Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ވައްތީނި: މިއީ ބޭނުންނުކޮށް ދޫކޮށްލާވަރުގެ މޭވާއެއް ނޫން

ވައްތީނި

ވައްތީނި ނުވަތަ އިނގިރޭސި ނަމުންނަމަ ފިގް ފުރުޓަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ މީރު މޭވާ އެކެވެ. މިއީ ވެސް އެމޭވާއެއްގައި ތަފާތު މައުދަންތަކާއި، ވިޓަމިންތަކާއި، އަދި ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގައި އަދި ހިއްކައިގެން ވެސް ވައްތީނި ބޭނުންކޮށް އުޅެއެވެ. އަދި ބައެއް ކަހަލަ ކާތަކެތީގެ ތެރޭގައި ވައްތީނި ހިމަނައިގެން ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ވައްތީނިން ލިބޭ ޞިއްޙީ ފައިދާތައް ނުހަނު ގިނައެވެ. އޭގެ ތެރޭގައި އެއްކަމަކީ ބަރުދަން ލުއިކުރުން ހިމެނެއެވެ. ވައްތީނީގައި ފައިބަރު ހުރުމަކީ އެކަމުގެ ސަބަބުން، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިސަބަބާހުރެ އާދަޔާ ޚިލާފަށް ފަލަ މީހުން ނުވަތަ ފަލަ ބަލީގެ އަހުލުވެރިންނަށް ވައްތީނި ބޭނުންކުރަން އިރުޝާދު ދެއެވެ. އެހެން ނަމަވެސް ވައްތީނި ބޭނުންކުރުމުގައި ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވާ މީހުން، ސަމާލުކަންދޭންޖެހޭ މުހިއްމު ކަމެއް ވެއެވެ. އެއީ ކިރާއެކު ވައްތީނި ބޭނުން ނުކުރުމެވެ. އެގޮތަށް ވައްތީނި ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން އިތުރުވެއެވެ.

ވައްތީނީ ބޭނުންކޮށްގެން ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރެވިދާނެއެވެ. ވައްތީނީގައި "ޕެކްޓިން" އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ހުރެއެވެ. ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ވައްތީނި ފަތް ބޭނުންކުރުމަކީ، ލޭގައި ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލައިސެރައިޑް" ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ޓްރައިގްލައިސެރައިޑްގެ މިންވަރު މަތިވުމަކީ ފަލަވުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މިއީ ހިތުގެ ބަލިތަކުން ރައްކާތެރިކުރުމަށް ވެސް ބޭނުންކުރެވިދާނެ މޭވާއެކެވެ. ވައްތީނީގައި އޮމެގާ-3- ފެޓީ އެސިޑް، އަދި އޮމެގާ-6- ފެޓީ އެސިޑް ހުރެއެވެ. މިފެޓީ އެސިޑް ތަކަކީ ކްރޯނަރީ އާޓަރީ އާއި (ހިތަށް ލޭފޮނުވައިދޭ މައި ލޭހޮޅި) ގުޅޭ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ މާއްދާ ތަކެކެވެ.

ބަނޑުހިކުމަށް ލުއިތަކެއް ވައްތީނިން ހޯދިދާނެއެވެ. ވައްތީނީގައި ޑައެޓްރީ ފައިބަރު ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ބަނޑުހިކުމުގެ މައްސަލަ ހައްލުކޮށްދީ، ހަޖަމުކުރުން ފަސޭހަކަށް، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑު ފަސޭހަކޮށްދޭ ކަމެކެވެ. ވައްތީނި ބޭނުންކުރުމުން، ބަނޑުހިކުން ލުއިކޮށްދޭ އަނެއް ސަބަބަކީ، ވައްތީނީގައި ގިނަ އަދަދަކަށް "ސެލިއުލޯޒް" ހުރުމެވެ. ވައްތީނީގައި ހުންނަ ކުދިކުދި އޮށްތަކުގައި، ގޮހޮރުގެ އެތެރޭގައި "ޕެރިސްޓަލްސިސް" އޭ ކިޔޭ ހަރަކާތް ގެނެސްގެން ކާތަކެތި ހަޖަމުކުރާ ނިޒާމްގެ ތިރީ ބައިތަކަށް ފޮނުވާލުމުގެ ބާރު ހުރެއެވެ. މިސަބަބާހުރެ، ވައްތީނި ބޭނުންކުރުމުން ބޮޑުކަމުދާ ތަކެތި ފަސޭހައިން ބޭރުވެ، ބަނޑާއި ގޮހޮރު ސާފުވެގެން ދެއެވެ.

މީގެ އިތުރުން ވެސް ވައްތީނި ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެގޮތުން ވައްތީނީގައި ފައިބަރު ހުރުމަކީ ގޮހޮރުގައި ހުންނަ ކެންސަރަށް މަގުފަހިކުރާ މާއްދާތައް ނައްތާލައި ގޮހޮރު އެފަދަ މާއްދާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުން ދުރެވެ. ވައްތީނީގައި ފައިބަރު ހުރުމަކީ އިއްދައިން ކެނޑުމަށްފަހު، އުރަމަތީގެ ކެންސަރު ޖެހުން ވެސް ކުޑަކޮށްދޭ ކަމެކެވެ.

އިސްވެ ބަޔާންކުރެވުނު ކަންތަކުގެ އިތުރުން ވެސް ގިނަ ކަންތަކަކަށް ވައްތީނި ބޭނުން ކުރެވިދާނެއެވެ. އޭގެ ތެރޭގައި:

ހަކުރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން : ހަކުރު ބަލީގެ މީހުން ފައިބަރު ގިނަ ހުންނަ ކާނާ ބޭނުންކުރުމުގެ ގޮތުން ވައްތީނި ބޭނުންކުރުމަށް އެމެރިކާގެ ހަކުރު ބަލީގެ ޖަމްޢިއްޔާއިން އިރުޝާދު ދެއެވެ. ވައްތީނި ގަހުގެ ފަތް ބޭނުންކުރުމަކީ ހަކުރު ބަލީގެ މީހުންގެ ތެރެއިން އިންސިއުލިން އިންޖެކްޝަން ފަރުވާގެ ގޮތުގައި ނަގާ މީހުންނަށް، އެއިންސިއުލިން އިންޖެކްޝަން ނަގަންޖެހޭ މިންވަރު ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ވައްތީނީގައި ޕޮޓޭސިއަމް އެކުލެވިފައި ހުރުމަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ވައްތީނި ގަހުގެ ފަތުގައި ވެސް ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ހުރެއެވެ. އެހެން ދިރާސާއެއްގައި ބުނާގޮތުން ވައްތީނީގައި ހިމެނޭ "ކްލޯރޯޖެނިކް އެސިޑް" އަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ.

ލޭމައްޗަށްދިއުމުން ރައްކާތެރިކޮށްދިނުން : ސޯޑިއަމް ހަށިގަނޑަށް ލިބެނީ ކެއުމުގައި ބޭނުންކުރާ ލޮނުގެ ބާވަތްތަކުގެ ތެރެއިންނެވެ. ކެއުމުގައި ސޯޑިއަމް ގިނަ، ޕޮޓޭސިއަމް މަދު ކާނާ ބޭނުންކުރުމަކީ ލޭމައްޗަށްދިއުމަށް މަގުފަހިވާ ކަމެކެވެ. ވައްތީންޏަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން ވައްތީނި ބޭނުންކުރުމަކީ، ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.

ޖިންސީ ވަޅޯކަން : ވަރަށްކުރިއްސުރެ އެނގިފައިވާ ގޮތުގައި ޖިންސީ ވަޅޯކަން ކުޑަކުރުމަށް ވައްތީންޏަކީ ރަގަޅު މޭވާ އެކެވެ. 3-2 ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި ފޯކުރަން އެއްރޭ ވަންދެން ބާއްވާށެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު، އެވައްތީނިތައް ބޭނުންކުރާށެވެ. މިއީ ޖިންސީ ވަޅޯކަން ދިމާވެފައިވާ މީހުންނަށް، ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހިކި ކަދުރާއި، އާމަންޑް އަދި ވައްތީނި ބަޓަރާއި އެކު ބޭނުންކުރުމަކީ ވެސް ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމެއްކަމަށް ބުނެވެއެވެ.

ކަށިތައް ވަރުގަދަކުރުން : ވައްތީނި އަކީ އޭގައ ކެލްސިއަމް އަދި ޕޮޓޭސިއަމް ގިނައިން ހިމެނޭ މޭވާ އެކެވެ. މިއީ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް ލިބުމަކީ، ސޯޑިއަމް ގިނައިން ހަށިގަނޑަށް ވަނުމާއި ގުޅިގެން، ކުޑަކަމުދާ ތަކެއްޗާއިއެކު، ކެލްސިއަމް ބޭރުވެގެންދާ މިންވަރު ވެސް ދަށްކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކެލްސިއަމް މަދުވުމުގެ ސަބަބުން، ކަށިތައް ތުނިވުމުން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ އެވެ.

މެކިޔުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިކޮށްދިނުން : އުމުރުން ދުވަސްވީ މީހުންނަށް ލޮލަށް ފެނުމުގައި މައްސަލަތައް އެންމެ އާންމުކޮށް ދިމާވަނީ މެކިޔުލަރ ޑިޖެނެރޭޝަންގެ ސަބަބުންނެވެ. އާންމުކޮށް ވައްތީންޏާއި، އަދި އެހެނިހެން މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ އެބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އޭ ހަށިގަނޑަށް ލިބި، އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ.

ނޭވާހިއްލުމުގެ އުދަނގޫތައް ލުއިކޮށްދިނުން : ވައްތީންޏަކީ ނޭވާހިއްލުމުގެ އުދަނގޫ ހުންނަ މީހުންނަށް ފައިދާހުރި ބޭނުންތެރި މޭވާއެކެވެ. ކަރާއި، ފުއްޕާމޭގެ ތެރޭގައި އަރިދަފުހާއި، ދަވަ ހިފާފައި ހުންނަ މީހުން، ގިނައިން ވައްތީނި ބޭނުންކުރުމުން، ދަވަތައް ފަސޭހައިން ބޭރުވެ، ލުއިކަން ލިއްބައި ދެއެވެ.

މައުލޫމާތު: ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ ލިޔުމަކުން އަދި އިންޓަނެޓުން