Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ޕީއެންސީ އާއި މެދު އެއްވެސް ޒާތީކަމެއް ނެތް، 3100 ފޯމް ސައްހަ: ޝަރީފު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މެދު އެއްވެސް ޒާތީކަމެއް ނުގެންގުޅޭ ކަމަށާއި އެޕާޓީ އުފެއްދުމަށް އިލެކްޝަނުން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެމުން އަންނަ ކަމަށް އިލެކްޝަން ކަމިޝަންއިން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 3100 ފޯމުގެ ސައްހަކަން މިއަދު ކަށަވަރުވުމާއި އެކު ޕާޓީ އުފެެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދީފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ޕީއެެންސީއިން ފުރަތަމަ ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަކަން ކަށަވަރުވީ 1900 ފޯމުކަމަށެވެ. ޝަރީފު ވިދާޅުވީ ޕީއެންސީ އުފެއްދުމަށް 5400 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހެޅިކަމަށެވެ. އަދި އޭގެ ތެރެއިން ސައްހަކަން ކަށަވަރު ކުރުމަށް 500 މީހުންގެ ފޯމު ރެންޑަމްކޮށް ނަގައި ގުޅައިގެން މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުން އެ ފޯމުތަކުގެ ތެރެއިން ސައްހަވީ 30 ޕަސެންޓު ފޯމު ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ރެންޑަމް 500 ފޯމު ނަގައިގެން ފުރަތަމަ ކަމިޝަނުން ވެރިފައި ކުރުމަށް މަސައްކަތް ކުރީ، އެގޮތުން ގުޅި މީހުންގެ ތެެރެއިން 30 ޕަސެންޓު ފޯމު ވެރިފައި ކުރެވުނީ، ބައެއް ފޯމުތަކުގައި ހުރީ ބަންގްލަދޭޝް މީހުންގެ ނަންބަރުތައް، ބައެއް މީހުން ބުނި ސޮއި ނުކުރާ ކަމަށް"

ޝަރީފު ވިދާޅުވީ 500 ފޯމު ޗެކް ކުރުމަށް ފަހު އޭގެ ފަހުން ކަމިޝަނުން ފޯމު ހުށަހަޅާފައިވާ 4000 މީހުންނަށް ވަކިވަކިން ގުޅައި ވެރިފައި ކުރުވި ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށް ވީހާވެސް އަވަހަށް ހުއްދަދޭން، ރޭވެސް ވަރަަށް ލަސްވަންދެން ފޯމު ޗެކު ކުރުމުގެ މަސައްކަތް ވެސް ކުރި އަދި އޮފީސް ނިމުނު ފަހުން ހުރިހާ ފޯމުތަކެއް ޗެކްވީ، އެކަމަކު އަޅުގަނޑުމެން ކަމިޝަނުން ވާނެ ހުއްދަ ދީފަ، އެއީ އޭގެ ތެރެއިން 3100 ފޯމު މުޅިން ސައްހަވީމަ، އިތުރަށް ލަސްކުރާކަށް ކަމިޝަނުން ބޭނުންނުވީ، އަޅުގަނޑުމެން އެއްވެސް ގޮތަކަށް ޒާތީ ނުވަން"

ޝަރީފު ވިދާޅުވިއެވެ.

ޕީއެންސީގެ ރަޖިސްޓްރޭޝަން ލަސްވަނީ އެ ކަމިޝަނުން ޒާތީވެގެން ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެވާހަކަތައް ޝަރީފު ދޮގު ކުރެއްވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ޕީޕީއެެމްއިން ދަނީ އިލެކްޝަން ކަމިޝަންގެ މެމްބަރުންނަށާއި، ވަކިން ހާއްސަކޮށް އިލެކްޝަންގެ ރައީސް ޝަރީފަށް ފާޑު ކިޔަމުންނެވެ.