Last Updated: June 10, 13:14
Wednesday, June 10, 2026
ވިޔަފާރި

އައިސް ޕްލާންޓަށް ތިން ފަރާތަކުން ޝައުގުވެރިވޭ!

އައްޑޫގައި އައިސް ޕްލާންޓެއް ހެދުމަށް ބީލަމަށް ހުޅުވާލުމުން ހަމަވިއިރު، ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރިން ތިން ކުންފުނީގެ ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އައިސް ޕްލާންޓާ އެކު މިހާރު އައްޑޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ ވާހަކަތަކެއް ވެސް ދެކެވެމުން އަންނަ ކަމަަށެވެ. އެހެންވެ ފަހަރުގައި މި ދެ މަސައްކަތް އެކީގައި ވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދި ކުންފުނީގެ ބޯޑުން އެކަމާ ވަކި ގޮތެއް ނުނިންމަ އެވެ.

ދުވާލަކު 100 މެޓްރިކް ޓަނުގެ އައިސް އުފެއްދޭ ވަރުގެ އައިސް ޕްލާންޓެއް އައްޑޫގައި ހަދަން ނިންމައި، އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ. މިކަމަށް ގާތްގަޑަކަށް 10 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

ކޫއްޑޫން މީގެ ކުރިން އައްޑޫގައި ދަޅު މަސް ބަންދު ކުރާ ފެކްޓްރީއެއް ހަދަން ވެސް ނިންމި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ކޫއްޑޫގައި ކުރި ހަޅުތާލަކަށް ފަހު އެ ޕްރޮޖެކްޓް ވަނީ ހުއްޓާލައިފަ އެވެ.