Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ޒުވާންކަމުގައި ގިނަ ދުވަހު ހުރެވޭނީ ކިހިނެއް؟

ޒުވާންކަމުގައި ގިނަ ދުވަހު ހުރުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް ޑޮލަރެއް އެކި ކަންކަަމަށް މީހުން ޚަރަދު ކުރަމުންދެއެވެ. ތަނަކުން ކްރީމެއް ފެންނަ އިރަށް އެ ބޭނުން ކުރާ މީހުން ވެސް މަދެއް ނޫނެވެ. ފާޑުގެ ބޭސް ވެސް ބޭނުންކުރާ މީހުން އުޅެއެވެ. ބައެއް ފަހަރު ކުރެވޭ އެފަދަ ކަންތަކުގެ ސަބަބުން މީހާގެ ހަށިގަނޑު ހުތުރުވެ އިތުރަށް މުސްކުޅި ސިފަ ޖެހޭ ފަހަރު ވެސް އާދެއެވެ.
ޒުވާންކަމުގައި ގިނަ ދުވަހު ހުރުމަށް އެމީހަކު ބޭނުންކުރާ ބައެއް ކާނާގެ ބާވަތްތަކަކީ ވެސް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ބޭނުންކުރަން ރަނގަޅު 5 ބާވަތެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

ކަނޑުމަސް

ކަނޑު މަހުގައި ގިނަ އަދަދަކަށް އޮމެގާ3 ފެޓްސް އެކުލެވެއެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގައި ކޮލެސްޓިރޯލް ޖެހުމުން ސަލާމަތްކޮށްދޭ އަދި ހިތުގެ ރިދަމް ހިފަހައްޓައިދޭ މާއްދާއެކެވެ. އެގޮތުން ގިނައިން މަސް ބޭނުންކުރާ ފަރާތްތަކަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަރު ކުޑަކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޗޮކްލެޓް

ޕަނާމާގެ މެއިންލޭންޑް ގައި ދިރިއުޅޭ މީހުންނަށްވުރެ، ޕަނާމާގެ އައްސޭރިފަށުގައި ދިރިއުޅޭ ސޭން ބަލަސް ރަށްތަކުގެ މީހުންނަށް ހިތުގެ ބަލިތަކާއި ކުރިމަތިލާންޖެހެނީ ނުވަގުނަ މަދުންކަމަށް ދިރާސާތަކުން ދައްކައެވެ. އެރަށްތަކުގައި އުޅޭ މީހުންނަކީ ކޮކޯ އެކުލެވިގެންވާ ބުއިންތައް ޢާންމުކޮށް ބޮއިއުޅޭ ބައެކެވެ. މިއީ މީގެ ސަބަބެއްކަމަށް ބުނެވެއެވެ. ފްލޭވަނޮލްސް އަކީ ކޮކޯގައި އެކުލެވިގެންވާ މާއްދާއެކެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގެ މަސައްކަތް ރަނގަޅަށް އަދާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި މިއީ ލޭ މައްޗަށްދިއުން (ހައިޕަރޓެންޝަން)، ހަކުރުބަލީގެ ދެވަނަ ވައްތަރު، ކިޑްނީގެ ބަލިތައް، މުސްކުޅިވުމުގެ ސަބަބުން ދިމާވާ ހަނދާންނެތުމުގެ ބަލިންވެސް ސަލާމަތްކޮށްދޭ މާއްދާއެކެވެ.

ޒައިތޫނި ތެޔޮ

މީގެ 45 ވަރަކަށް އަހަރު ކުރީގެ ޢިލްމުވެރިން ވިދާޅުވިގޮތުގައިވެސް، ޒައިތޫނި ތެލަކީ އޭގައި އެކުލެވޭ މޯނޯއަންސެޓިޔުރޭޓެޑް ފެޓްސް ގެ ސަބަބުން ހިތުގެ ބަލިތަކުންނާއި ކެންސަރުގެ ބަލިތަކުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. މިހާރު ޒައިތޫނި ތެލުން ފެނިގެންދާ އަނެއްކަމަކީ އޭގައި ޕޮލީފީނޯލް އާއި ވަރުގަދަ އެންޓިއޮކްސިޑެންޓް ފަދަ މާއްދާތައްވެސް ހުންނަކަމެވެ. އަދި ޢުމުރާއި ގުޅިގެން އަންނަ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ބޭހަކަށް މިއަދު މިވަނީ ޒައިތޫނި ތެޔޮ ވެފައެވެ.

ބަދަން (ނަޓްސް)

ބައެއްމީހުން ގަބޫލުކުރާގޮތުގައި އެކިވައްތަރުގެ ބަދަން ކާ މީހުންގެ ޢުމުރު ދިގެވެ. މިއީވެސް ހާސްވެ އަންތަރީސްވާވަރުގެ ކަމެއްނޫނެވެ. ބަދަނަކީވެސް އޭގައި އަންސެޓިޔުރޭޓެޑް ފެޓްސް އެކުލެވޭ އެއްޗެކެވެ. ހަމަ ކުރިން ބުނެވުނުފަދައިން ޒައިތޫނިން ލިބޭ ފައިދާތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރަށް ވިޓަމިންސް، މިނެރަލްސް، ތަފާތު ވައްތަރުގެ ޕޮލީކެމިކަލްސް އަދި ހަމައެހެންމެ، މީގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެއެވެ.

ޔޯގަޓް

1970 ގެ އަހަރުތަކުގެ ތެރޭގައި، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސަތޭކަ އަހަރު ފުރިފައިވާ މީހުން ނުތިބޭވަރަށް، ސޯވިއެޓް ޖޯޖިއާގައި ސަތޭކައަހަރު ފުރިފައިވާ މީހުން ތިބޭ ވާހަކަ ތުންތުންމަތިން ދެކެވެއެވެ. އެދުވަސްވަރުގެ ރިޕޯޓުތައް ބުނާގޮތުން މިޤައުމުގެ މީހުންގެ ޢުމުރު ދިގުވަނީ ޔޯގަޓް ކައިގެންނެވެ. ޢުމުރު ދިގުވުމާއި ޔޯގަރޓް އާއި ހުރި ސީދާގުޅުމެއް އެނގެން ނެތްކަމުގައިވިޔަސް، ޔޯގަޓް އަކީ އޭގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. އޯސްޓިއޯޕޮރޯސިސް ނުވަތަ ދިވެހިން ކިޔާގޮތުންނަމަ ކަށި ފީވުމުގެބަލިން ސަލާމަތްވުމަށް ކެލްސިއަމްއަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ހަމައެހެންމެ، ވަރަށްގިނަ ރަނގަޅު ބެކްޓީރިއާވެސް ޔޯގަރޓްގައި ހިމެނެއެވެ. އެހެންވެ، ބަނޑުގެ ސިއްހަތު ރައްކާތެރިކޮށްދޭ އަދި ޢުމުރުން ދުވަސްވުމުގެ ގޮތުން ބަނޑާއި ގޮހޮރަށް ދިމާވާ އެކިއެކި ބަލިތަކުން ސަލާމަތްކޮށްދޭ އެއްޗަކަށް ޔޯގަޓްވަނީ ވެފައެވެ.