Last Updated: August 21, 22:37
Thursday, August 21, 2025
ޚަބަރު

ރައީސް އަށް އެއްބާރުލުން ދިނުމުގައި އެމްއާރްއެމް ދެމި އޮންނާނެ: މައުމޫން

11 ޑިސެމްބަރ 2018: ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންނެވި. މި ރަސްމިއްޔާތުގައި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން ދިވެހި ނޫސްވެރިކަމުގެ އަރުތައިގެ އިނާމް އާއި، އަލިމަސް ގަލަން އަދި ރަން ގަލަން ވަނީ ދިވެހި ނޫސްވެރިންނަށް އަރުވާފައި، ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެއްބާރުލުން ދެއްވުމުގައި މައުމޫން ރިފޯމް މޫމެންޓް (އެމްއާރްއެމް) ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓުމަށް އެމްއާރްއެމް އިން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ގާނޫނުތަށް ނަގަހައްޓައި ރަނގަޅު ވެރިކަމެއް ކޮށްދެއްވުމަށް ރައީސް ސޯލިހު އަށް އެއްބާރުލުން ދެއްވުމުގައި ވެސް އެމްއާރްއެމް ދެމި އޮންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މި ހިޔާލުތަފާތުވުންތައް އުފެދިގެން އުޅެނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ކަމަށްވާއިރު، އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މިކަމާ ޖޭޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދިފަހުން ވަނީ ޖޭޕީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާ އެކު ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ބާއްވާ ޖަލްސާތަކުގައި ގާސިމް ގެންދަވަނީ އެމްޑީޕީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ވެސް ރައްދު ކުރައްވަމުންނެވެ.