ސިޔާސީ ޕާޓީތައް ދަރަންޏަށް ޒިއްމާވާން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށް ގެޒެޓުކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިލެކްޝަނުން ގެނައި އިސްލާހާއި އެކު ކޮންމެ ސިޔާސީ ޕާޓީއަކުން އެޕާޓީއެެއްގެ މުދަލާއި ހިދްމަތަށް ޝަހުސީ ގޮތުން ޒިއްމާވާނެ ފަރާތެއް އިލެކްޝަނަށް ދައްކަން ޖެހެއެވެ. އެމީހަކު ޕާޓީގެ މުދަލާއި ހޯދާ ހިދްމަތަށް ޒިއްމާވާކަމުގެ އިގްރާރެއް ހަދަން ޖެހެއެވެ.
މީގެ އިތުރުން ޕާޓީ އުވާލުމަށް ހުށަހަޅާއިރު ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހަކު ޝަހުސީ ގޮތުން ދަރަންޏަށް ޒިއްމާވާންޖެހެއެވެ.
މި އިސްލާހުތަކާއި އެކު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ހުރަސްތަކެއް ކުރިމަތިލާން ޖެހޭނެއެވެ.
ޕީޕީއެމް ދޫކޮށް ރައީސް ޔާމީނާއި އެމަނިކުފާންގެ ވަފާތެރިން ޕީއެންސީ އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ އިރު ޕީޕީއެމްއިން ދައުލަތުގެ ކުންފުނިތަކަށް މިލިއަނުން ފައިސާ ދައްކަން ވަނީ ޖެހިފައެވެ. ޕީޕީއެމް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ އިރު އެޕާޓީގެ ދަރަނިތައް އަދާނުކޮށް ޕާޓީ ދޫކޮށްލާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.
ޕީޕީއެމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި މިހާރު ޕީއެންސީ އުފަެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްއަށް އިލެކްޝަން ކަމިޝަނުން ދޫކުރަން ޖެހޭ ފައިސާ ލިބުމުން ދަރަނި ހަލާސް ކުރާނެކަމަށެވެ.