Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 28 ގައި ހުޅުވާލަނީ

19 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަަތު މިމަހުގެ 28 ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމްއާއި ހަވާލާދެއްވާ އޮންލައިން ނޫސް "އަވަސް" އަވަސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބު އިއުލާން ކުރުން މިމަހުގެ 28 ވަނަ ދުވަހު އޮންނާނެއެވެ. އަދި އެ ދުވަހުން ފެށިގެން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައި އެޕްލިކޭޝަން ފޯމް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

މި ތާރީޚަކީ މީގެ ކުރިން ވެސް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ ވަގުތީ ތާރީޚު ވެސް މެއެވެ. މިމަހުގެ 28 ވަނަ ދުވަހު އީސީގެ އާކުލަ އާއި ލޯގޯވެސް އިފްތިތާހް ކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި މަޝްވަރާ ކުރެވެމުންދާ ކަމަށް އަކްރަމް ވިދާޅުވެފައިވާ ކަމަށް ވެސް "އަވަސް" އިން ރިޕޯޓް ކުރެއެވެ. އަދި މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަކްރަމް ވިދާޅުވެފައިވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި ދެ ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އަދި ހެންވޭރު އުތުރު ދާއިރާ އެވެ. މިފަހަރު 87 ދާއިރާ ހިމެނެ އެވެ.