Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ތޭވީސްވަނަބައި)

" ދަރިފުޅާ…ދަރިފުޅު މަންމަގާތަށް އައީތަ؟.." ކުއްލިއަކަށް ރޮއެގެންފައި އަމީލާ އާއިންގެ ގައިގާ އޮޅުލައިގަތެވެ. އެފަދަކަމަކަށް ނުވިސްނާ އިން އާއިން ނުވެއްޓުނީވެސް ކިރިޔާއެވެ. ޒަމާންތަކަކަށްފަހު މަންމަގެ ގައިގާ ބީހިލެވުމުން އާއިންއަށް ބުނަން ނޭނގޭފަދަ އިހުސާސެއް ކުރެވުނެވެ. އަދި އިސާހިތަކު އޭނާގެ ލޯ ކަރުނުން ފުރުނެވެ. އާއިން އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ކުޑަމިނުން އޭނާގެ ދޫވެސް ހަރަކާތެއް ނުކުރިއެވެ. ދެލޯމަރާލަމުން މަންމަގެ ގައިގާ ބާރަށް ބައްދާލުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ. އެމަންޒަރު ބަލަންތިބި އަރްވިންއާއިން ފަރަހަނާޒްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އެދެމައިންނަށް ވަގުތުކޮޅެއް ދިނުމަށްފަހު އަރްވިންއާއި ފަރަހަނާޒް ކޮޓަރިން ނުކުތެވެ.

" ދަރިފުޅާ މަންމައަށް މާފުކުރޭ! މަންމަ އެއްގޮތަކަށްވެސް ދަރިފުޅު ދޫކޮށްލީކީ ނޫން…މަންމަގެ ޙަޔާތުން އެންމެ ދުވަހެއްވެސް ނުދޭ ދަރިފުޅުގެ މަތިން ހަނދާންނުވާ…..މަންމަ ވަރަށް މަސައްކަތްކުރިން ދަރިފުޅު ހޯދަން…" އަމީލާ ރޮއެ ރޮއެފައި އާއިންގެ ކިބައިން މާފަށް އެދުނެވެ.
މަންމަ ހިތުގައި ވާވަރު ފެނިފައި އާއިންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
" މަންމަ އަހަރެންދެކެ ތިހާ ލޯބިވާއިރު، މަންމަ ކީއްވެ އަހަރެން ދޫކޮށް އައީ؟…" އާއިން ވަރަށް ހިތްވަރުކޮށްފައި އޭނާ ބޭނުންވާ ސުވާލުކުރިއެވެ. އެވަގުތު އަމީލާ ހިނދުކޮޅަކަށް ހިމޭންވިއެވެ. އޭނާ އެވާހަކަ ކިޔައިދޭންވީބާއޭ ނުވަތަ ނޫންބާއޭ ހިތަށްއެރިއެވެ.
" ދަރިފުޅާ…މަންމަ ބޭނުން ސަބަބު ބުނެދޭން….އެކަމު ދަރިފުޅު އެކަމާ ރުޅިނައިސް ކެތްތެރިވާންވާނެ…" އަމީލާ އެދުނެވެ.
" މަންމާ….އަހަރެން ރުޅިއެއް ނާންނާނަން….ކުޑައިރުއްސުރެ އަހަރެން މިހުންނަނީ މިސުވާލު މަންމައާ ކުރަން ބޭނުންވެފަ…އެހެންވީމަ މަންމަ ކޮންމެ ޖަވާބެއް ދިން ނަމަވެސް އަހަރެން ކެތްތެރިކަމާއެކު އަޑުއަހާނަން…" އާއިން ޔަޤީންކަން ދިނެވެ.
އަމީލާ ވިސްނާލަން އިރުކޮޅަކު އިނދެފައި އޭނާގެ ހިތި މާޒީގެ ވާހަކަ ކިޔައިދޭން ފެށިއެވެ.
*****
ސުކޫލު ދައުރުއްސުރެ އަމީލާއާއި އާޒިމް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ނަމަވެސް ސުކޫލު ދައުރުނިމި މަތީތައުލީމު ހާސިލްކުރުމަށްޓަކައި އާޒިމް ރާއްޖެއިން ބޭރަށް ދިޔަ ހިސާބުން ފެށިގެން އެދެމީހުންގެ ގުޅުން ކެނޑުނެވެ. އެދުވަސްވަރު އަމީލާގެ ހަޔާތަށް އަލީގެ ހިޔަނި އެޅުނެވެ. އަލީއަކީ ބޯޓް ދަތުރުކުރާ މީހެކެވެ. އެހެންކަމުން އޭނާގެ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާހުރެއެވެ. އަލީއަށް އަމީލާ ކަމުދިޔަ ހިސާބުން ފެށިގެން އަލީ އަމީލާގެ މައިންބަފައިންނާ ގުޅުން ބަދަހިކުރިއެވެ. އަދި ދަނޑިވަޅުބަލާފައި އަމީލާގެ ކައިވެންޏަށް އެދުނެވެ. އަމީލާގެ އާއިލާއަކީ ނިކަމެތި އާއިލާއެއްކަމުން އަމީލާއަށް އިތުރަށް ކިޔައިވައިދޭކަށް އެމީހުން ނުވިސްނިއެވެ. އެމީހުން ބޭނުންވީ ވީހާވެސް އަވަހަށް އަމީލާގެ ކައިވެނި ކުރުވުމަށެވެ.

އަލީގެ ފައިސާއިން އާއިލާއަށް ތަނަވަސްކަމެއް ލިބޭނެ ކަމުގެ އުއްމީދުގައި އަމީލާގެ މައިންބަފައިން އޭނާގެ ކައިވެނި އަލީއާ ކުރީ އަމީލާ އެކަމަށް އިންކާރުކޮށް ރޮއެ ރޮއެ އޮއްވައެވެ. އަލީއަށް އަމީލާ ހާސިލްވި ނަމަވެސް އޭނާގެ ލޯތްބެއް ހާސިލެއް ނުވިއެވެ. ގިނަ ދުވަސްތަކެއްނުވެ އަމީލާ އަރްވިންއަށް ބަލިވެ އިނެވެ. އެދުވަސްވަރު، އަލީގެ އުޅުން މުޅިން ބަދަލުވިއެވެ. އަމީލާއާ ސިއްރުން އެތައް އަންހެނުންނަކާ އޭނާ ގުޅުން ބާއްވަމުން ދިޔައެވެ. އެކަމާ އަމީލާ ސުވާލު ކޮށްފިނަމަ އަމީލާއަށް އަނިޔާވެސް ކުރަންފެށިއެވެ. މިހުރިހާ ކަމަކަށްވެސް އަމީލާ ކެތްކުރަމުން ދިޔައީ އަރްވިންއަށްޓަކައެވެ. ނަމަވެސް އަރްވިން ވިހެއުމުންވެސް އަލީގެ އުޅުމަކަށް އެއްވެސް ބަދަލެއް ނައެވެ. އޭނާގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.

އަމީލާއަށް އަލީއާއެކު އިތުރަށް ކެތްނުވާނެހެން ހީވުމުން އޭނާ ވަރިޔަށް އެދުނެވެ. އަލީ އަމީލާ ވަރިކުރުމަށްފަހު ފުރައިގެން ދިޔައީ އަނެއްކާވެސް ބޯޓްދަތުރު ކުރުމަށެވެ. އަމީލާ އޭނާގެ ކައިވެނި ރޫޅުނީތީ އެކަމާ ހިތާމަކުރިއެވެ. އޭނާ އެނބުރި ގެޔަށް ދިޔަނަމަވެސް އޭނާގެ މައިންބަފައިންގެ ފަރާތުންވެސް ލިބުނީ ނަފްރަތާއި ރުޅިވެރިކަމެވެ. އެއްބަޑު މީހުންގެވެސް އެއްވެސް އަޅާލުމެއް ނުލިބުނެވެ. އެންމެފަހުން އޭނާ ވަޒީފާއެއް ހޯދަން ނިންމިއެވެ. މާމޮޅަށް ކިޔަވިފައި ނެތްނަމަވެސް ކޮންމެވެސް ވަޒީފާއެއް ލިބޭނެކަމުގެ އުއްމީދުގައި އޭނާ މަސައްކަތް ފެށިއެވެ. އެގޮތަށް އުޅުމުގެ ތެރޭގައި އޭނާއަށް އަނެއްކާވެސް އާޒިމްއާ ބައްދަލުވިއެވެ. އާޒިމްހުރީ އަމީލާ އޭނާއަށް އިންތިޒާރު ނުކޮށް ކައިވެނިކުރީތީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އަމީލާގެ ހާލު އެނގުމުން އޭނާގެ ހިތުގައިވި ރުޅިވެރިކަން ފިލާދިޔައެވެ. އަދި އޭނާގެ ބައްޕަ ފަހުމީގެ ނުރުހުމުގައި އަމީލާއާއި ކައިވެނިވެސް ކުރިއެވެ.

ބައްޕަގެ ރުހުން ލިބޭންދެން އާޒިމް އުޅުނީ އަމީލާއާއެކީގައި ތަނެއް ކުއްޔަށް ހިފައިގެން ވަކީންނެވެ. ނަމަވެސް އެންމެފަހުން ބައްޕަ އާދޭސްކުރަން ފެށުމުން އަމީލާ ގޮވައިގެން ގެޔަށް ބަދަލުވިއެވެ. އާޒިމްގެ ކުރިމަތީގައި އަމީލާއާމެދު ފަހުމީ ނުލާހިކު ރަނގަޅަށް ކަންކަން ކުރެއެވެ. އަދި އަރްވިންނާމެދުވެސް ވަރަށް ގާތްކޮށް ކަންތައްކުރެއެވެ. ނަމަވެސް އާޒިމް ނެތްނަމަ އަމީލާއާއި އަރްވިންއާ ދިމާއަށް ހިތުގައި ޖެހޭފަދަ ކިތަންމެ ބަހެއް ބުނެއެވެ. އަމީލާ އެގޮތުގައި ކެތްތެރިވެގެން އުޅެނިކޮށް އޭނާއަށް އާއިން ލިބުނެވެ. އެކަމާ އާޒިމްގެ އިތުރުން އޭނާގެ ބައްޕަވެސް ނުހަނު އުފާކުރިއެވެ. ކުރިޔާ ޚިލާފަށް އަމީލާއާމެދުވެސް ރަނގަޅަށް ކަންތައް ކުރަން ފެށިއެވެ.
އަމީލާއާއި އާޒިމްގެ ކައިވެންޏަށް ހައަހަރުވީފަހުން އަލީ އެނބުރި މާލެއައެވެ. އަދި އަމީލާ އުޅޭތަން ހޯދައިގެން އައިސް މާފަށްވެސް އެދުނެވެ. އަދި އަރްވިންގެ ހައްޤުގައި އަމީލާ އަލުން އޭނާއާ ގުޅުމަށްވެސް އެދުނެވެ.

" އަލީއަށްވެސް ރަނގަޅަށް އެނގޭނެ އަހަރެން މީ މިހާރު އާޒިމްގެ ހައްޤެއްކަން….އަހަރެންގެ އުރުގަ މިއިނީ އާޒިމްގެ ދަރިއެއް….ވީއިރު އަރްވިންގެ ހައްޤުގާވެސް އަހަރެންނަށް އަލީގެ ޙަޔާތަށް އެނބުރި ދެވޭކަން ނެތް…އެކަމު އަލީބޭނުންނަމަ އަރްވިންގެ ހާލުބަލާ އުޅެވިދާނެ…" އަމީލާ ބެލީ ރީތިކޮށް އަލީއަށް ވިސްނައިދެވޭތޯއެވެ.

ކިތަންމެ ހިތް ނޭނދުނު ނަމަވެސް އަލީއަށް ޖެހުނީ އަމީލާގެ ވާހަކަތައް ގަބޫލުކުރާށެވެ. އޭނާ އަމީލާ ހާސިލްކުރަން ބޭނުންވި ނަމަވެސް، އޭނާގެ އަމިއްލަ ކުށް އިހުސާސް ކުރެވުނުލެއް ބޮޑުކަމުން އޭނާއަށް ޖެހުނީ އަމީލާގެ ބަސް ގަބޫލުކޮށްގެން އަމީލާގެ ޙަޔާތުން ދުރަށްދާށެވެ. އެހެންކަމުން އަރްވިންގެ ހާލުބެލުމަށްޓަކައި އާޒިމްގެވެސް ރުހުމާއެކު ދުވަސް ދުވަހުން އޭނާ އެގެއަށްވެސް އާދެއެވެ. ނަމަވެސް އަމީލާއާ އޭނާއާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. ޚުދު އަލީވެސް އަމީލާއާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ.
ދުވަސްތައް އެގޮތުގައި ވޭތުވަމުން ދަނިކޮށް އަރްވިންގެ އުމުރުން އަހަރުވީފަހުން އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަބަދުވެސް ނެގިމަޑުވެފައި ހުންނަން ފެށިއެވެ. ފަހުމީ ފެންނަނިކޮށް މާބޮޑަށް ބިރުގަންނަކަންވެސް އަމީލާއަށް ފާހަގަވިއެވެ. އެހެންކަމުން އަމީލާ އަރްވިންއާ ސުވާލުކުރިއެވެ. ނަމަވެސް އަރްވިންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އަމީލާ އެކަމާ ކަންބޮޑުވެގެން އުޅޭތާ ދުވަސްކޮޅެއްފަހުން އެއްދުވަހަކު، އޭނާ އަރްވިން ގޭގައި އެކަނި ބަހައްޓާފައި އޭނާ ހޮސްޕިޓަލަށް ދިޔައީ އާއިން ޑޮކްޓަރަށް ދެއްކުމަށެވެ. ހޮސްޕިޓަލުން އެނބުރި އައި މަގުމަތީގައި އާއިން ނިދައިފިއެވެ. އާއިން ބާއްވަން ކޮޓަރިއަށް ވަތްއިރު، އަރްވިން ކޮޓަރިއަކު ނެތެވެ. އެހެންކަމުން އާއިން ބޭއްވުމަށްފަހު އަރްވިން ކޮބައިތޯ ބަލާލުމަށް އޭނާ ނުކުތެވެ. ގޭތެރެ ހަމަހިމޭންކަމުން އެއްވެސް އަޑެއްބަޑެއް ނީވެއެވެ.

އޭނާ އަރްވިން ހޯދަމުން ގޮސް ފަހުމީގެ ކޮޓަރި ދޮރުހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ކަހަލަ އިހުސާސެއް ކުރެވުނެވެ. ފުރަގަހަށް ދެއަތްބަނދެ އަނގަމަތީގައިވެސް ފޮތިގަނޑެއް ބަނދެފައި ބަނޑުވަތަށް އޮތް އަރްވިންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހައިވެފައިވާ ސިންގާއެއްފަދައިން އެކުއްޖާގެ ގައިމައްޗަށް ޖެހިގަނެގެން އޮތް ފަހުމީ ފެނިފައި އަމީލާގެ އެތެރެހަށީގައި ހުޅުރޯވިއެވެ.

" ހަޔާތްކުޑަ އިންސާނާ…ހަމަމިހާރު މަގޭ ދަރިފުޅު ދޫކޮށްލާ!" އަމީލާއަށް ބާރަށް ހަޅޭލަވައިގަތް އަޑަށް އަރްވިންއާއި ފަހުމީވެސް ސިހިގެން ދިޔައެވެ. އަދި އަވަސް އަވަހަށް އޭނާގެ އުނުގައި އޮތް ފޮށާގަނޑު ރަނގަޅުކުރިއެވެ.
އަމީލާ އެއައިގޮތަށް އައިސް ފަހުމީގެ މޫނުގައި ދިލަގަދަ އެތިފަހަރެއް ވިހެލިއެވެ.

" ހުރި ގޮތްކުޑަކަން…ކަލެއަށް ނޭނގޭތަ މީ ކަލޭގެ ކާފަދަރިއެއްކަމެއް…ގޮތް ކުޑަ އިންސާނާ…" އަމީލާ އައިސްފައިވާ ރުޅިން ކިޔޭނުކިޔޭއެއްވެސް ނޭނގުނެވެ. އަމީލާއަށް އޭނާގެ ވިޔާނުދާ އަމަލު ފެނުނީތީ ކަންބޮޑުވީވަރުން ހަދާނެގޮތް ހުސްވެފައި ފަހުމީއަށް ހުރެވުނެވެ. އަމީލާ ވަގުތު ބޭކާރު ނުކޮށް އަރްވިންގެ އަތްމޮހާލައި އަންނައުނު ލައްވައިގެން އެކޮޓަރިން ނުކުތެވެ.

" މަގޭ ދަރިފުޅާ….ކީއްވެތަ ކުރިން އެނުބައިމީހާގެ ވާހަކަ ނުބުނީ؟…މަންމަ އެވަރަށް އެހީމަވެސް ނުބުނެހުރީ ކީއްވެތަ؟.." އަރްވިން ގޮވައިގެން ކޮޓަރިއަށް އައުމަށްފަހު ރޮއެ ރޮއެފައި އަމީލާ އަރްވިންއާ ސުވާލުކުރިއެވެ.

" ކާފަ..ބުނީ މަންމައާ އަ..އަޅު..އަޅުގަނޑުވެސް މަރާ…މަރާލާނަމޭ…" ގިސްލަމުން ހުއްޓަހުއްޓާފައި އަރްވިން ބުންޏެވެ.
" ކިހާ ދުވަހެއް ވެއްޖެތަ އެމީހާ އެކަމެއް ކުރާތާ؟…" އަރްވިންގެ ކަރުނަ ފުހެލަމުން އަމީލާ އަހާލިއެވެ.
" ވަރަށް ގިނަ ދުވަސްވެއްޖެ….ސިކްސް މަންތް ވެއްޖެ…" އަރްވިން ޖަވާބުދިނެވެ. އެވަގުތު އަމީލާ ވީދެރައިން އަރްވިންގެ ގައިގާ އޮޅުލައިގެންފައި ބާރަށް ރޯންފެށުނެވެ. އެހުރިހާ ދުވަސްވީއިރު އޭނާއަށް އެވަރު ނުވިސްނުނީތީ އަރްވިންގެ ކިބައިން އޭނާ މާފަށް އެދުނެވެ. އަދި ވީހާ އަވަހަކަށް އާޒިމްއަށް އެކަން އެންގުމަށްވެސް ނިންމިއެވެ. މިހުރިހާ ދުވަހުވެސް ފަހުމީ އެމީހުނާމެދު ކަންތައްކުރީ ވަރަށް އިހާނެތިކޮށެވެ. ނަމަވެސް ފަހުމީ މިހާގޮތްކުޑަ ވެދާނެކަމަކަށް އޭނާ ދުވަހަކުވެސް ހިއެއްނުކުރެއެވެ. އެވަރުގެ މުޑުދާރު އަމަލެއް ފަހުމީގެ ފުށުން ފެނުމުން އޭނާއަށް ހުރީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. އޭނާ ވިސްނަން އިންދައި ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހުމުން އާޒިމްކަމަށް ހީކޮށް ދޮރުހުޅުވާލިއިރު ހުރީ ފަހުމީއެވެ.

" ކީއްކުރަން ތިއައީ؟…ދާން އުޅޭމިތަނުން…" އަމީލާ ރުޅިއައިސްފައި ދޮރުލައްޕަން އުޅުމުން ފަހުމީ ދޮރުގައި ހިފެހެއްޓިއެވެ.
" އަމީލާ ރުޅިމަޑުކޮށްބަލަ! އަމީލާ މިވާހަކަ އާޒިމް ގާތު ނުބުނެ މިހާ ހިސާބުން ނިންމާލާ….އެހެންނޫނީ ނަތީޖާ މާ ރަގަނޅެއްނުވާނެ…" ފަހުމީ އިންޒާރެއް ދިންފަދައެވެ.

" ކަލޭހީކުރީ ތިހެންބުނީމަ މަ ބިރުގަންނާނެ ކަމަށްތަ؟…މަނުގަންނާނެ ބިރެއް…އާޒިމްގާތު ހުރިހާ ވާހަކައެއް ކިޔައިދޭނަން….ކަމާބެހޭ ފަރާތްތަކަށްވެސް އަންގާނަން…" އަމީލާގެ ޖެހިލުން ކުޑަކަން ފެނިފައި ފަހުމީ ހައިރާންވިއެވެ. އާޒިމްއަށް އެކަން އެނގިއްޖެނަމަ ކަންތައް ވެދާނެގޮތާމެދު އޭނާ ބިރުގަނެވެ. އަނެއްކާވެސް އަމީލާގޮވައިގެން ގެދޫކޮށްފައި އާޒިމް ހިނގައިދާނެތީ އޭނާ ޖެހިލުންވިއެވެ. އެހެންކަމުން އަމީލާއާ ދެބަސްވާން ނުހުރެ ސަލާމަތްވާނެ ގޮތެއް ހޯދަން އޭނާ އަވަސްވެގަތެވެ. އާޒިމްގެ އިންތިޒާރުގައި އަމީލާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދަނިކޮށް އިއްތިފާޤުން އަލީވެސް އަރްވިންގެ ހާލު ދެކިލުމަށްޓަކައި އައެވެ. އަލީ ފެނުމުން އަރްވިންއަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

" ކިހިނެއްވީ ދަރިފުޅާ؟…ދަރިފުޅު ބަލީތަ؟.." އަލީ ލޯތްބާއެކު އަރްވިންއާ ސުވާލުކުރިއެވެ. ނަމަވެސް އަރްވިން އެއްވެސް ޖަވާބެއް ނުދިނެވެ. އެހެންކަމުން އޭނާ ގަސްތުކުރީ އަމީލާގާތު އަހައި އޮޅުން ފިލުވުމަށެވެ.

" ކިހިނެއްވީ އަމީލާ؟…ކީއްވެ އަރްވިން އެރޮނީ؟.." އަލީ ކަންބޮޑުވެފައި އެހިއެވެ.

އަމީލާއަކަށް އިތުރަކަށް ކެތެއްނުވިއެވެ. އެހެންކަމުން އަލީގާތުގައި ފަހުމީގެ ވާހަކަ ކިޔައިދިނެވެ. އަލީއަށް އެވާހަކަ އިވުމުން އިންތިހާއަށް ރުޅިގަދަވިއެވެ. އޭނާއަކީ ކިތަންމެ ނުބައި ނުލަފާމީހެއް ނަމަވެސް އޭނާ އޭނާގެ ދަރިދެކެ ލޯބިވެއެވެ. އެހެންކަމުން އޭނާގެ ލޭގެ ވަގުތުން ހޫނުވިއެވެ. އަމީލާ ވާހަކަދައްކާ ނުނިމެނީ އޭނާ ފަހުމީގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

" އަލީ މަޑުކޮށްބަލަ! އަލީ…" އަމީލާ އަލީ މަޑުކުރެވޭތޯ ބެލިއެވެ. ނަމަވެސް އޭނާއަކަށް ކާމިޔާބެއް ނުވިއެވެ.
އަލީ އެދިޔަގޮތަށް ގޮސް ފަހުމީގެ ކޮޓަރި ދޮރުގައި ތަޅައިގަތުމާއެކު ފަހުމީ ކަންބޮޑުވެފައި ދޮރުހުޅުވިއެވެ. ހަމައެކާއެކު އަލީގެ ވަރުގަދަ ހަމަލާއެއް ފަހުމީގެ މޫނަށް އެރިއެވެ.

" ހަޔާތްކުޑަ މީހާ މަގޭ ދަރީގެ ގަޔަށް އެރީ ކީކޭ ހިތަށް އަރައިގެން…ކަލޭހީކުރީ އެއީ ޔާރެއް އިޔާރެއް ނެތް ކުއްޖެއްކަމަށްތަ؟…މަ ކަލޭ ދިރިހުއްޓާ ދުލެއް ނުކުރާނަން…" އަލީ ރުޅިއައިސް ހުރިވަރުން އެޔެއް މިޔެއް ނުބަލާ ފަހުމީގެ ގައިގާ ތަޅައިގަތެވެ.

" އަލީ…ދޫކުރޭ އޭނަގައިން…ދޫކުރޭ…އޭނަ މަރުވެދާނެ…" އަމީލާ ކަންބޮޑުވެފައި އަލީ ހުއްޓުވަން މަސައްކަތްކުރިއެވެ.

" މިކަހަލަ މީހުންވީ ހަމަ މަރަން….ދުނިޔޭން އަންހެނުން ހުސްވެގެންތަ ކަލޭ މީސްމީހުންގެ ޅަދަރިންގެ ގަޔަށް ތިއަރަނީ….އަދި އެވެސް ފިރިހެން ކުއްޖެކޭ…ކަލޭގެ ލަދުކޮބާތަ؟.." އަލީ އެތިވަރު ގޮވަމުން ފަހުމީގެ ގައިގާ ތަޅަމުން ދިޔައެވެ.

" ދޫކުރޭ…އަމީލާ އާޒިމަށް ގުޅާބަލަ!…ހެޔޮނުވާނެ އަހަރެން ސަލާމަތްކޮށްބަލަ!…" ފަހުމީ ރޮއެ ރޮއެފައި އަމީލާއަށް އާދޭސްކުރަމުން ދިޔައެވެ.

އާޒިމަށް ގުޅުމަށްޓަކައި އަމީލާ ދުވެފައި ނުކުތް ވަގުތަކީ އާޒިމްވެސް ގެޔަށް އައިސް ވަތް ވަގުތެވެ.

" އަމީލާ ކިހިނެއްތަވީ؟…ކީއްވެތަ މާއަޑުގަދަވަނީ؟…" ފަހުމީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އާޒިމް އެހިއެވެ.

" އަވަހަށް ހިނގާބަލަ!…" އަމީލާ ކަންބޮޑުވެފައި ބުނުމުން އާޒިމް ދުވެފައި ގޮސް ފަހުމީގެ ކޮޓަރިއަށް ވަނެވެ.

" އަލީ މޮޔަވީތަ؟…ކިހިނެއްވެގެންތަ ތިއުޅެނީ؟…ދޫކުރޭ ބައްޕަގެ ގައިން…" އާޒިމް ރުޅިއައިސްފައި ގޮސް އަލީ ދުރުކުރިއެވެ.
" އަހަރެންތަ މިއުޅެނީ މޮޔަވެގެން…..ކަލޭގެ ބައްޕަގާތު އަހާބަލަ އޭނާ ކީއްކޮށްގެންތޯ މިއުޅެނީ؟.." އަލީ ލައްކެތްޖަހާފައި އޭނާގެ އަތްފޮޅުވާލަމުން ހަޅޭއްލަވައިގަތެވެ.

" ދަރިފުޅާ….މިދެމީހުން އެއުޅެނީ ދަރިފުޅަށް އޮޅުވާލައިގެން…އެމީހުން ދަރިފުޅާ ސިއްރުން ގަޑެއް ގަންނަނިކޮށް ބައްޕައަށް ފެނުނީމަ އެހެންވެ އެކަން އޮއްބާލަން އެއުޅެނީ…" ފަހުމީ ފުރުސަތުގެ ބޭނުން ހިފައި އަވަހަށް އަމީލާއާއި އަލީގެ ބޮލުގައި ތުހުމަތެއް އެޅުވިއެވެ.

" ލަދުކުޑަ އިންސާނާ….އަދިވެސް ކަލެއަށްވީވަރު ކުޑައީތަ…ކަލޭވީ ހަމަ މަރާލަން.." އަލީ ރުޅިއައިސްފައި ފަހުމީއާ ދިމާއަށް އަތްމަޅާލުމުން އާޒިމް އަލީ ހިފެހެއްޓިއެވެ.

" ކަލޭ ތީކާކު މަގޭ ބައްޕަ މަރާލަން….ކަލެއަށް އެނގޭތަ ކަލޭ ތިހުރީ މަގޭގެ ގޭގެ ފުރާޅޫދަށުގަކަން….ބައްޕަ ގައިގަ ދެން އިނގިލިކުރި ޖައްސާލިއަސް މަގޭހުރި ނުބައިކަން ދައްކާނަން…" އާޒިމް ރުޅިއައިސްފައި އަލީއަށް އިންޒާރެއް ދިނެވެ.
" ބަލަ ކަލޭގެ ބައްޕަ މަގޭދަރީގެ ގަޔަށްއެރީމަވެސް މަހުންނަންވީތަ ބަލަން…ކަލޭހީކުރީތަ މަމީ ހައްޤަކާނުލާ މީހުން މަރާމީހެއްކަމަށް…ތިޔަ ލޯބިވާ ބައްޕަގާތު އަހާބަލަ މަގޭ ދަރިޔާ ނުބެހެންތޯ؟…ހުރިގޮތްކުޑަކަން…މުސްކުޅިވެ ހަންޓޮޓޯވީމަ އަންހެނަކު ނުލިބިގެން މީހުންގެ ޅަފިރިހެން ދަރިންގެ ގަޔަށޭ އަރަންފެށީ…ނޭނގެ ކަލޭގެ ކުޑަދަރިގަޔަށްވެސް މިމީހާ ނާރާކަމެއް…" އަލީ ރުޅިއައިސް އަތްހޫރާލާފައި ބުނި ޖުމްލައިން އާޒިމްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.

" ދެން ހުއްޓާލާ!…ކަލޭގެ އަމިއްލަ ކުށް ފޮރުވަން މަގޭ ބައްޕަގެ ބޮލުގަ ތުހުމަތު އަޅުވާނެ ކަމެއްނެތް…މަށަށް އެނގޭ ކަލޭ މިގެޔަށް އަންނަނީ ދަރިދެކެވާ ލޯބިން ނޫންކަން…ހައަހަރު ވާންދެން ދަރިކޮބައިތޯވެސް ބަލާނުލާ އުޅެ އުޅެފަ ކުއްލިއަކަށް އައިސް ދަރިދެކެ މާލޯތްބެއް ތިވީ…ކަލޭ ބޭނުންވީ އަމީލާ…މަށަށް އެކަން އެނގޭތާ ކިތަންމެ ދުވަހެއް…މަކެތްކޮށްގެން މިހުންނަނީ މަގޭވެސް ދަރިއެއްހުރީތީ…އެކަމު މިއަދު ކަލޭމެންގެ ކައްތައް ހައްދުފަހަނަ އަޅާދިޔައީ…ކަލެއާ ކަލޭގެ ދަރިވެސް މިގެއިން ނުކުމޭ….ހަމަމިހާރު ނުކުމޭ…" އާޒިމް ރުޅިއައިސްފައި ހަޅޭއްލަވައި ގަތުމުން އަލީ ވަގުތުން އެކޮޓަރިން ނުކުތެވެ.

" އާޒިމް…އަލީ އެބުނީ ތެދެކޭ…އަހަރެންގެ ލޮލުންދެކެ އަތުންހިފި ކަމެއްގެ ވާހަކައޭ އަލީ އެދެއްކީ…އާޒިމްގެ ބައްޕައަކީ ތިހީކުރާހާ މާތްމީހެއްނޫން…އޭނާ މިކޮޓަރިތެރޭގަ އަހަރެންގެ ދަރިފުޅަށް ޖިންސީގޯނާކުރަނިކޮށް އަހަރެންގެ ލޮލުން ދެކި އަތުން ހިފީ…އަހަރެން ހުވާކޮށްފަ މިބުނީ މީދޮގެއްނޫނޭ…ޔަޤީންނުވަންޏާ އެކުއްޖާގާތު އަހާބަލަ!…" އަމީލާ އާޒިމްއަށް ހަޤީޤަތް އޮޅުން ފިލުވައިދޭން ބޭނުންވިއެވެ.

" ދަރިފުޅާ އެއީ ހުސްދޮގު….މީނުބައި މަކަރުވެރި އަންހެނެއް…މީނަ ދައްކާ ވާހަކަ އަޑުނާހާ…." ފަހުމީ އަވަސް އަވަހަށް ބުނެލިއެވެ.

އާޒިމް ބަހެއްވެސް ނުބުނެ ކުއްލިއަކަށް އެކޮޓަރިން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން އޭނާ އެނދުގައި އިށިނެވެ. މިވަގުތު އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. ގަބޫލުކުރަންވީ ކާކުގެ ވާހަކަކަމެއް ނޭނގުނެވެ. އެއްކޮޅުން އޭނާގެ ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ލޯބިވާ އަނބިމީހާއެވެ. ދޮގުހަދަނީ އެތަނުން ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. ބައްޕައާމެދު އަމީލާ ދެއްކި ހުތުރު ވާހަކަ ގަބޫލު ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެފަދައިން އަމީލާ އޭނާއަށް ބޭވަފާތެރި ވާނެކަމަކަށްވެސް އޭނާގެ ހިތެއް ގަބޫލެއް ނުކުރެއެވެ.
ނުނިމޭ