Last Updated: June 20, 11:06
Friday, June 20, 2025
ޚަބަރު

ފަންނާނުންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާނެ: މައުމޫން

ފަންނާނުންގެ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ފަންނާނުންނަށް އަމާޒުކޮށްގެން ރޭ ފޯރަމެއް ބާއްވާފައިވާއިރު، މައުމޫން ވިދާޅުވީ އެ ފޯރަމްގައި ރޭ ވާހަކަދެއްކި ގިނަ ފަންނާނުން ހުށަހެޅުއްވީ ހަގީގީ މައްސަލަތަކެއް ކަމަށާއި މި މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓަރ ޔުމްނާ މައުމޫން ވެސް ރޭގެ ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވިއިރު ފަންނާނުންގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު މިނިސްޓަރ ޔުމްނާ ވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކޮމިޓީއެއް ހައްދަވާނެކަން އިއުލާން ކުރައްވާފައެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމް ޕްރޮޑިއުސަރުން ބައިވެރިވި މި ފޯރަމުގައި އަތޮޅުތެރޭގައި ފިލްމު އަޅުވައި އިޝްތިހާރު ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ދަންނަވާފައެވެ. އަދި އާކައިވްއެއް ނެތުމުގެ ދައްޗާއި ފިލްމު ދައްކައި ޑިސްޓްރިބިއުޓް ކުރުމުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކުރިއެވެ.

އަތޮޅު ތެރޭގައި ފިލްމު ދެއްކޭނެ ނިޒާމެއް ގާއިމުކުރުމަށް ސިނަމާ ހޯލް ހެދުމަށް ޚިޔާލު ހުށައެޅިގެން ދިޔައެވެ.

ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ މިސަރުކާރަކީ އެއްވެސް ފިކުރެއް ގެންގުޅޭ ބަޔަކު ތަފާތު ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ސަރުކާރު، ޚާއްސަކޮށް ހެރިޓެޖް މިނިސްޓްރީން ފިލްމް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ދަތިތަކަށް ކޮމިޓީ މެދުވެރިކޮށް ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.