Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އިނގުރު ފެން: ދުޅަހެޔޮ ސިއްޙަތަކަށް ރަނގަޅު ބުއިމެއް!

އިނގުރަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވަރަށް އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އާންމު ގޮތެއްގައި ކާބޯތަކެތީގައި ބޭނުންކުރުމުގެ އިތުރުން އިނގުރަކީ އަޔޫރްވޭދާ އާއި ހޯމިއޯޕަތީ ފަދަ ބޭސްފަރުވާގެ ކަންކަމުގައި ވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.

އިނގުރު ފެން ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އިނގުރު ތުނިކޮށް ކޮށާލުމަށްފަހު 15 މިނެޓް ވަންދެން ފެނު ކައްކާށެވެ. ފެން ހިހޫވުމުން ބޭނުންނަމަ އޭގެ ތެރެއަށް ލުނބޯ ހުތް އެޅިދާނެ އެވެ. މިގޮތަށް އިނގުރު ފެން ތައްޔާރު ކޮށްގެން ހެނދުނު އެއް ތަށި އަދި ރޭގަނޑު ކެއުމުގެ ކުރިން އެއް ތަށި ބުއިމުން ތިރީގައިވާ ފައިދާތައް ލިއްބައިދޭނެ އެވެ.

1. ބްލަޑް ޕްރެޝަރ ރެގިއުލޭޓް ކުރުން

އިނގުރަކީ ލޭ ތުނިކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިނގުރު ފެން ބުއިމަކީ ބްލަޑް ޕްރެޝަރ ކޮންޓްރޯލްކޮށްދޭ އެއްޗެކެވެ. އެގޮތުން ޤަވާއިދުން އިނގުރު ފެން ބުއިމުން ލޭމައްޗަށްދާ މިންވަރު ކުޑަވެގެންދެއެވެ. އަދި ލޭ ގަނޑުވުމުން ވެސް ދުރުހެލިކޮށްދެ އެވެ.

2. ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުން

ހިތުގެ މައްސަލަތައް ހުންނަ މީހުން އިނގުރު ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ. 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އިނގުރަކީ ކޮލެސްޓްރޯލް އާއި ޓްރައިގްލިސެރައިޑް ލެވެލްތައް ދަށްކޮށްދޭ އެއްޗެކެވެ. އެލްޑީއެލް ނުވަތަ ނުބައި ކޮލެސްޓްރޯލް ލެވެލް މާބޮޑަށް މަތިވެއްޖެނަމަ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން އިނގުރު ފެނަކީ މިފަދަ ކޮލެސްޓްރޯލް ލެވެލްތައް ކޮންޓްރޯލްކޮށްދީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.

3. އިންފެކްޝަންތަކަށް ރަނގަޅު އެއްޗެއް

އިނގުރު ފެނުގައި އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ބައޯއެކްޓިވް މާއްދާއެއް ކަމުގައިވާ ޖިންޖެރޯލް އެކުލެވިގެންވެއެވެ. އިނގުރު ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގައި ބެކްޓީރިއާތައް ހެދިބޮޑުވުން ހުއްޓުވައިދެ އެވެ. މީގެ އިތުރުން ތާޒާ އިނގުރަކީ ރެސްޕިރޭޓަރީ ސިންކްޝަލް ވައިރަސް ނުވަތަ އާރްއެސްވީ އާއި ހަނގުރާ ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

4. އެންޓިއޮކްސިޑެންޓްސް ލިއްބައިދޭ

އިނގުރަކީ ގިނަ އަދަދަކަށް ޖިންޖެރޯލް އާއި އެންޓިއޮކްސިޑެންޓް މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އިނގުރު ފެން ބުއިމަކީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްތައް ނައްތާލައި، ޓިޝޫތަކާއި ގުނަވަންތަކަށް ފްރީ ރެޑިކަލްތަކުގެ ސަބަބުން ލިބިދޭ ގެއްލުންތައް ނައްތާލަދޭ ކަމެކެވެ.

5. ލޭ ދައުރުވުން ރަނގަޅުކޮށްދޭ

އިނގުރަކީ ލޭ ދައުރުވުން ރަނގަޅުކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. ސަބަބަކީ ރަނގަޅަށް ލޭ ދައުރުވުމަށް ބޭނުންވާ މާއްދާތައް ކަމުގައިވާ ޒިންކް އާއި މެގްނީސިއަމް އިނގުރުގައި ހިމެނުމެވެ. އެހެންކަމުން އިނގުރު ފެނަކީ ހިތުގެ ސިއްޙަތު ރަނގަޅުކޮށްދޭ އެއްޗެކެވެ.

6. ނިއުޓްރިއެންޓްތައް އެބްޒޯބްކޮށްދޭ

ޤަވާއިދުން އިނގުރު ފެން ބުއިމަކީ ޖުމްލަކޮށް ސިއްޙަތަށް ވަރަށް ފައިދާހުރި ކަމެކެވެ. އެއީ އޭގެ ސަބަބުން ބަނޑުގައި ބައިލް އުފެދޭ މިންވަރު އިތުރުކޮށްދޭތީ އެވެ. އޭގެ ސަބަބުން ލޭގެ ތެރެއަށް ނިއުޓްރިއެންޓްތައް ދަމައިގަންނަ މިންވަރު ރަނގަޅު ވެގެންދެ އެވެ. އިނގުރު ފެނަކީ ހަޖަމުގެ ނިޒާމަށް ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅު އެއްޗެކެވެ.

7. އިންފްލުއެންޒާ އާއި ހަނގުރާމަކުރުމުގައި އެހީތެރިވެދޭ

އިނގުރަކީ ޒަމާނުއްސުރެ ބޭސްފަރުވާގެ ކަންތައްތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އިނގުރު ފެން ބުއިމަކީ އިންފްލުއެންޒާ އާއި އަރިދަފުސް ރޯނގާ ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އިނގުރުގައި އެކްސްޕެކްޓޮރެންޓް މާއްދާތައް އެކުލެވިގެންވުމާއެކު، އިނގުރަކީ މޭމައްޗާއި ކަރު ތެރޭގައި ހަރުލާފައިވާ އަރިދަފުސް ބޭރުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

8. ދިފާޢީ ނިޒާމް ވަރުގަދަކޮށްދިނުން

އިނގުރުގައި އެންޓިބެކްޓީރިއަލް މާއްދާތައް ހިމެނިގެންވާއިރު، އިނގުރު ފެން ބުއިމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ ކަމެކެވެ. އެގޮތުން ގިނަ އިންފެކްޝަންތަކާއި ހަނގުރާމަ ކުރުމުގައި އެހީވުމުގެ އިތުރުން އިނގުރު ފެން ބުއިމަކީ ދާއިމީ ބަލިތަކުން ވެސް ރައްކާތެރިކޮށްދޭ ކަމެކެވެ.

9. އެންޓި-އިންފްލެމޭޓަރީ މާއްދާ ހިމެނުން

އިނގުރަކީ ވަރަށް ގިނަ އެންޓި-އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން އިނގުރު ފެނަކީ މަސްގުޅަކެއުން ކުޑަކޮށްދީ، ހުޅުހުޅުގައި ރިއްސުން ފަސޭހަކޮށްދޭ އެއްޗެކެވެ. އިނގުރު ފެނުގެ އަސަރު ވަގުތުން ވަގުތަށް ނުފެނުނު ކަމުގައިވިޔަސް، ޤަވާއިދުން އިނގުރު ފެން ބުއިމުން އެކަމުގެ ފަސޭހަތައް ފެނިގެންދާނެ އެވެ.

10. ބަރުދަން ލުއިކޮށްދިނުން

އިނގުރު ފެނަކީ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވައިދީ، ޤުދުރަތީ ގޮތުން ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން އިނގުރު ފެން ބުއިމުން ބަނޑު އަދި ފަލަމަސްގަނޑުގައި ހުންނަ ސަރުބީތައް ފަސޭހައިން ވިރުވައިދެ އެވެ.