Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އެމެރިކާއިން ވާވޭއާ ދެކޮޅަށް ދައުވާ ކުރަނީ

އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް - ފޮޓޯ ރޮއެޓާސް

އެމެރިކާއިން ޗައިނާގެ ވާވޭ ކުންފުންޏާ ދެކޮޅަށް ސިއްރު ލިޔެކިޔުންތަކެއް ވަގަށް ނެގުމާއި އިރާން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައުވާ އުފުލަން ނިންމައިފިއެވެ. މިނިންމުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައަށް ސުލްހަ ކުރަން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޖުމުލަ 23 ދައުވާއެއް އެމެރިކާގެ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ވާވޭއާ ދެކޮޅަށް އުފުލާފައެވެ.

އެމެރިކާގެ އެންގުމާ އެއްގޮތަށް ވާވޭގެ ސީއެފްއޯ ވެންގ ޒޫ ވަނީ ކެނެޑާއިން މިދިޔަ މަހު ހައްޔަރުކޮށްފައެވެ. އޭނާ ކެނެޑާއިން ހައްޔަރުކުރުމަށް ފަހު އެގައުމުގައި ހިފަހައްޓާފައިވާއިރު އެމެރިކާއިން ވަނީ ވެންގ ޒޫ އެމެރިކާއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކެނެޑާއިން ވަނީ އޭނާ ހައްޔަރުކުރީ ކެނެޑާއިން ކަމަށްވާތީ އެމެރިކާއަށް ފޮނުވަން ދެކޮޅު ހަދާފައެވެ.

ޗައިނާއިން ވެންގ ޒޫ މިނިވަން ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވަނިކޮށް އެމެރިކާއިން ކުންފުންޏާ ދެކޮޅަށް ދައުވާ ކުރުމުން އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެމެރިކާގެ އެކްޓިންގ އެޓާނީ ޖެނެރަލް މެތިއު ވިޓޭކާ ނެރުނު ބަޔާނެއްގައި ވަނީ ކުންފުންޏާ ދެކޮޅަށް ދެ ދައުވާއަކީ ސީއެފްއޯ ވެންގ ޒޫއާ ދެކޮޅަށް ވަކި ދައުވާއެއް އުފުލާފައިވާ ކަމަށެވެ. "ޗައިނާ ކުންފުންޏާއި ރައްޔިތުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ބާރުއަޅައި ޔަގީންކުރަން ޖެހޭ" ވިޓެކާ ބުނެފައިވެއެވެ.

ވާވޭއިން ޓީ-މޮބައިލް ޔޫއެސް މެދުވެރިކޮށް ސިއްރު ލިޔެކިޔުންތައް ގާނޫނާއި ޚިލާފަށް ހޯދާފައިވާ ކަމަށް އެއް ދައުވާ ގައި ބުނެފައިވާއިރު ދެވަނަ ދައުވާގައި އިރާން އެއްބަސްވުމާ ޚިލާފަށް އެގައުމާ އެކު ވިޔަފާރިކުރިކަމަށް ދައުވާ އުފުލާފައިވެއެވެ.

އެފްބީއައި ޑިރެކްޓަރ ކްރިސްޓޮފާ ވްރޭ ވެސް ވަނީ މިކަމާ ގުޅިގެން ބަސްދީގަތުމެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ބޭރު ގައުމުތަކުން އެމެރިކާގައި ވިޔަފާރި ކުރުމަށް ފުރުސަތު ދިނުމުން މަކަރާ ހީލަތުން ނާޖާއިޒު ފައިދާ ހޯދުމަށް އެމެރިކާ ތަރުހީބެއް ނުދޭނެ ކަމަށެވެ. އަދި ވާވޭއިން އެގޮތަށް އަމަލު ކޮށްފައިވާތީ އެމައްސަލަ ބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދައުލަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވާވޭއިން ދައުވާތަކާ ގުޅިގެން ބުނެފައިވަނީ އެމެރިކާއިން އަމަލުކުރާ ގޮތުން އެ ކުންފުނި ހިތާމަ ކުރާ ކަމަށެވެ. އުފުލާފައިވާ ދައުވާތަކަކީ އޭގައި އެއްވެސް ބުރަދަނެއް، ހަގީގަތެއް ނެތި އުފުލާފައިވާ ދައުވާތަކެއް ކަމަށާއި ކޯޓުން މައްސަލަ ބަލާއިރު އެކަން ސާފުވެގެން ދާނެ ކަމަށް ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ސީއެފްއޯ މެންގ ގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވެސް ހަގީގަތެއް ނެތް ދައުވާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާ އާއި އެމެރިކާ އަދި ކެނެޑާއާ ދެމެދު އޮތް ގުޅުން ވަނީ މިމައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ހީނަރު ވެފައެވެ. މެންގ ކެނެޑާއިން ހައްޔަރުކުރުމުން ޗައިނާ ކޯޓަކުން ވަނީ އެގައުމުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި 15 އަހަރަށް ޖަލަށް ލެވުނު ކެނެޑާ ރައްޔިތެއްގެ އަދަބު މާ ލުއި ކަމަށް ބުނެ މުރާޖައާ ކުރުމަށް ފަހު މެރުމަށް ހުކުމް ކޮށްފައެވެ.

ކެނެޑާ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެއީ ލާއިންސާނީ ނިންމުމެއް ކަމަށާއި އެފަދަ ހުކުމެއް ބައިނަލްއަގުވާމީ ހަމަތަކުން ބަލައިނުގަނެވޭނެ ކަމަށް ބުނެ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ. ނަމަވެސް ޗައިނާ އިން ބުނީ އެ ހުކުމަކީ ވެންގ ހައްޔަރުކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.