ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 73 ވަނަ މާއްދާގެ (ހ) އަށް ނަންބަރެއް އިތުރުކުރުމަށްޓަކައި މިހާރު، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުލްލަޠީފް ހުށަހަޅާފައިވާ އިސްލާޚް ފާސްވެއްޖެނަމަ، ދިވެހިރާއްޖޭގެ ރައިސްކަން ކުރައްވާފައިވާ ފަރާތަކަށް ރައްޔިތުންގެ މަޖްލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުނީ އެވެ.
މިއާއި އެކު އުފެދޭ ސުވާލަކީ މިއީ، ވަކި މީހަކަށް، އަމާޒުކޮށް ވަކި މީހަކު މަޖްލިސް ތަޅުމަށް ވަދެވިޔަ ނުދިނުމަށް ފާސްކުރަން ހުށަހަޅާފައިވާ އިސްލާހެއްތޯއެވެ. މަޖްލީހުގައި މީގެ ކުރިންވެސް ވަކިވަކި މީހުންނަށް އަމާޒުކޮށް ވަކި ކަންތަކެއް ހާސިލް ކުރުމަށް ވަނީ ގާނޫނުތައް ހަދާފައެވެ. އަދި ވަކި މަގްސަދުތަކެއް ހާސިލް ކުރުމަށް ގާނޫނު އަސާސީއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
މަޖްލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލަން ވަގުތު ކުޑަތަން ވަމުން އަންނަ އިރު މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކަ އަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން މަޖްލިސްގައި ވާދަ ނުކުރެވޭ ގޮތް ހެދުމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު މަޖްލިސްގައި ވާދަ ކުރައްވާނެކަން އިއްލާން ކުރައްވައި ޕާޓީ ޓިކެޓު ހޯއްދަވައިގެން ހުންނެވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު ނޫން ބޭފުޅަކު އަދި މަޖްލިސްގައި ވާދަ ކުރައްވާނެކަން އިއްލާން ނުކުރައްވައެވެ. އެހެންވެ މި އިސްލާހަކީ ރައީސް ނަޝީދަށް އަމާޒު ކުރެވިފައިވާ އިސްލާހެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.
މި އިސްލާހާއިއެކު ދެން އޮތީ ޤާނޫނީ ސުވާލެކެވެ. ރައީސްކަން ކުރެއްވި ބޭފުޅަކަށް މަޖްލީހަށް ކުރިމަތި ނުލެއްވޭއިރު، ވަކި ނާއިބްރައިސް ކަންކުރެއްވި ބޭފުޅަކަށް، ކުރިމަތި ލައި އިންތިޚާބް ވުމުގެ ފުރުޞަތު ލިބެންޖެހޭތޯއެވެ؟
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ އަށް ރިޢާޔަތް ކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަކީ، އެއް އިންތިޚާބެއްގައި، އެއް ޕޯސްޓަރެއްގައި އެއް ކެންޑިޑޭޓް ނަންބަރެއްގެ ދަށުން، އެއް ރައްޔިތުންތަކެއް ވޯޓު ލައިގެން، އެއް ދުވަހެއްގައި، އެއް ރަސްމިއްޔާތެއްގައި ހުވާކޮށް މަޤާމް އާއި ހަވާލުވާ ދެބޭފުޅުންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ހުސްވެއްޖެނަމަ، އިތުރު އިންތިޚާބަކާއި ނުލައި މަޤާމް ހަވާލުކުރަންޖެހޭ ފަރާތެވެ. އެހެންކަމުގައި ވަނީ ނަމަ، ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅަކަށް ކުރިމަތި ނުލެވޭ އިންތިޚާބަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަޤާމް އަދާކުރެއްވި ބޭފުޅަކަށް ކުރިމަތި ލެވިދާނެތޯ މިއީ ޤާނޫނީގޮތުން އުފެދޭ ސުވާލެކެވެ.
ޤާނޫނުއަސާސީގެ 117 ވަނަ މާއްދާ އަށް ރިޢާޔަތްކުރާ އިރު، "އެއްވެސް ސަބަބަކާހުރެ ރައިސުލްޖުމްހޫރިއްޔާ އޭނަގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީގޮތުން އުޛުރުވެރިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ޤާނޫނުއަސާސީގެ 119 ވަނަ މާއްދާ އަށް ބަލާއިރު، ކޮށްގެން ނުވާނެ ކަންތައްތަކުގައިވެސް، މިދެމަޤާމުގެ އެއްވެސް ފަރަޤެއް ނުވަތަ ތަފާތެއް ފެންނާކަށް ނެތެވެ. މިދެންނެވި މަޤާމްތައް ޤާނޫނުގައި ވާގޮތުގެމަތިން ފުރިހަމަކޮށްފައިވާ ފަރާތަކަށް ދޭހިމާޔަތާއި ރައްކާތެރިކަމަކީވެސް، ދާދި އެއް މިންވަރެއްގައި ޤާނޫނުގައި ކަނޑައެޅިފައިވާ އިނާޔަތާއި، ހިމާޔަތާއި ރައްކާތެރިކަމެކެވެ.
އެހެންކަމުން، ވަކިމީހަކަށް، ވަކިގޮތަކަށް ހެދުމުގެ ބޭނުގައި އިޢްޒަތްތެރި މެމްބަރު ޢަބްދުލްލަޠީފް ހުށަހެޅުއްވި ޤާނޫނީ ގޮތުން ތާކުންތާކު ނުޖެހޭ އިސްލާހް ފާސްކުރަންވީތޯ މިއަދު ދިވެހިރައްޔިތުން ސުވާލު ކުރަންޖެހެއެވެ. މިފަދަ ތާކުންތާކު ނުޖެހޭ ގާނޫނުތައް އުފައްދައި ހުށަހަޅާ ފަރާތްތަކަށް 19 ވަނަ މަޖްލިސްއިން ރައްޔިތުން ޖާގަދޭކަށް ނުޖެހެއެވެ.
ރައީސް ކަން ކުރެއްވި ބޭފުޅަށް މަޖްލިސްއަށް ވާދަ ނުކުރެއްވޭ ގޮތަށް ހަދާއިރު ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާރޓިގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒާގެ މަޤާމްގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަށް މަޖްލީހަށް ކުރިމަތި ލެވިދާނެތޯ އެއްވެސް ބޭފުޅަކު ސުވާލު ނުއުފައްދައެވެ.
ޤާނޫނީ ހަމަތަކުން ބަލާއިރު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު އާއި އަދި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ކޮންމެ ބޭފުޅަކަށްވެސް އޮންނަން ޖެހޭނީ، ޤާނޫނީގޮތުން އެއް ހަމައެކެވެ. ރައީސް ނަޝީދު އަށް ކުރިމަތި ނުލެވޭނެ ނަމަ، ދެން ޑރ. ޖަމީލުއަށް މެމްބަރުކަމަށް ކުރިމަތިލެވިދާނެ ތޯ މިއީ ވަރަށް ބޮޑު ސުވާލެކެވެ. އެހެނީ، ޤާނޫނީ ގޮތުން، ކޮންމެ ރައްޔިތަކަށްމެ، ލިބެންޖެހޭ ރައްކާތެރިކަމާއި، ހިމާޔަތަކީ، ހައްޤަކީ އެއްވެސް ގޮތަކުން ތަފާގުކުރުމެއްނެތި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ހަމުގެ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ލިބެންޖޭނެ ހިމާޔަތާއި، ރައްކާތެރިކަމާއި ހައްޤުތަކަކަށް ނުވާތިއެވެ.