ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯލިޝަން ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގާސިމް ހުންނަވާނީ ކޯލިޝަނުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވެގެން ނުދާނެ ކަމަށާއި ކޯލިޝަން ޕާޓީތަށް ތިބޭނީ އެކީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގާސިމް ހުންނަވާނީ ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުގައި. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ރައީސް ޔާމީންއާ އެކު ކޯލިޝަން ހަދާތަނެއް އަޅުގަނޑަކަށް ނުފެނޭ. ނުވެސް ހައްދަވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ގާސިމް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި ހިޔާލުތަފާތުވުންތައް އުފެދިގެން އުޅެނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކަމަށްވާއިރު، އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.
މިކަމާ ޖޭޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވަނީ ޖޭޕީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެކަމުގައި ގާސިމް އާއެކު ކުރިއަށްދާން ތައްޔާރަށް ތިއްބެވި ކަމަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ބައެއް ބޭފުޅުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.