Last Updated: June 10, 13:14
Wednesday, June 10, 2026
މުނިފޫހިފިލުވުން

"އާޝިގީ 2" 100 ކްރޯޑް ކްލަބަށް

މި އަހަރުގެ މިހާތަނަށް ރިލީޒްވި ފިލްމްތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު އެންމެ ބޮޑަށް ލިބުނު "އާޝިގީ 2" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި 100 ކްރޯޑް ކްލަބް ކަށަވަރުކޮށްފި އެވެ.

މިއީ ބަޓް ކޭމްޕްގެ ފިލްމެއް 100 ކްރޯޑް ކްލަބަށް ވަން ވެސް ފުރަތަމަ ފަހަރެވެ. އަދި މިއީ އާ ތަރިންތަކެއް ހިމަނައިގެން ހެދި ފިލްމެއް ނަމަވެސް، ފިލްމަށް ލިބުނު ކާމިޔާބީ އާ ދޭތެރޭ ބަޓް ކޭމްޕްގެ އިތުރުން މި ފިލްމްގެ އަނެެއް ޕްރޮޑިއުސަރު ޓީ ސީރީޒުން ވެސް ވަނީ އުފާފާޅުކޮށްފަ އެވެ.

މޯހިތު ސޫރީ ޑައިރެކްޓްކޮށް އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރި "އާޝިގީ 2" ގެ ތަރިންނަކީ ޝަކްތޫ ކަޕޫރުގެ ދަރިފުޅު ޝްރަދާ ކަޕޫރާއި ޔޫޓީވީގެ ސީއީއޯ އަދި ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރުގެ ކޮއްކޮ އަދިތިޔާ ރޯއި ކަޕޫރެވެ.

ފިލްމަށް ލިބުނު ކާމިޔާބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބަޓް ކެމްޕްގެ ދަށުން ހިނގާ ވިޝޭޝް ފިލްމްގެ ވެރިޔާ މުކޭޝް ބަޓް ބުނީ "އާޝިގީ 2" ތަރިންނާ އެކު ހޯދި ކާމިޔާބަށް އުފާވެ އެކަމާ، ފަހުރުވެރިވާ ކަމަށެވެ. އަދި މިހާތަނަށް އާ ތަރިންތަކެއް ހިމަނައިގެން މި ވަރުގެ ބޮޑު ކާމިޔާބީއެއް "އާޝިގީ 2" އަށް ލިބުމަކީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އޭނާ އަށް ހާސިލް ކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މުކޭޝް ސިފަ ކުރެ އެވެ.

ޓީ ސީރީޒްގެ ޗީފް މެނެޖިން ޑިރެކްޓަރު ބުޝަން ކުމާރު ވެސް "އާޝިގީ 2" ސިފަ ކުރީ "ލޭންޑްމާކް" ފިލްމެއްގެ ގޮތުގަ އެވެ. އޭނާ އަދި ބުނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އަށް 100 އަހަރު ފުރުނު އަހަރުގައު ގެނެސް ދެވުނު މި ފިލްމަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"އާޝިގީ 2" ބޮޑު ކާމިޔާބީއެއް ލިބުނު މައިގަނޑު ސަބަބަކީ ފިލްމްގެ ހިތްގައިމު ރީތި ލަވަތަކެވެ. އަދި ފިލްމްގެ ބަތަލާ ޝްރަދާގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.

މި ފިލްްމްގައި ކިޔައި ދެނީ ޒުވާން ދެ ލަވަ ކިޔުންތެރިއެއްގެ އަސަރު ގަދަ ލޯބީގެ ވާހަކަ އެވެ.

"އާޝިގީ 2" 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އިރު، މި އަހަރު ރިލީޒްވި ފިލްމްތަކުގެ ތެރެއިން އެ މަގާމު ހާސިލް ކުރެވުނު އަނެއް ފިލްމަކީ ބޮޑު ސްޓާ ކާސްޓެއް ހިމެނޭ "ރޭސް 2" އެވެ.