Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

-އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރުމަށް ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ނުކުރަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމަލުކުރީ ހައިކޯޓުން އިއްޔެ ނެރުނު އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އަދީބު ގެ އަށް ބަދަލުކުރުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށާއި އެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އަމުރުކޮށްފައެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައިކޯޓުން އިއްޔެ އަމުރުކޮށްފައިވަނީ، އަދީބުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ބޭސްފަރުވާގެ މައްސަލާގައި ވަކިގޮތެއް ނިމެންދެންނެވެ. ހައިކޯޓުގެ އަމުރާއެކު ރޭގެ ވަގުތެއްގައި އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ.

33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އަދީބު އަނބުރާ ޖަލަށް ބަދަލު ކޮށްފައިވަނީ، ގޭގައި ބަހައްޓައިގެން ފަރުވާދޭން ޑޮކްޓަރު ލަފާދިން މުއްދަތު ހަމަވުމާ ގުޅިގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި އަދީބަށް އެކަށީގެންވާ ސިއްޙީ ފަރުވާ ދޭނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް އަދީބު، ގޭބަންދަށް ބަދަލު ކުރުމަށް ފަހު އަލުން ޖަލަށް ގެންދިޔައީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދިފަހުން ވަނީ ބުނެފައެވެ.

އަދީބު އަނބުރާ ޖަލަށް ގެންދިޔަފަހުން ދެ ފަހަރެއްގެ މަތިން އަދީބުގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.