ތަރައްގީގެ ވާހަކަ އެންމެ ބޮޑަށް ދައްކަވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި މާލޭގައި ދިރިއުޅޭއިރު މިކަންކަން އިހުސާސް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި މިއީ ބަދަލުކުރަންޖެހޭ ހާލަތެއް ކަމަށާއި ޖުމްހޫރީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ އޮތީ ރައްޔިތުންނަށް މަންފާތަކެއް ކޮށްދިނުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ހަގީގަތުގައި ދިވެހިރާއްޖޭގެ ތަރައްގީގެ ވާހަކަ އެންމެ ބޮޑަށް ދައްކަވަނީ އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހިމް. ތަރައްގީގެ ވާހަކަ ދެކެވި، ތަރައްގީ ގެނައުމަށްޓަކާ މަސައްކަތްތަކެއް ކުރުމުގެ ވައްޓަފާޅި ވެސް ހުންނެވީ އެމަނިކުފާނުގެ. އެހެންވީމަ ހުރިހާ އެންމެން އެމަނިކުފާނާ އެކީ މަސައްކަތް ކުރަމުން މިދަނީ ރާއްޖެ އަށް ތަރައްގީ ގެނައުމަށްޓަކާ" ނާޒިމް ވިދާޅުވިއެވެ.
އަދި މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ދެވޭނީ މަޖިލީހުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ގިނަ ބަޔަކަށް މަސައްކަތް ކުރަން ފުރުސަތު ލިބިގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން ރޭގެ ޖަލްސާގައި ނާޒިމް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އެހެން ޕާޓީއަކާ ކޯލިޝަން ހައްދަވަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.
އެގޮތުން ނާޒިމް ވިދާޅުވީ މި ސަރުކާރު ދަމަހައްޓަން ގާސިމް އަށް ވުރެ ބޮޑަށް ބޭނުންވާ މީހަކު ނެތް ކަމަށާއި ސަރުކާރު ދެމެހެއްޓުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވާފައިވާ ކަމަށެވެ.
އަދި ގާސިމްއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެނީ ސާބިތުކަމާއެކު ހުންނަވާތީ ކަމަށާއި މި ގައުމަށް މިހާތަނަށް ދިމާވި އެންމެ އުނދަގޫ ވަގުތުތަކުގައި ގައުމު ސަލާމަތް ކުރުމަށް ނިކުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ގާސިމް ކަމަށް ނާޒިމް ވިދާޅުވިއެވެ.