Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

ގާސިމް އާއެކު މަސައްކަތް ކުރަން މިތިބީ ތައްޔާރަށް: އަދުރޭ

އިދިކޮޅު މެމްބަރުންނާއެކު ގާސިމް - ފޮޓޯ: އަހުމަދު ނިހާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ކޮން ބަޔަކާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ދާދިފަހުން ވިދާޅުވެފައިވާ ކަމަށާއި ޕީއެންސީ ވެސް އޮތީ ހަމަ އެގޮތުގައި ކަމަށެވެ.

އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ގައުމަށް ބޭނުން ގޮތެއް ވަންދެން ބަލަން ނުހުންނާނެ ހަމައެކަނި ލީޑަރަކަށް ހުންނެވީ ގާސިމް އެކަނި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ގާސިމް އާއެކު މަސައްކަތް ކުރަން ވަރަށް ތައްޔާރަށް ތިއްބެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގައުމުގެ މިނިވަންކަން އޮޔާދާ، ރާއްޖޭގައި އޮތް ދީން ނަގާލަމުންދާއިރު، ގާސިމް އިބްރާހިމެއް ނުހުންނާނެ ބަލަހައްޓައިގެން. އަޅުގަނޑުމެން މިތިބީ ގާސިމް އާއެކު މަސައްކަތް ކުރަން ވަރަށް ތައްޔާރަށް، ސާބިތުކަމާއެކީގަ. އުއްމީދު މިކުރަނީ ގާސިމަށް އަޅުގަނޑުމެންނާ އެކު ވެސް މަސައްކަތް ކުރެވޭނެ ކަމަށް" އަދުރޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތާއީދުކުރާ ފަރާތްތަކުން ގާސިމް އަށް ތައުރީފު ކުރުން އިތުރުވެގެން ގޮސްފައިމިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ގާސިމް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މި ހިޔާލުތަފާތުވުންތައް އުފެދިގެން އުޅެނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކަމަށްވާއިރު، އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މިކަމާ ޖޭޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވަނީ ޖޭޕީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.