އެހީތެރިވުމުގެ ނަމުގައެވެ. ނަމަވެސް އޭނާގެ މަގުސަދަކީ މުޅިން އެހެންކަމެކެވެ.

ފަރަހަނާޒް ކައްކާ ނިމުމުން، ފެންވަރައި ނަމާދުކުރިއެވެ. އަދި އާއިންމެން އަންނަންވާއިރަށް ކާއްތައްޔާރުކުރުމަށް އަވަސްވެގަތެވެ.

" ކޮބާ ހުރިހާ ކުދިން އެއްކޮށް ކާންދަމާ…" އެންމެން ހަމަވުމުން އާޒިމް ބުނެލިއެވެ.

" ހުރިހާ ފިރިހެނުން ކެއީމަ އަހަރެމެން ކާނަން…އިހަށް ބޭބެމެންދޭ…" އަޒީފާ ޖަވާބުގައި ބުނެލިއެވެ.

" އެންމެ ރަނގަޅު…ހިނގާ ދަމާ…" އާޒިމް ތެދުވަމުން އަމީންއަށް އިޝާރާތްކޮށްފައި ބުންޏެވެ.
" އިޒޫވެސް ތީ ފިރިހެނެކޭ އާދޭ ދޮންބެމެނާއެކުދާން…" އިޒްޔަން ތެދުވަމުން އިޒްވާންއަށް ބުނެލިއެވެ. އެއާއެކު އިޒްވާންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ހުރިހާ ފިރިހެނުން މޭޒު ކައިރީގައި އިށީނުމުން ޒާހިދާއާއި ފަރަހަނާޒް އަދި އައިރާވެސް ކާތަކެތި ފޯރުކޮށްދިނުމަށް އުޅެގަތެވެ. އަޒީފާވެސް އެމީހުނާ ބައިވެރިވި ނަމަވެސް ޝައުން ދުރުގައި މަންޒަރު ބަލަންހުއްޓެވެ. ހުރިހާ އެންމެން ކާއެއްޗެހި ތަށިތައްޓަށް އަޅައި ކާންފެށިއެވެ.

" މިއަދު ހުރިހާ އެއްޗެއްވެސް ވަރަށް މީރުވާނެ….މިއަދު ކެއްކީ އަހަރެމެންގެ ނާޒް…." ޒާހިދާ އުފާވެފައި ފަރަހަނާޒަށް ތައުރީފުކޮށްލިއެވެ.

" އެހެންތަ؟…އެހެންވިއްޔާ ޔަޤީން މީރުވާނެކަން…." އާޒިމް ހިނިތުންވެލަމުން ބުނެލިއެވެ.

އާޒިމްގެ އެ ޔަޤީންކަމުގެ ސަބަބުންވެސް ފަރަހަނާޒްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ.
" އާނ…އަހަރެންގެ ދަރިފުޅު ކައްކާ އެއްޗެހި އަބަދުވެސް ވަރަށްމީރުވާނެ.." ހާދީވެސް އިތުރުކޮށްލިއެވެ. ހަމަ އެފަދައިން އިޒްޔަންވެސް ފަރަހަނާޒްގެ ކެއްކުމަށް ތައުރީފު ކުރަމުން ކާންފެށިއެވެ. ނަމަވެސް އެމީހުން ހީކުރިގޮތާއި ޚިލާފަށް މިއަދު އެއްވެސް އެއްޗެއްގައި މީރު ރަހައެއް ނުލިއެވެ. ބައެއް އެއްޗެހި އިންތިހާއަށް ކުޅިގަދައިރު، އަނެއްބައި އެއްޗެހި އިންތިހާއަށް ލޮނުގަދައެވެ. އެހެންކަމުން ކާންފެށުމާއެކު އެކަކު އަނެކަކަށް ބަލާލެވުނީ، އެއީ އެމީހަކަށް ހީވިގޮތްތޯ ޔަޤީންކުރުމަށެވެ.

" އާއު…މަންމާ ފެންފޮދެއް…މި ހާދަކުޅިއޭ…" ކުކުޅު މަސްކޮޅެއް ކާލާފައި ރޮއެގަންނަމުން އިޒްވާން ބުނެލިއެވެ.
" އަން ދަރިފުޅާ!…މީން ކަސްޓަޑްކޮޅެއް ކާލާ އޭރުން ކުޅި ފިލާނެ…" ކަސްޓަޑް އަޅާފައިވާ ކުޑަތައްޓެއް އިޒްވާންއަށް ދިއްކޮށްލަމުން އަޒީފާ ބުންޏެވެ.
" އައްޗީ! މިކޯއްޗެއް….މީގަލަނީ ލޮނުރަހަ…." ކަސްޓަޑް ސަމްސާވަރެއް ނަގައި އަނގަލުމާއެކު ލީ ރަހައިން އަނގައަށް ވައްތަރެއް ޖައްސާލަމުން ނުރުހިފައި އިޒްވަން ބުންޏެވެ. އެއާއެކު އަޒީފާވެސް އެއިގެ ރަހަ ބަލާލިއެވެ.
" ދޮގެއްވާނޫން…މީގަލަނީ ލޮނުހިތި ރަހަ…ހަކުރުކަމަށް ލޮނު އަޅައިގެން ކަންނޭނގެ މިހުރީ ކެކިފަ…" އަޒީފާއަށް ހީވާގޮތަށް ބުނެލިއެވެ.
" އެކަމު…ހަކުރު އެޅި ހަނދާންވަނީ…ކައްކާ ނިމިގެން ރަހަވެސް ބެލީމޭ…" ފަހަރަނާޒް ސިއްރު ސިއްރުން އައިރާ ގާތުގައި ބުންޏެވެ.
" އެހެންތަ؟…ދެން ކިހިނެއްބާ އެވީ؟.." އައިރާވެސް ހުރީ ވީގޮތެއް ނޭނގި ސުވާލު އުފެދިފައެވެ.

" މަންމާ އަޅުގަނޑު ނުކާނަން…ކުކުޅުވެސް ކުޅި، ރިހަވެސް އެހާކުޅި…" ރިހައާއެކު ފަރާޓާކޮޅެއް ކާލަމުން އަނެއްކާވެސް އިޒްވާން ބޮޑާ ހާކާލިއެވެ.
" ދަރިފުޅާ ޝަކުވާނުކޮށް ކައިބަލަ!…ބައްޕަމެންވެސް މިކަނީނު…" އިޒްވާން ޝަކުވާކުރާތީ އަމީން ބުނެލިއެވެ.
އެވަގުތު ފަރަހަނާޒް އަށް ބޭއިޚްތިޔާރުގައި އެންމެންގެ މޫނަށް ބަލާލެވުނެވެ. ކޮންމެ މީހަކުވެސް ހިމޭންކަމާއެކު ކާންތިބި ނަމަވެސް އެމީހުން އެކެއުމާ ގަޔާވާހެނެއް އޭނާއަކަށް ހިއެއްނުވެއެވެ. އެހެންކަމުން އޭނާއަށް އާއިންއާ ދިމާބަލާލެވުނެވެ. އޭރު އާއިންވެސް އިނީ އޭނާއަށްބަލާށެވެ. ނަމަވެސް އޭނާ ބަލާލުމާއެކު އާއިން ހީލަމުން ބަތްސުވާއެއް އަނގައަށްލިއެވެ.
ހުރިހާ ފިރިހެނުން ކައިނިމުމުން އަންހެންވެރިން ކާންއެރިއެވެ. އެމީހުނާއެކު ކާންއެރި ޝައުން ފަހަރަކު އެއްޗަކުން ރަހަބަލަމުން އެއަށް ފާޑުކިޔަމުން ދިޔައެވެ.
" މިތާނެތް ކާން ކެރޭކަހަލަ އެކައްޗެއްވެސް….އެކަތީގަ ކުޅިރަހަ ގަދަވިއްޔާ އަނެއްއެތީގަ ލޮނުރަހަ ގަދަ….އަޅެ ހަމަ ރަހަ ހެޔޮވަރުކޮށް ކައްކަން ނާޒްއަށް ނޭނގެނީތަ؟…އަހަރެން ހީކުރީ ކައްކަން ނޭނގޭ ހަމައެކަނި މީހަކީ އަހަރެން ކަމަށް" މަލާމާތުގެ ރާގަކަށް ހީލަމުން ޝައުން ބުނެލިއެވެ.

ޚުދު ފަރަހަނާޒްވެސް އެތަކެތީގެ ރަހަބެލުމަށްފަހު ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ. އޭނާ ކެއްކިއިރު، ކޮންމެ އެއްޗެގެ ރަހަވަކިވަކީން ބެލިއެވެ. ނަމަވެސް އޭރު އެތަކެތީގެ ރަހަތައް މުޅިން ރަނގަޅެވެ. ވީއިރު، ކުއްލިއަކަށް ހުރިހާ އެއްޗެއްގެ ރަހަ ބަދަލުވީ ކިހިނެއް ހެއްޔެވެ؟ ފަރަހަނާޒް ވިސްނާ ވިސްނާވެސް އޭނާއަކަށް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ފިރިހެންވެރިން އަނގައިން ބަހެއްވެސް ބޭރުނުކޮށް ކައިނިންމައިގެން ދިޔަނަމަވެސް އަންހެންވެރީންނަށް އެގޮތެއް ކަމަކު ނުދިޔައެވެ. ކޮންމެމީހަކުވެސް ކޮންމެވެސް އެއްޗެއް ރަހަޔާމެދު ކޮންމެވެސް ފާޑެއް ކިޔާލައެވެ. އެއަޑުތައް އަހާފައި ދެރަވީވަރުން ފަރަހަނާޒްގެ ލޯފެންކަޅިވިއެވެ. އެންމެންގެ ތެރޭގައި ރޮވިދާނެތީ އޭނާ އަވަހަށް ބަހަނާއެއް ދެއްކުމަށްފަހު ކޮޓަރިއަށް ދިޔައެވެ.
ސިޓިންރޫމުގައި އިން އާއިންއަށް އެމަންޒަރު ފެނުމުން އޭނާ ވަގުތުން ކޮޓަރިއަށް ދިޔައެވެ.

" ނާޒް…ކިހިނެއްވީ؟.." އެނދުގައި ރޯންއިން ފަރަހަނާޒް ފެނިފައި ކަންބޮޑުވުމާއެކު އާއިން އަހާލިއެވެ.

" މިއަދު ހުރިހާ އެއްޗެއްވެސް ކެއްކީ އަހަރެން…އެކަމު އޭރު ހުރިހާ އެއްގެ ރަހަވެސް ރަނގަޅު…އެކަމު މިހާރު ހުރިހާ އެއްޗެއް ރަހަ އެހުރީ ބަދަލުވެފަ…." ރޮވިފައިވާ އަޑަކުން ފަރަހަނާޒް ކިޔައިދިނެވެ.

" ދެން އެކަމާ ނުވިސްނާ….އެއީ މާބޮޑުކަމެއްނޫނޭ….އަހަރެން ގަބޫލުކުރަމޭ ނާޒް ކައްކާ އެއްޗެހި މީރުވާނެކަމަށް…ކުރިންވެސް އަހަރެން ކޭމެއްނު…" ފަރަހަނާޒް ހިތްހަމަ ޖައްސައިދިނުމަށް އާއިން ބުންޏެވެ.

" އެކަމު އެހެންމީހުން ހީކުރާނީ ކީކޭ….އެމީހުން އަހަރެންނަށް އެހާ ތަޢުރީފުކޮށްފަ ކޭއިރު ކާއެއްޗެހި އެހާ ނުބައިވީމަ ކީކޭ ބުނާނީވެސް…" ފަރަހަނާޒް ދެރަވެފައި ޝަކުވާކުރިއެވެ.

" ދެން ކިހިނެއް ކުއްލިއަކަށް ރަހަ ބަދަލުވާނީ؟.." އާއިންއަށް ވެސް އެސުވާލުކޮށްލެވުނީ މީހަކު ގަސްތުގައި އެފަދަކަމެއް ކޮށްފާނެކަމުގައި ހީކުރެވިފައި ނެތީތީއެވެ.

ފަރަހަނާޒް ވިސްނާލިއެވެ. އެމީހުން ކައްކާ ނިމިގެން ފެންވަރައި ނަމާދުކުރަން އައިރު އެމީހުނާއެކު ނާންނަނީ ހަމައެކަނި ޝައުންނެވެ. ނަމަވެސް ޝައުން އެފަދަކަމެއް ކޮށްފާނެކަމަކަށް އޭނާއަކަށް ގަބޫލެއްނުކުރެވެއެވެ. ސަބަބަކީ މިއަދު ހެނދުނުއްސުރެ ޝައުން އެއުޅެނީ އެކި ކަންކަމުގައި އޭނާއަށް އެހީތެރިވެދިނުމަށެވެ. ވީއިރު ޝައުން އެފަދަކަމެއް ކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟ ކުރަންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށްވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

" ނާޒް…ދެން ދެރަނުވޭ! އެއްވެސް މީހަކު ގޯސްކޮށް ހީނުކުރާނެއޭ….އެންމެންނަށްވެސް އެނގޭނެ އަހަރެންގެ ނާޒްއަކީ ނުލާހިކު މޮޅަށް ކައްކާ ކުއްޖެއްކަން….އާދޭ ބޭރަށް….ތިހެން ކޮޓަރިއަށްވަދެ އިނީމަ އެމީހުން ސުވާލު ކުރާނެ…" އާއިން ފަރަހަނާޒް މަސަލަސްކުރެވޭތޯ ބެލިއެވެ.

އާއިންގެ އެދުމުގެމަތިން ފަރަހަނާޒް ރުއިން ހުއްޓާލުމަށްފަހު މޫނުދޮވެ ހަދައިގެން ބޭރަށް ނުކުތެވެ. އޭރު ސިޓިންރޫމުގައި ހުރިހާ އެންމެން އޮލަ ވާހަކައެއްގައި ތިއްބެވެ. އެއްވެސް މީހަކު ކާއެއްޗެހީގެ ނަންވެސް ނުގަނެއެވެ. އެހެންކަމުން ފަރަހަނާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

އަނެއްކޮޅުން ޝައުންއިނީ ފަރަހަނާޒްގެ ހިތާމަވެރި މޫނު ފެނުމުން އުފާވެފައެވެ. މިއަދު އެންމެން ފަރަހަނާޒަށް ތަޢުރީފުގެ ބަސްތައް އޮއްސާނެކަމުގައި ފަރަހަނާޒް ހީކުރި ހީކުރުން ފެނަށް ހަދާލެވުނީތީއެވެ. އޭނާ އެގޮތަށް ކައްތައް ނުކުރިނަމަ މިއަދު އެންމެން ފަރަހަނާޒްގެ ނަން ނޫން އެއްޗެއް ނުކީހެވެ. ކާއެއްޗެއްސަށް އެއްޗެހި އަޅައި ގަޑުބަޑު ކުރުމުގެ ކުރިން އޭނާ ކެއެވެ. އެހެންކަމުން އެތަކެތީގެ މީރުކަން އޭނާއަށްވަނީ އެނގިފައެވެ. އެހުރިގޮތަށް ބެހެއްޓިނަމަ އެންމެންގެ ދުލުން ފަރަހަނާޒް ތަޢުރީފު އޮހޭނެކަން އެއީ ގައިމު ކަމެކެވެ. އެއަޑު އަހާކަށް އޭނާއަކަށް ކެތެއްނުވީހެވެ.

" ނާޒް ނުވެސް ކަމެއްނު….އެހުރިހާ އެއްޗެއް ކައްކާފަވެސް ނާޒް ނުކެއީމަ ވަރަށް ދެރަވެއްޖެ" ފަރަހަނާޒް އައިސް އެތާ މަޑުކޮށްލުމުން ދެރަވާކަމަށް ހެދެމުން ޝައުން ބުނެލިއެވެ. ފަރަހަނާޒް އެއްވެސް އެއްޗެއް ނުބުނެގޮސް ބަދިގެޔަށްވަނެވެ. ޝައުންގެ ވާހަކަތައްހުރިގޮތުން އެއީ ޝައުންކުރިކަމެއްކަމާމެދު ފަރަހަނާޒްގެ ޔަޤީންކަށް އިތުރުވީ ނަމަވެސް އާއިންގާތުގައި އެވާހަކަ ބުނާކަށް އޭނާއަކަށް ނުކެރުނެވެ.

އެދުވަހަށްފަހުވެސް ޝައުން އެކި ގޮތްގޮތުން ފަރަހަނާޒަށް ޖެއްސުން ކުރަމުން ދިޔައެވެ. ޚުދު ފަރަހަނާޒަށްވެސް އެކަން އިހުސާސްކުރެވެއެވެ. ނަމަވެސް އޭނާއަށް ނޭނގެނީ ޝައުން އޭނާއާމެދު އެގޮތަށް ކަންތައް ކުރަންޖެހޭ ސަބަބެކެވެ. ޝައުން ފާޅުގައި ފަރަހަނާޒްއަށް ނަފްރަތު ކުރާކަން ހާމަކުރަމުން ދިޔައިރުވެސް އާއިންއާއި އަދި އެހެންމީހަކަށްވެސް އެކަން ރޭކާނުލައެވެ. އެހެންމީހުންގެ ކުރިމަތީގައި އޭނާ އުޅެނީ ފަރަހަނާޒަށް ވަރަށް ހެޔޮއެދޭ މީހަކު ފަދައިންނެވެ.

ފަރަހަނާޒްއަށް އުނދަގޫކުރާކަށް މާގިނަ ދުވަހު ޝައުންއަކަށް ނުހުރެވުނެވެ. އޭނާގެ ކިޔެވުން ފެށެން ގާތްވުމުން ސިންގަޕޫރަށް އެނބުރި ދިއުމަށް އޭނާއަށް މަޖުބޫރުވިއެވެ. ނަމަވެސް އޭނާގެ ހިތުގައި އާއިން ހާސިލް ކުރުމަށް ކަނޑައެޅި އަޒުމް އެގޮތުގައި ދެމިއޮތެވެ. އޭނާ ގަބޫލު ކުރާގޮތުގައި ފަރަހަނާޒަށް އާއިންއާއި ކައިވެނި ކުރެވުނު ނަމަވެސް މުޅި އުމުރަށް އާއިން ހާސިލްކޮށްގެން ނުހުރެވޭނެއެވެ. އާއިންއަކީ ހަމައެކަނި އޭނާގެ މިލްކެކެވެ. ކޮންމެވެސް ދުވަހަކުން އާއިންގެ ޙަޔާތުން ފަރަހަނާޒް ދުރަށްދާން އޭނާ މަޖުބޫރު ކުރާނެއެވެ. ޚުދު އާއިން ފަރަހަނާޒްމަތިން ފޫހިވާވަރު އޭނާ ކުރާނެއެވެ. އެކަމަށްޓަކައި އޭނާ އަދި އެނބުރި އަންނާނެއެވެ.

ނުނިމޭ