Last Updated: July 15, 09:59
Wednesday, July 15, 2026
ޚަބަރު

އަނެއް ދިވެހިރާއްޖެ އަށް ދާކަށް ބޭނުމެއް ނޫން: ގާސިމް

އަނެއް ދިވެހިރާއްޖެ އަށް ދާން ބޭނުން ނުވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި މީގެކުރިން އެހެން ދީނެއްގެ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް އެ ދިމާލަށް އަނެއްކާވެސް ދިވެހިން ވާސިލުކުރުމަށް "އަނެއް ދިވެހިރާއްޖެ" އޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ.

"އަނެއް ދިވެހި ރާއްޖެ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކާށޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ އެ ދާނަށް ދާކަށެއް" ގާސިމް ވިދާޅުވިއެވެ.

އަނެއް ދިވެހިރާއްޖެ އަށް ދާން ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވިއިރު، އަނެއް ދިވެހިރާއްޖެ އަކީ 2013 ގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި ކެމްޕެއިން ސްލޯގަންއެވެ. ނަޝީދު އޭރު ވިދާޅުވަމުން ގެންދެވީ ދިވެހިން ބޭނުންވާ ފަދަ އަނެއް ދިވެހިރާއްޖެ އެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މީގެއިތުރުން ގާސިމް ވަނީ ރާއްޖޭގައި އޮތް ހަމަޖެހުމާއި އަދި ދީނީ އެއްބަވައިވަންތަކަން ނަގާލުމަށް ވެސް ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގައި ހަމަނުޖެހުން އުފެދި މަސްލަހަތު ގެއްލިގެން ދިޔުމަކީ ރާއްޖެ އަށް ބޭނުންވާ ކަންތައްތަކެއް ނޫން ކަމަށާއި އެފަދަ ކަންތައްތަކެއް ކުރުމުގެ ބާރުވެރިކަން އެއްވެސް މީހަކަށް އޮވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށާއި އެކަން އެގޮތަށް ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އެހެން އެކަންނުވީމާއޭ ކުރިއެރުން ލިބިގެންދާނީ. އަދި އަދުލު އިންސާފުވެސް. އަދި އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއްވެސް އިސްލާހު ކުރެވިގެންދާނީ އޭގެ ހަމަަހަމަ ގޮތުގައި. އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކީ ވެސް" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ގާސިމް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ވެސް ކާމިޔާބު ނުވާނެ ކަމަށް ރޭ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ކުރަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ދުވަހު ވެރިކަން ކުރުމުގެ ފުރުސަތު ނުދެއްވާ ކޮންމެވެސް ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވަން އުޅުއްވަނީ ވެސް އެ ބޭނުމުގައި ކަމަށް ގާސިމް ތުހުމަތު ކުރެއްވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.