Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭ އިސްލާހަށް ވޯޓު ނުދޭތި: އުމަރު

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުން މަޖިލީހަށް ވާދަނުކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

މި އިސްލާހާ ގުޅިގެން އުމަރު މިއަދު ވިދާޅުވީ ވަކި ބޭފުޅުން ތަކަކަށް ޓާގެޓްކޮށް 65 އަހަރުވެފައިވާ ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ޕީޕީއެމުން މަޖިލީހަށް ހުށަހެޅި ދުވަހު، އެމްއެމްޕީއާރްސީގެ ވަގު ފައިސާގެ ބާރުގައި އެމްޑީޕީ މެންބަރުން އެ އިސްލާހަށް ވޯޓު ދެއްވި ކަމަށެވެ.

އަދި މިއަދު އަނެއްކާވެސް ވަކި ބޭފުޅުން ތަކަކަށް ޓާގެޓް ކޮށްގެން ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ޕީޕީއެމާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީ އިން ވޯޓް ނުދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށާއި އުސޫލާއި ހަމަ އަބަދުވެސް ހިފަހައްޓަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް ދިއްދޫގެ ދާއިރާގެ މެމްބަރުން ހުށަހަޅާފައިވާއިރު އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. ނަޝީދު ވާދަކުރައްވަން ނިންމަވާފައިވަނީ މައްޗަންގޯޅީ މެދު ދާއިރާ އަށެވެ.

މި އިސްލާހާ ގުޅިގެން ލަތީފް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ އިސްލާހު އަނބުރާ ނެގުމަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ ލަތީފަށް އަންގާފައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ އިސްލާހު އަނބުރާ ނަގާފައެއް ނުވެއެވެ.

ލަތީފް ވިދާޅުވީ، އެ އިސްލާހު ހުށައެޅީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު އިނާޔަތްތަކެއް ދެވިފައިވާހިނދު، އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް އައުމަކީ ކަރާމާތަށް ލިބޭ އުނިކަމެއް ކަމުގައި ދެކޭތީ ކަމަށެވެ.