Last Updated: April 26, 23:59
Saturday, April 27, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ބާވީސްވަނަބައި)

ޝައުން ދިއުމަށްފަހު ފަރަހަނާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޝައުންގެ ސަބަބުން މިހުރިހާ ދުވަހު އޭނާހުރީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ޝައުން ކުރާ ޖެއްސުން އެނގޭއިރުވެސް އެވާހަކަ މީހަކުގާތުގައި ބުނަން ނުކެރިފައި އޭނާހުރީއެވެ. އޭނާގެ ސަބަބުން އާއިންގެ އާއިލާގެ މެދުގައި މައްސަލަޖެހެން ބޭނުންނުވީއެވެ.

ފަރަހަނާޒް މާލެ ބަދަލުވުމުން ތޫބާއަށް ވަރަށްބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. އާއިންގެ އެދުމުގެ މަތިން ހާދީވެސް އާއިންގެ ގެޔަށް ބަދަލުވެއްޖެއެވެ. އެހެންކަމުން އަދި ވަކީންބޮޑަށް އޭނާ އެކަނިވިއެވެ. އޭނާވެސް ކަވެނިކުރަން ބޭނުންވިއެވެ. ނަމަވެސް ކިޔެވުމަށް ބުރޫއަރާފާނެތީ ބިރުގަންނަނީއެވެ. އާ ސެމެސްޓަރގެ ކިޔެވުން ފެށޭކަށް ދެން މާގިނަ ދުވަހެއްވެސް ނެތެވެ. އެހެންކަމުން އަނެއްކާވެސް ދެކުދިން ބައްދަލުވާނެތީ އޭނާހުރި އުފަލުންނެވެ. މާލެ ބަދަލުވީ ނަމަވެސް ފަރަހަނާޒަށް ވަގުތުވީ ވަރަކުން ތޫބާއަށް ގުޅައި ހާލުބަލައެވެ. ތޫބާގެ ފަރާތުން އަރްވިންގެ މަންމަ ބަލިވެ އެނދުމަތި ކުރި ވާހަކަ އަޑުއިވުމުން ފަރަހަނާޒް ކަންބޮޑުވިއެވެ. އާއިން އޮފީހުން އައުމުން އޭނާ އެވާހާކަ ބުނަން ނިންމިއެވެ.

މެންދުރު ފަސްވީފަހުން އާއިން އޮފީހުން އަތުވެއްޖެއެވެ. ކައިނިމިގެން ކޮޓަރިއަށް ވަނުމުން ފަރަހަނާޒްވެސް އާއިންގެ ފަހަތުން ވަނެވެ. އާއްމުގޮތެއްގައި މިވަގުތަކީ އާއިން އަރާމު ކުރާވަގުތު ކަމުން ފަރަހަނާޒް އާއިންއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ނަމަވެސް މިއަދު އެވާހަކަ ބުނަން ކޮންމެހެންވެސް މުހިއްމު ކަމުގައި އޭނާ ދެކެއެވެ.

" ކިހިނެއްވީ؟…އެއްޗެއް ބުނަން ބޭނުންވީތަ؟.." ފަރަހަނާޒް އެއްޗެއް ބުނަން އުޅޭހެން ހީވެގެން އާއިން އަހާލިއެވެ.

" އާއިންގެ…މަންމަ ވަރަށް ބަލި ވާހަކަ ތޫބާ ބުނި…މަންމަގެ ހާލު ބަލާލަން ދާންވީނު…" ޖެހިލުންވެ އިނދެ ފަރަހަނާޒް ބުނެލިއެވެ.
" އަރްވިން ހުންނާނެއްނު.." މަންމަ ބަލި ވާހަކަ އަޑުއިވުމުން ކަންބޮޑުވީ ނަމަވެސް އެކަން ފާޅުނުކޮށް އާއިން ބުނެލިއެވެ.

" އާއިން….އެއީ އާއިންގެވެސް މަންމައެއްނު…ހާލުބަލަން ޖެހޭނެއްނު…" އާއިންގެ އަޅާލުން ކުޑަކަން ފެނިފައި ކުޑަކޮށް ނުރުހުންވެފައި ފަރަހަނާޒް ބުނެލިއެވެ.

" މައިންބަފައިން ދަރިންނާމެދު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް ދަރިންގެ މައްޗަށް ވާޖިބުވެގެންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތަން….ޚާއްސަކޮށް މަންމައަށް….ވީއިރު މަންމަ ބަލިވީމަ މަންމަގެ ހާލުބަލަން ޖެހޭނެއްނު…މައިންގެ ހިތުގަ ޖައްސާފަ ދަރިންނަށް އުފަލުގަ އުޅެވިދާނެތަ؟…އާއިން ދާން ބޭނުން ނޫނިއްޔާ އަހަރެން ދިޔައީ…އަހަރެން ބޭނުން މަންމަގެ ހާލުބަލަން ދާން…." ފަރަހަނާޒް ނަސޭހަތުގެ ބަސްކޮޅެއް އިއްވާލުމުން އާއިންއަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން އިނދެވުނެވެ.

އާއިން އެއްޗެއް ނުބުނެ އިންނަން ފެށުމުން ފަރަހަނާޒް ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި ފޮތެއް ނަގައިގެން އައިސް އާއިންގެ ގާތަށް ހުއްޓުނެވެ.

" އަން…މިކިޔާލާ…އޭރުން އިހުސާސްކުރެވޭނެ މައިންބަފައިންނަށް ކިޔަމަންވުމުގެ މުހިއްމުކަން…" އެފޮތް އާއިންއަށް ދިއްކޮލަމުން ފަރަހަނާޒް ބުންޏެވެ. އާއިން ދެބަހެއްނެތި އެފޮތުގައި ހިފިއެވެ.

" މިއީ އެއްކަލަ ދުވަހަކު އަހަރެން ގަތްދިން ފޮތްދޯ؟…" ފޮތަށް ބަލާލަމުން އެއްޗެއް ހަނދާންވެގެން އާއިން ބުނެލިއެވެ.
" މީ އާއިން ގަތްދިން ފޮތެއްތަ؟…އެކަމު ސޭޓްބުނީ އެފިހާރާއަށް އަހަރުވީމަ ދިން ހަދިޔާއެކޭ…." ފަރަހަނާޒް ވިސްނާލަމުން ބުންޏެވެ. އެވަގުތު އާއިންއަށް ބުނެވުނު އެއްޗާމެދު ވިސްނާލެވުނެވެ.

" އާނ…އެހެންތަ؟…މަހީކުރީ މަށަށް ގަނެވުނު އެއްޗެއް ކަމަށް…" އާއިން އޮޅުވާލަން މަސައްކަތްކުރިއެވެ.

" އާއިން އަހަރެންނަށް ފޮތެއް ގަނެއެއް ނުދެމެއްނު އަދި…އެކަމު އެދުވަހު އެފޮތް ލިބުނު ގޮތާމެދު އަދިވެސް އަހަރެން މިހުރީ ހައިރާންވެފަ….މިއީ އަސްލުވެސް އާއިން ގަތްދިން ފޮތެއްތަ؟…" ޝައްކެއްގެ މަތީގައި ހުރެގެން ފަރަހަނާޒް އަހާލިއެވެ.

" ބުނެބަލަ މިއީ އާއިން ގަތްދިން ފޮތެއްތަ؟…އަހަރެން ބޭނުން އެނގެން" އާއިން ޖަވާބެއް ނުދީ އިނުމުން ފަރަހަނާޒް އަނެއްކާވެސް އަހާލިއެވެ.

ފަރަހަނާޒްއަށް ޝައްކުވީކަން އެނގުމުން އާއިން ވިސްނާލިއެވެ. ފަރަހަނާޒްއަށް އިތުރަށް އޮޅުވާލުމަށްވުރެ ތެދަށް ބުނުން ރަނގަޅުކަމުގައި އޭނާއަށް ވިސްނުނެވެ.

" އާނ…ނާޒް އެދުވަހު އެފޮތް ބޭނުންވެގެން އުޅުނުއިރު އަހަރެންވެސް ހުރިން އެފިހާރައިގަ….ނާޒްދެރަވެގެންހުރެ ދާތީ އަހަރެން އެފޮތް ގެނެދިނީ…" އާއިން އޮޅުން ފިލުވައިދިނެވެ.

" އެހެންވިއްޔާ އަހަރެންގެ ބައްޕައަށް ގަތްދިން ގަމީސްވެސް އެއީ އާއިން ގަތްދިން އެއްޗެއްތަ؟…" ކުއްލިއަކަށް ހަނދާންވެގެން ފަރަހަނާޒް އަހާލިއެވެ. މިފަހަރުވެސް އާއިން އެކަމާ އެއްބަސްވީ އިތުރަށް ފަރަހަނާޒަށް އޮޅުވާނުލެވޭނެކަން އެނގޭތީއެވެ.
" އެދުވަހުވެސް އިއްތިފާޤުން އެފިހާރައިގަ ހުރެވުނީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން ފަރަހަނާޒް އަހާލިއެވެ.

" ނާޒް…މިތާ އިށީނދެބަލަ!…ނާޒްބޭނުން ހުރިހާ ސުވާލެއްގެ ޖަވާބު އަހަރެން ދޭނަން…" ފަރަހަނާޒްގެ އަތުގައި ހިފައި ގާތުގައި ބައިންދަމުން އާއިން ބުނެލިއެވެ.

" އަހަރެންނަށް ހީވަނީ އަހަރެންނަށް ނޭނގޭ ވަރަށްގިނަ ކަންކަން އެބަހުރިހެން…" ވިސްނުމެއްގައި އިނދެފައި ފަރަހަނާޒް ބުންޏެވެ.
" ކޮންމެމީހަކަށް ނޭނގޭ ކިތަންމެ ކަމެއް ހުންނާނެ….އެއީ ކިހިނެއްވީ ކަމެއްތޯ ހޯދަން ނުޖެހޭ ކަންކަން ވެސް ހުންނާނެ…އެއީ މާބޮޑަށް ވިސްނަން ޖެހޭ ކަންކަމެއްނޫން…." އާއިން ބޭނުންވީ ފަރަހަނާޒަށްޓަކައި އޭނާ ކޮށްދިން ކަންކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ. އެކަންކަން ފާޅުކުރީމަށްވުރެ ސިއްރެއްގެ ގޮތުގައި ބޭއްވުމުން ލިބޭ ޘަވާބު އިތުރުވާނެ ކަމުގައި އޭނާ ދެކެއެވެ.

" އާއިންއަށް ކުރިންވެސް އަހަރެން އެނގޭތަ؟…" ފަރަހަނާޒް އަނެއްކާވެސް ސުވާލު ކުރީ އޭނާގެ ހިތުގައި އެސުވާލު އުފެދޭދާ ދުވަސްތަކެއް ވެފައި ވީތީއެވެ. އާއިންއާއި ކައިވެނި ކުރި ހިސާބުން ފެށިގެން އޭނާއަށް އެއިހުސާސް އަބަދުވެސް ކުރެވެމުން ދިޔައެވެ. އަދި އާއިން އޭނާގެ ރަށަށް ދިޔަކަން އުޝާގެ ފަރާތުން އެނގުނުފަހުން އޭނާގެ ހިތުގައި އެޝައްކު މާބޮޑުވިއެވެ. ނަމަވެސް އާއިން އަމިއްލައަށް ނުބުނާތީ އެސުވާލު ކުރަން ނުކެރިފައި ހުރީއެވެ.

" ބުނެބަލަ ކުރިންވެސް އަހަރެން ދަންނަންތަ؟….އެއްދުވަހަކު އުޝާދައްތަ ބުނި އަހަރެމެން ރަށަށް އާއިން ދިޔަ ވާހަކަވެސް….އަހަރެން ފަހުން އެކަމާ ސުވާލުކުރީމަ ބުނީ އުޝާދައްތައަށް އެހެންބުނެވުނީ އޮޅިގެންކަމަށް….އެކަމު އައިރާވެސް ބުނި އާއިން ކޮންމެވެސް ރަށަކަށް ދިޔަ ވާހަކަ…" ފަރަހަނާޒް ހުރީ ހަޤީޤަތް އެނގެން ނުހަނު ބޭނުން ވެފައެވެ.

" ނާޒް…ނާޒްއަށް ހީވަނީތަ އަހަރެން ކަމެއް އޮޅުވާލާހެން….އަހަރެން ކަމެއް ސިއްރުކުރި ނަމަވެސް އެއީ ނާޒްއަށް ރަނގަޅަކަށް ކުރާކަމެއްކަމުގާ ނޫނީ ނުވާނެ…ހަމަގައިމުވެސް އަހަރެން ނާޒްއަށް ދެރައެއް ނުދޭނަން…" އާއިން ބޭނުންވީ އެވާހަކަ އަވަހަށް އޮއްބާލާށެވެ.

" އަހަރެންނަށް އެނގެއޭ ތިކަން…އެކަމު އަހަރެން ހަމައެކަނި މިއެހީ ކުރިންވެސް އާއިންއަށް އަހަރެން އެނގޭތޯ….އެނގޭނަމަ އެހެން ބުނުން އެއީ މައްސަލައެއްތަ؟…" ފަރަހަނާޒް އަހާލިއެވެ.

" މައްސަލައެއްނޫން….އެކަމު އަހަރެން އެނގެއޭ ބުނެފިނަމަ ނާޒް ހިތްހަމަ ޖެހޭނެތަ؟…އިތުރު ސުވާލެއް ނުކުރާނަންތަ؟…" ފަރަހަނާޒްގެ އަތުގައި ހިފާލަމުން އާއިން އަހާލިއެވެ.

" އާއިން ބުނަން ބޭނުން ނުވާނަމަ އެންމެ ރަނގަޅު….އަހަރެން ދެން އެސުވާލެއް ނުކުރާނަން…" ފަރަހަނާޒް އިސްޖަހާލަމުން ބުނެލިއެވެ. އޭނާގެ ހިތުގައި ކިތަންމެ ބޮޑު ޝައުޤުވެރިކަމެއް އޮތްނަމަވެސް އާއިން ބުނަން ބޭނުން ނުވާކަމެއް އޮޅުން ފިލުވާކަށް އޭނާ މަސައްކަތެއް ނުކުރާނެއެވެ. ފަރަހަނާޒް ދެރަވީކަން އެނގުމުން އާއިންގެ ހިތަށް އަސަރުކުރިއެވެ. އެހެންކަމުން އާއިން ނިންމީ ފަރަހަނާޒްގެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.

" ނާޒް…އަހަރެން ދިޔައިން ނާޒްގެ ރަށަށް….އަދި ނާޒްގެ ހުއްދަނެތި ފޮޓޯވެސް ނެގިން….އަސްލު އަހަރެން ޖެހޭނެ އެކަމަށް މާފަށް އެދެންވެސް….އެކަމު ނާޒް ހިތްހަމަ ނުޖެހިދާނެތީ އެހެން ބުނަން ނުކެރިފަ މިހުރިހާ ދުވަހު މިހުރީ…" އާއިން މަޑުމައިތިރި ކަމާއެކު ވާހަކަދެއްކިއެވެ.

" ފޮޓޯއޭ….ކޮންއިރަކު؟…" ފަރަހަނާޒް ހައިރާންވެފައި ސުވާލުކުރިއެވެ. އާއިން އޭނާގެ ފޯނުނަގައި އޭގައިވާ ފޮޓޯތަކާއި ވީޑިއޯ ދެއްކިއެވެ.

" އެދުވަހު ނާޒްގޮސް ކޮންގެޔަކަށްވަނީ؟….އަހަރެން ނާޒް ފަހަތުން ދިޔައިން އެކަމު ނުފެނުން…" އާއިން ހުރީ އެސުވާލުގެ ޖަވާބު ބޭނުންވެފައެވެ.

" އަހަރެންގެ ފަހަތުން ޑްރޯން އަންނާތީ ބިރުންގޮސް އެތާހުރި ފަޅުގެޔަކަށްވަދެ ފިލީ….އަހަރެންނަށް އަޑުއިވުނު ބަޔަކު ވާހަކަދެއްކި އަޑުވެސް….އެހެންވެ ނުކުންނަން ނުކެރިފަހުރީ…." ފަރަހަނާޒް އޮޅުން ފިލުވައިދިނެވެ.

" އެހެންތަ؟…އެނގޭތަ މާޒްހުރި ބިރުން ހަލާލުވެފަ….އޭނަހީކުރީ ތިއީ ޖިންނިއެއްކަމަށް…" އާއިން ހިނިއައިސްފައި ބުންޏެވެ.
" އާއިން ކީއްކުރަން އެރަށަށް ދިޔައީ؟…" ފަރަހަނާޒް ގަޔާވެފައި ސުވާލުކުރިއެވެ.

" ދެންހަމަ ޗުއްޓީވީމަ ދިޔައީ….އަތޮޅުތެރެއަށް ދުވަހަކުވެސް ނުދާތީ ބަލާލަން ދިޔައީ….އަސްލުވެސް ހާދަ ހިތްގައިމޭ އަތޮޅުތެރެ….އެކަހަލަ ރަށެއްގަ އުޅޭމީހަކު މާލެ ކަހަލަތާކު އުޅޭހިތްވެސް ނުވާނެ….ނާޒް މިސްވޭދޯ ރަށްމަތިން…" އާއިން އަހާލިއެވެ.
" އާނ…ހަނދާންވޭ…އެކަމު ރަށުގަވެސް އަހަރެންގެ މާގިނަ ރަށްޓެހިންނެއް ނޫނީ ތިމާގެމީހުންނެއް ނޫޅޭ….އެހެންވެ އަހަރެންނަށް މިހާރު މާލެ މާ ރަނގަޅު…" ފަރަހަނާޒް އޭނާގެ ހިތުގައިވާ ގޮތަށް ބުނެލިއެވެ.

" އަހަރެން ވަރަށް އުފާވޭ ނާޒް އުފާވެފަ ހުންނާތީ….އަބަދުވެސް ތިހެން އުވާފެފަ ހުރޭ އިނގޭ…." ނާޒްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ތުންފަތުގައި އާއިން ބޮސްދިނެވެ.

" އާއިން ބުނެގެންތަ އުޝާދައްތަ އަހަރެންނަށް ގުޅީ؟" ކުއްލިއަކަށް ފަރަހަނާޒް ކޮށްލި ސުވާލުން އާއިންއަށް ހުއްޓުން އެރިއެވެ. ފަރަހަނާޒްއަށް އެހާދުރަށް ވިސްނާލަން އެނގިދާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

" ކީއްވެ ތިހެން ތިބުނީ؟…" ނޭނގޭ ކަމަށް ހެދެމުން އާއިން އަވަސް އަވަހަށް އަހާލިއެވެ.

" އެއީ…އާއިން ތިބުނިގޮތުން ވިއްޔާ އާއިން އެރަށުގަ ހުއްޓާ އުޝާދައްތަ އަހަރެންނަށް ގުޅީ….އަދި މާލެއައިސް އެގޭގެ ހުރެވޭނެގޮތް ހެދުމާ، ސެލޫންއިން ވަޒީފާ ހަމަޖެހުންވެސް އެއީ އުޝާދައްތަ ކޮށްދިންކަމެއް….އެހުރިހާކަމެއް މީހަކު ހަމަހުރެ ނުކޮށްދޭނެއްނު…އަދި އަހަރެން މާލެއައިފަހުން އުޝާދައްތަ އެންޖީއޯގެ ވާހަކަ ދުވަހަކުވެސް ނުދައްކާ…..އުޝާދައްތަ އެންޖީއޯއެއް ހިންގާކަމެއް ތޫބާއަކަށްވެސް ނޭނގޭ….އެކަންކަމާ އަހަރެން ވަރަށް ވިސްނިން…އެކަމު މިއަދާ ހަމައަށްވެސް އެދެވޭ ޖަވާބެއް ނުލިބޭ…އެކަމު އަހަރެންނަށް ހީވަނީ އާއިންއަށް ހުރިހާކަމެއް އެނގޭނެހެން….ނޫންތަ؟…" އާއިންގެ ލޮލަށް ބަލާލަމުން ފަރަހަނާޒް އަހާލިއެވެ.
އާއިން އިރުކޮޅަކު ފަރަހަނާޒްގެ މޫނަށް ބަލަންއިނުމަށްފަހު، ފަރަހަނާޒްގެ އުނަގަނޑުގައި އަތްއަޅުވާލަމުން ގެނެސް އޭނާގެ އުނގުތެރެއަށް ލިއެވެ.

" ނާޒް ފެނުނު ފުރަތަމަ ވަގުތުންފެށިގެން އަހަރެންގެ ހިތުގަ ނާޒްއަށް ޚާއްސަކަމެއް ދެވުނު….އެހެންވެ އަހަރެން ނާޒްގެ ހުރިހާ މައުލޫމާތެއް ހޯދިން….އިމާދުއާ ނާޒް މެރީކުރަން އުޅޭކަން އެނގުމުން އަހަރެންނަށް ރުޅިވެސް އާދެވުނު…އަދި ނާޒް އެއްދުވަހު ރައްޓެއްސަކާ ފޯނުން ދެއްކި ވާހަކަ އަހަރެންނަށް އަޑުއިވުމުން، އަހަރެން ބޭނުންވީ ނާޒް އިމާދުގެ ކައިރިން ސަލާމަތްކުރަން….އޭރުވެސް އަހަރެންނަކަށް ނޭނގޭ ނާޒް ދެކެ ލޯބިވެވުނުކަމެއް…އެކަމު އަހަރެންގެ ހިތް އެދެމުން ދިޔައީ ނާޒްއަށް ދުނިޔޭގެ ހުރިހާ އުފަލެއްދޭން….މިހާރު އަހަރެންނަށް ގަބޫލުކުރެވޭ އޭރުވެސް ނާޒްދެކެ ލޯބިވެވުނުކަން…އަދި މިހާރު ފާޅުގަ މިބުނަނީ އަހަރެން ނާޒްދެކެ ވަރަށް ލޯބިވޭ….ވަރަށްބޮޑަށް ލޯބިވޭ…" އާއިން ފަރަހަނާޒްގެ ނިތްކުރީގައާއި ތުންފަތުގައި ބޮސްދެމުން އޭނާގެ ލޯތްބަށް ތަކުރާރުކޮށް އިޤުރާރުވަމުން ދިޔައެވެ. އާއިންގެ ވާހަކަތައް އަޑުއިވުމުން ފަރަހަނާޒްގެ ދެލޯ ފެންކަޅިވީ އުފަލުންނެވެ. އޭނާދެކެ އެއްވެސްމީހަކު އެހާބޮޑަށް ލޯބިވެދާނެކަމަށް ގަބޫލު ކުރެވިފައިވެސް ނުވެއެވެ.

" މިހާރު ޖަވާބު ލިބިއްޖެތަ؟…ނޫނީ އަދި އޮޅުން ނުފިލާ އެއްޗެއް އެބައޮތްތަ؟…" ފަރަހަނާޒްއާ ހަތަރުކަޅި ހަމަކޮށްލަމުން ލާނެއްގޮތަކަށް އާއިން އަހާލިއެވެ.

" ކީއްވެ އަހަރެންދެކެ އެހާލޯބިވެވުނީ؟…އަހަރެންނަށް ނުވެސް އެނގޭ އާއިން ކިޔާމީހަކު ދުނިޔޭގަ އުޅޭކަންވެސް، އަދި އަހަރެންނަށް އެހާބޮޑަށް އެހީތެރިވަމުން ދިޔަކަމެއްވެސް….އަހަރެން ކިހިނެއް ތި އިހުސާންތެރިކަމުގެ އަގު އަދާކުރާނީ…" އާއިން އޭނާއަށްޓަކައި ކޮށްދިން ކަންކަން އިހުސާސްވުމުން ފަރަހަނާޒްގެ ހިތަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އާއިންއަށް ދަރާފައިވާކަމުގެ އިހުސާސެއް ކުރެވުނެވެ.

" ހަޤީޤަތުގާ އަހަރެން ވެދިން އިހުސާންތެރިކަމަށްވުރެ ބޮޑު އިހުސާންތެރިކަމެއް ނާޒް އަހަރެންނަށް ވެދީފި…އަހަރެންނަށް މަގު ގެއްލިފާ ވަނިކޮށް ނާޒް އަހަރެން ހަމަ މަގަށް ގެނެސްދީފި…އެވަރުން އަހަރެންނަށް ފުދޭ…އަހަރެން އެދެނީ އަބަދުވެސް ތިޔަގޮތުގާ އަހަރެންނަށް މަގުދައްކައިދިނުމަށް…އަނެއް ދުނިޔޭންވެސް އަހަރެން އެދެނީ ނާޒް ލިބުމަށް…އެކަންވާނެތަ؟.." އާއިން ސީރިއަސްވެލާފައި އަހާލިއެވެ.

" އިންޝާ ﷲ…އަހަރެންވެސް އެދެނީ އެގޮތް….އެކަމު އާއިން ޖެހޭނެ އަހަރެންގެ ނަސޭހަތް ގަބޫލުކުރަން….އޭރުން އަހަރެންނަށް މިގޮތަށް ދެމިހުންނަން ފަސޭހަވާނީ…" ފަރަހަނާޒް އެހެން ބުނެލުމުން އާއިން ބޯޖަހާލިއެވެ.

" އެހެއްވިއްޔާ މަންމައާ ބައްދަލުކުރޭ….މާޒީގާ ކަންތައް ހިނގާދިޔަގޮތް ރަނގަޅަށް އޮޅުންފިލުވާ…އަދި މަންމައަށް މާފުކޮށްދީފަ ހިތްހެޔޮކުރޭ!…އެއީ އަހަރެން އެދޭ އެދުމަކީ….މަންމައަކު ނެތުމަކީ އިންސާނަކަށް ލިބޭ ކިހާބޮޑު ނިކަމެތިކަމެއްކަން ޚުދު އަހަރެންނަށްވެސް އެނގޭ….އެހެންވީމަ މަންމަ ދުނިޔޭގަ ހުއްޓާ މަންމަގެ ރުހުން ހޯދާ…އެހެންނޫނީ ވަގުތު ފާއިތުވެދާނެ…އޭރުން ހަޤީޤަތް އެނގުނު ނަމަވެސް ކުރެވޭނެކަމެއް ނޯންނާނެ…" ފަރަހަނާޒް ވިސްނުންތެރިކަމާއެކު ދެއްކި ވާހަކަތައް އާއިން ކަނުލާ އަޑުއެހިއެވެ. އަދި މަންމައާ ބައްދަލުކުރުމަށް އޭނާ އެއްބަސްވިއެވެ.

" ނާޒް…އަހަރެން ކޮށްދިން އެއްވެސްކަމެއްގެ ވާހަކަ އިތުރުމީހަކު ގާތު ނުބުނައްޗޭ….ބައްޕަގާތުގަވެސް….އެއީ އަހަރެންގެ ވަރަށްބޮޑު އެދުމެއް…" އާއިން ސީރިއަސްކަމާއެކު އެދުނެވެ.

" ނުބުނާނަން…އާއިންގެ ކޮންމެ ސިއްރަކީ އަހަރެންގެވެސް ސިއްރެއް.." އާއިންގެ އަތުގައި ހިފާލަމުން ފަރަހަނާޒް ޔަޤީންކަން ދިނެވެ.
" އަހަރެން ހިތަށްއަރާ އަހަރެންހާ ނަސީބު ރަނގަޅުމީހަކު ދުނިޔޭގަ އުޅޭނެބާއޭ….ތިހާ ރަނގަޅު ކިޔަމަންތެރި އަންބަކު ލިބުނީތީ އަހަރެން ހާދައުފާވެޔޭ…." އާއިން ހީލަމުން ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. އާއިންއާއި ފަރަހަނާޒް ހުޅުމާލެއަށް ދިޔައީ އާއިންގެ މަންމަގެ ހާލު ބަލާލުމަށެވެ. މެންދުރުފަހު ތޫބާއަށް ގުޅުމުން އެނގުނީ މަންމަ މިހާރު ގެޔަށް ދޫކޮށްލާފައި ވާކަމެވެ. އާއިން ކިތަންމެ ޖެހިލުންވީ ނަމަވެސް އެގެޔަށްދާން އޭނާ އެއްބަސްވިއެވެ. ފަރަހަނާޒް ދިންފޮތް ކިޔުމުން އޭނާއަށް ކުރިން ނޭނގޭ ކިތަންމެ އެއްޗެއް އެނގުނެވެ. މިހުރިހާ ދުވަހު އޭނާގެ މަންމައާމެދު ކަންތައްކުރެވުނު ގޮތުން އޭނާ ދެރަވެ ބިރުވެސް ގަތެވެ. މަންމަގެ މާފު ނުލިބިދާނެތީ ޖެހިލުންވެއެވެ.

ދިގު ދަތުރަކަށްފަހު އާއިންއާއި ފަރަހަނާޒްއަށް ހުޅުމާލެއަށް ދެވިއްޖެއެވެ. އަރްވިންމެންގެ ގެޔާއި ތަންކޮޅެއް ދުރުގައި ކާރު ޕާރކް ކުރުމަށްފަހު އާއިންއާއި ފަރަހަނާޒް ކާރުން ފޭބިއެވެ.

" ކިހިނެއްވީ؟.." އިމާރާތާ ހަމައަށް ގޮސްފައި އާއިން ހުއްޓުމުން ފަރަހަނާޒް އަހާލިއެވެ.

" އަހަރެން ވަރަށް ޖެހިލުންވޭ….ކުއްލިއަކަށް ގޮސްފަ ކީކޭތަ އަހަރެން ބުނާނީ؟…މަންމަ ކީކޭ ހީކުރާނީ؟…އަރްވިންވެސް ކީކޭ ހިތަށްއަރާނީ؟…އަހަރެންނަކަށް ނުކެރޭނެ ދާކަށް…" އާއިން ޖެހިލުންވެފައި ބުންޏެވެ.

" އާއިން…އެއީ އާއިންގެ އާއިލާއޭ…އެމީހުން އަބަދުވެސް އާއިންއަށް އިންތިޒާރުކުރޭ…ތޫބާ މެދުވެރިކޮށް އަބަދުވެސް އަހަރެންނާ އާއިންގެ ހާލުބަލާ…..އާއިން ފެނުމުން އެމީހުން ކިހާ އުފާވާނެ..ދެން ކީއްވެ ޖެހިލުންވަނީ…" ފަރަހަނާޒް އާއިންއަށް ހިތްވަރުދިނުމުން އާއިން ފަރަހަނާޒްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ސިޑިން އަރަމުން ދިޔަވަރަކަށް އޭނާގެ ހިތުގެ ތެޅުންވެސް އިތުރުވަމުން ދިޔައެވެ. އޭނާ މަންމައާ ކުރިމަތިލާން މިއުޅެނީ ހާދަގިނަ ދުވަހަކަށްފަހުއެވެ. އޭނާ ފެނުމުން މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަޤީޤަތުގަވެސް މަންމަ އުފާވާނެ ހެއްޔެވެ؟ އަރްވިން ބުނާނީ ކީކޭ ބާއެވެ؟ އޭނާ ދިއުމުން އަރްވިން މަލާމާތް ކުރާނެބާއެވެ؟

" އަދިވެސް ވިސްނަނީތަ؟…" ގޭގެ ދޮރުމަތީ ހުއްޓުނުއިރުވެސް އާއިން ހުރިގޮތުން ފަރަހަނާޒް އަހާލިއެވެ.
" ހޫމް..ވާނެގޮތެއް ނޭނގޭތީ ހިތްއަވަސްވަނީ…" އާއިން އެހެންބުނިއިރު، އޭނާގެ އަތުގައި ތުރުތުރު އުފެދިފައިވާކަން ފަރަހަނާޒްއަށް އެނގުނެވެ.

" ކަންބޮޑު ނުވޭ…މަންމަ އާއިންއަށް މާފުކުރާނެ…" ފަރަހަނާޒް އަނެއްކާވެސް އާއިންއަށް ހިތްވަރުދިނެވެ.
ފަރަހަނާޒް ބެލްއަޅާލުމުން އާއިން ފުންނޭވާއެއް ދޫކޮށްލިއެވެ.

" ހިނގާ ދާން…މީހަކު ނެތީކަންނޭނގެ…" ދެފަހަރަކު ބެލްއަޅާލުމުންވެސް މީހެއްގެ ޚަބަރެއްނުވުން އާއިން ބުނެލިއެވެ.
" ނޫނޭ މަޑުކުރޭ!…ކުޑަކޮށް ބިޒީ ވަގުތަކަށްވެސް ވެދާނެއްނު…" ފަރަހަނާޒް އާއިން ހުއްޓުވިއެވެ. އިރުކޮޅަކު އިންތިޒާރުކުރި ފަހުން ދޮރުހުޅުވައިފިއެވެ. ދޮރުމަތީގައިހުރި އަރްވިންއަށް އާއިންއާއި ފަރަހަނާޒް ފެނުމުން ހަރަކާތެއްވެސް ކުރަން ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ.

" އާން؟…" ހައިރާންވެފައި އަރްވިންއަށް ބުނެވުނެވެ.

" އަހަރެމެން މިއައީ މަންމަގެ ހާލުބަލާލަން…" އަރްވިންއާއި އާއިން ބަސްހުއްޓިފައި ތިބުމުން ފަރަހަނާޒް އަވަސް އަވަހަށް ބުނެލިއެވެ.

" އާދޭ….އަވަހަށް އާދޭ…" އެތެރެއަށް ވަންނަން ތަންދެމުން އުފަލާއެކު އަރްވިން ބުނެލިއެވެ. އޭރުވެސް އޭނާއަށްހުރީ އާއިން އައީކަމުގައި ގަބޫލު ނުކުރެވިފައެވެ. ހަމަކުއްލިއަކަށް އާއިން އަންނަން ޖެހުނު ސަބަބަކާމެދުވެސް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
އަރްވިންގެ ފަހަތުން ގޮސް އާއިންއާއި ފަރަހަނާޒް އަމީލާގެ ކޮޓަރިއަށްވަނެވެ. އެނދުގައި ލޯމަރައިގެން އޮތް އަމީލާ ފެނިފައި އާއިންގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވެގެން ދިޔައެވެ.

" މަންމާ… ބަލާބަލަ! ކާކުކަން އެނގޭތަ މަންމަ ހޯދަން އައިސް މިހުރީ؟.." އަމީލާގެ މަގަތުން އިށީނދެފައި އަތުގައި ހިފާލަމުން އަރްވިން ގޮވާލިއެވެ. އެއާއެކު ލަސްލަހުން އަމީލާ ލޯހުޅުވާލިއެވެ. އަދި އާއިންއާއި ފަރަހަނާޒަށް ބަލާލިއެވެ. އެއާއެކު ގަބޫލު ނުކުރެވިގެން ދެފަރަހަކު އޭނާއަށް އެސްފިޔަވެސް ޖަހާލެވުނެވެ.

" މަންމާ…އެއީ ހަމަ އާންއޭ…އާން އެހުރީ މަންމަ ބަލިވީމަ ހާލުބަލަން އައިސް…" އާއިން ފެނުމުން ލިބުނު ހައިރާންކަމުން ހަރަކާތެއްވެސް ނެތި ދެލޯބޮޑުކޮށްގެން ބަލަން އިނުމުން އަރްވިން ބުނެލިއެވެ.

" އާދެބަލަ މަންމަގާތަށް…" ފަރަހަނާޒް އާއިންގެ އަތުގައި ހިފައިގެން ގެނެސް އަމީލާގެ ގާތަށް ހުއްޓުނެވެ.

" އިށީނދޭ!.." އަރްވިން އެއްކައިރިއަކަށް ޖެހިލަމުން އާއިންއަށް ތަންދެއްކިއެވެ. އާއިން ޖެހިލުންވެ އިނދެ މަންމަގެ މަގަތުގައި އިށީނެވެ. އަދި އިސްއުފުލައި މަންމަގެ މޫނަށް ބަލާލިއެވެ.

" ދަރިފުޅާ…ދަރިފުޅު މަންމަގާތަށް އައީތަ؟.." ކުއްލިއަކަށް ރޮއެގެންފައި އަމީލާ އާއިންގެ ގައިގާ އޮޅުލައިގަތެވެ. އެފަދަކަމަކަށް ނުވިސްނާ އިން އާއިން ނުވެއްޓުނީވެސް ކިރިޔާއެވެ. ޒަމާންތަކަކަށްފަހު މަންމަގެ ގައިގާ ބީހިލެވުމުން އާއިންއަށް ބުނަން ނޭނގޭފަދަ އިހުސާސެއް ކުރެވުނެވެ. އަދި އިސާހިތަކު އޭނާގެ ލޯ ކަރުނުން ފުރުނެވެ.

ނުނިމޭ