Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކަންވީ ހީކުރިގޮތަށް ނޫން، ފަހަތުން އައީ ގޭންގެއް ނޫން، ގާޒީން: ސުއޫދު

ފަނޑިޔާރުންނާއި ގޭންގާއި ގުޅުން އޮންނަ ކަމަށް ވިދާޅުވުމުން "ހަމަލާ" އައީ ހީކުރި ގޮތާއި ހިލާފަށް ފަނޑިޔާރުންގެ ފަރާތުންކަމަށް މަރު ތަހްގީގު ކުރާ ކަމިޝަންގެ ރައީސް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ މަރު ކޮމިޓީ ނޫސް ކޮންފަރެންސެއްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި، ގޭންގާއި ގުޅުން އޮންނަ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް އެކޯޓުން ބަލްނ ފެށުމަށް ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސުއޫދު ވިދާޅުވީ ކަންވީ ހީކުރި ގޮތާއި ހިލާފަށް ކަމަށާއި، ހީކުރީ އެވާހަކަ ދެއްކުމުން ފަހަތުން އަންނާނީ ގޭންގު ތައް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އައީ ކޯޓުގެ ފަނޑިޔާރުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

ގޭންގުތަކުން ބޭނުންވާ މީހުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގެނެސްފައިވާ ކަމަށާއި ހުކުމްތައް ގޭންގުތަކުން ބޭނުންވާ ގޮތަށް ނެރެފައިވާ ކަމަށް ވިދާޅުވެ ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނޫސް ބަޔާނާއި ނޫސް ކޮންފަރެންސް ބާއްވާފައެވެ.

ސުއޫދުގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވަނީ އެ ވާހަކަ ތަކަކީ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމަށް ސުއޫދު ދެއްކެވި ވާހަކަތަކެއްކަމަށް ބުނެއެވެ. އެ މައްސަލައިގެ އިޖްރާއީ އަޑުއެހުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.