Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޑި ޔޮން ބާސެލޯނާ އަށް ބަދަލުވަނީ

އަޔެކްސް އަށް ކުޅޭ ހޮލެންޑްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮން. --ފޮޓޯ: އީއެސްޕީއެން

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ގިނަ ކްލަބުތަކުން ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ގެ ސޮއި އަތުލުމުގައި ޕީއެސްޖީގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދައިފި ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ޖަނަވަރީ މަހުގައި ދެ ކްލަބުގެ އިސް ފަރާތްތަކުގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަށްފަހު ޕީއެސްޖީގެ ހުށަހެޅުމަށް ފުރަގަސްދިނުމަށްފަހު ޑި ޔޮން ބާސެލޯނާ އަށް ބަދަލުވުމަށް އެއްބަސްވެފައިވާކަމަށް ހޮލެންޑްގެ ނޫސްތަކުން މައުލޫމާތުދެއެވެ.

ސްޕެއިނުގެ ކެޓަލޫނިޔާ ރޭޑިއޯ އިން މައުލޫމާތުދޭ ގޮތުގައި ޑި ޔޮން ގެންދިއުމަށް މަސައްކަތްކުރި ކްލަބުތައްކަމަށްވާ ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީގެ އިތުރުން ޕީއެސްޖީ އަށް އޭނާގެ އޭޖެންޓް ވަނީ ބާސެލޯނާގެ އޮފާ ގަބޫލުކުރާނެކަން ކަށަވަރުކޮށްދީފައެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި ޔޮން ބާސެލޯނާ އަށް ބަދަލުވުމުގެ ހުރިހާ ކަމެއް މިއަދު ވަގުތެއްގައި އޭނާގެ އޭޖެންޓް އާއެކު ހޮލެންޑުގެ ވެރިރަށް އެމްސްޓެޑަމްގައި އެ ކްލަބުން ބާއްވާ ބައްދަލުވުމަށްފަހު ނިންމާނެއެވެ.

ބެލެވޭގޮތުގައި، ބާސެލޯނާ އަށް ޑި ޔޮން ބަދަލުވާނީ 75 މިލިއަން ޔޫރޯގެ އަގެއްކަމަށް ހަބަރުތައް ލިބެއެވެ. މީގެއިތުރުން، އޭނާގެ ފީ ދެއްކުމަށްޓަކައި ބާސެލޯނާ އިން އިންސްޓޯލްމަންޓް އުސޫލުން ތިން ބަޔަށް ބަހާލައިގެން ދެއްކުމަށް ތައްޔާރަށް އޮތްކަމަށްވެއެވެ.

އަޔެކްސް އަށް މިހާތަނަށް ކުޅެދިން 65 މެޗުގައި ހަ ގޯލް ކާމިޔާބުކޮށް އިތުރު 10 ލަނޑުޖެހުމަށް އެހީތެރިވެދީފައިވާ އުމުރުން 21 އަހަރުގެ ޑި ޔޮން ވަނީ ހޮލެންޑްގެ ގައުމީ ޓީމުގެ ޖާޒީގައި 5 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، މިދިޔަ އަހަރު މުޅީން އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އަށް އެ ޓީމު ގެންގޮސްދިނުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.