Last Updated: April 24, 09:10
Wednesday, April 24, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސައުވީސްވަނަބައި)

އާޒިމް ބަހެއްވެސް ނުބުނެ ކުއްލިއަކަށް އެކޮޓަރިން ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން އޭނާ އެނދުގައި އިށިނެވެ. މިވަގުތު އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. ގަބޫލުކުރަންވީ ކާކުގެ ވާހަކަކަމެއް ނޭނގުނެވެ. އެއްކޮޅުން އޭނާގެ ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ލޯބިވާ އަނބިމީހާއެވެ. ދޮގުހަދަނީ އެތަނުން ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. ބައްޕައާމެދު އަމީލާ ދެއްކި ހުތުރު ވާހަކަ ގަބޫލު ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެފަދައިން އަމީލާ އޭނާއަށް ބޭވަފާތެރި ވާނެކަމަކަށްވެސް އޭނާގެ ހިތެއް ގަބޫލެއް ނުކުރެއެވެ.

" ކޮންތާކަށް އޭނަގޮވައިގެން ތިދަނީ؟" އާޒިމްގެ ފަހަތުން ކޮޓަރިއަށް ވަންނަން އައި އަމީލާއަށް އަރްވިންގެ ކޮޓަރިން ނުކުތް އަލީފެނިފައި އަހާލިއެވެ.

"އަހަރެން މިދަނީ އަހަރެންގެ ދަރިފުޅުގޮވައިގެން….އަމީލާވެސް ބޭނުމިއްޔާ އަހަރެންނާއެކު ދެވިދާނެ…ބޭނުމިއްޔާ މިނުބައިމީހުންގެ ގާތުގަހުރޭ…" އަލީ އަރްވިންގެ އަތުގައި ހިފައިގެން ގެއިން ނުކުތުމަށް ހިނގައިގަންނަމުން ބުންޏެވެ.
" ނޫން އަލީއަށް ތިގޮތަށް އައިސް އަރްވިންއެއް ނުގެންދެވޭނެ…ހަ އަހަރުވާންދެން އަރްވިންބެލީ އަހަރެން އެކަނިމާއެކަނި…އެދުވަހު އަރްވިންއަށް ކަމެއްވިނަމަ އެކަމުގެ ޒިންމާނަގަންހުރީ ހަމައެކަނި އަހަރެން…އަލީއެއްނޫން…އެހެންވީމަ މިއަދުވެސް އަރްވިންގެ ޒިންމާ ނަގާނީ އަހަރެން….އަލީދަންޏާ އެކަނިދޭ…އަހަރެންނަށް އަރްވިން ބެލޭނެ.." އަމީލާ އަވަސް އަވަހަށް ގޮސް އަރްވިންގެ އަތުގައި ހިފިއެވެ.
" އަދިވެސް އަމީލާއަށް އެއްޗެއް ނުވިސްނޭތަ؟…އަމީލާއަށް އަރްވިންއާމެދު އިހުމާލުވެވުނު ކަމެއްނޭނގޭތަ؟…ބުނަން ދެން އިތުރަށް މިޖަނަވާރުން އުޅޭތާނގަ މަގޭދަރި ބަހައްޓާކަށް ބޭނުމެއްނޫން…އަހަރެންދާނީ އަރްވިން ގޮވައިގެން…" އަލީ އޭނާގެ ފަހުބަސް އިއްވާލިއެވެ.
" އަޅުގަނޑު ހުންނާނީ މަންމަގާތުގަ….ބައްޕަދޭ…" ކުއްލިއަކަށް އަރްވިން ބުނެލިބަހުން އަލީއާއި އަމީލާވެސް ހައިރާންކޮށްލިއެވެ.
" ނޫން ދަރިފުޅާ…އެނގެއެއްނު މިތާއުޅެނީ ކިހާ ނުބައިބަޔެއްކަން…އަދިވެސް ދަރިފުޅު މިމީހުންގާތުގަތަ ހުންނަން ބޭނުންވަނީ…" އަލީ އަރްވިންއަށް ވިސްނަދޭން އުޅުނެވެ.
" އަޅުގަނޑު ދިޔައީމަ މަންމަ ދެރަވާނެ…މަންމައާ ނުލާ އަޅުގަނޑަކަށްވެސް ނޫޅެވޭނެ…އަޅުގަނޑު އުޅޭނީ މަންމަގާތުގަ…" އަރްވިން ޔަޤީންކަމާއެކު ބުނެލިއެވެ. ވީއުފަލުން އަމީލާއަށް ބޭއިޚްތިޔާރުގައި އަރްވިންގެ ގައިގާ ބައްދާލެވުނެވެ.

" ތިޔަ ސުންޕާ ކުއްޖާއަށް ދެން މިގެއަކު ނުހުރެވޭނެ…ކަލޭމެން ދެމީހުންވެސް ތިކުއްޖާ ގޮވައިގެން މިގޭންދޭ…އެހެންނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ…" ފަހުމީ އޭނާގެ ކޮޓަރިން ނުކުމެގެން އައި ވަގުތު އަމީލާއާއި އަލީގެ ވާހަކަ އަޑުއިވިފައި ބުންޏެވެ.
" ހުއް…އަދި ލަދެއްވެސް ނުގަނެއެއްނު އެންމެގެ ކުރިމަތީގަ އަނގަހުޅުވާކަށް…ފިސާރި ރަނގަޅަށް ކަލޭ ދުނިޔެއަށް ފަޟީހަތްކޮށްލަންވީދޯ…" އަލީ ރުޅިއައިސްފައި ފަހުމީއަށް ރައްދުދިނެވެ.
" ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ…ކަލޭތީ ކާކުތަ މަށާ ދިމާކުރަން…މީހާގެ ހަސްފަށެއްނެތަސް ފޮނިކަނޑާތި!..މަގޭ އޮފީހުގަ އުޅޭ ސާފުކާމީހާވެސް ކަލެއަށްވުރެ ހަރުދަނާވާނެ…ކަލޭ ތިހާ ހިތްވަރެއް ހުރިއްޔާ ދޭބަލަ މަގޮވައިގެން ކޯޓަށް…އަތުގަ ދެ ފައިސާފޮތިވެސް ނެތް…ދެން ކޮންފޮނިކަމެއް ދައްކާކަށް…" އަލީގެ ވާހަކަތަކުން ލަދުގަތުމުގެ ބަދަލުގައި ފަހުމީ އޭނާގެ މުއްސަނދިކަމާއި ބާރުވެރިކަމުން ބޮޑާވެ ފަޚުރުވެރިވިއެވެ.
" ފެނޭތަ؟..އަދިވެސް މަގޭދަރި މިތާ ބަހައްޓަންވީތަ؟.." އަމީލާއާ ދިމާއަށް ބަލާލަމުން ނުރުހިފައި އަލީ ބުންޏެވެ.
" ކަލޭ އަދިވެސް މިތާ އަޑުގަދަކުރަން ހުރީތަ؟…މިދެން ކިހާދެރަކަމެއް….ކަލޭދެން ފުލުހުންނާ ހަވާލުކުރާނީ…." ގޭތެރޭގައި އަޑުގަދަވާން ފެށުމުން އާޒިމް ނުކުތެވެ.
" އާޒިމް…ކަލޭގެ ބައްޕައަށް ވިސްނަދީބަލަ!…ކީއްވެތަ ބައްޕަގާތު ސުވާލެއްވެސް ކޮށްލަން ނުކެރިގެން ތިއުޅެނީ؟…އޭނަ ކިތަންމެ މާތްވެގެން އުޅުނަސް އަހަރެންގެ ދަރިފުޅާ ނުބެހޭކަމަކަށް ނުވާނެ…ފުލުހުން ގެނެސްފިނަމަ އަހަރެން ބުނާނަން…އަހަރެންނަށް ފެނުނު ހުރިހާ ވާހަކައެއް…" އެންމެފަހުން އަމީލާވެސް އާޒިމްއާ ދެކޮޅަށް ވާހަކަދެއްކިއެވެ.

" ދަރިފުޅަށް ފެނޭތަ ތިއަންހެނާގެ ފެންވަރު….ކުރީގެ ފިރިމީހާ ދަރިފުޅު ދިފާއުކުރަން އުޅޭވަރު….އޭނަ ކަލޭދެކެ ލޯތްބެއްނުވޭ…މިހުރީ އޭނަ ލޯބިވާމީހާ…އަހަރެން ބޭނުމެއްނޫން މިހާ މުޑުދާރު އަންހެނަކު އެންމެ ހިނދުކޮޅަކުވެސް މިގޭގަ ބަހައްޓާކަށް…މިއަދު އާޒިމަށް ޖެހޭނެ ގޮތެއް ނިންމެން…ބައްޕަ ވިއްޔާ ބައްޕަ…މިއަންހެނާ ވިއްޔާ މިއަންހެނާ…ހަމަ މިހާރު ގޮތެއް ނިންމާ…" ފަހުމީ އޭނާގެ ފަހު ހަތިޔާރުގެ ބޭނުން ހިފިއެވެ.

" ބައްޕާ…އަހަރެން އޮފީހުން އައިގޮތަށް މިހުރީ އަރުތެރެއަށް ފެންފޮދެއްވެސް ނުލާ….އަހަރެންގެ ހާލާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟…އަހަންނަށް ވަގުތުކޮޅެއްދީ….އަހަރެން ބޭނުމެއްނޫން…އަންނަރުޅީގަ ކަންކަން ނިންމާކަށް…" އާޒިމް ބޭނުންވީ ވީ އެންމެ އަވަހަކަށް އެ ޒުވާބު މައިތިރިކޮށް ރަނގަޅަށް ވިސްނާލުމަށް ބައްޕައަށްވެސް ފުރުސަތު ދޭށެވެ. އެހެންކަމުން އެހިސާބުން އެންމެންވެސް ހިމޭންވިއެވެ. ފަހުމީ އޭނާގެ ކޮޓަރިއަށް ދިއުމުން އަލީވެސް އެނބުރި އޭނާގެ ގެޔަށް ދިޔައެވެ.

އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެރިއިރާއެކު ފަހުމީހުރީ އާޒިމްއަށް ގޮވައި އޭނާގެ ކޮޓަރިއަށް ގެނައެވެ.
" ދަރިފުޅާ…ކޮންގޮތަކަށް ނިންމީ…" ފަހުމީ ހުރީ އާޒިމްގެ ނިންމުން އަޑުއަހަން ކެތްމަދުވެފައެވެ.
" ބައްޕާ…އަހަރެން އަމީލާދެކެ ލޯބިވޭ….އަހަރެމެންގެ ދަރިޔަކު އެބަހުރި…އަހަރެންނަށް އަމީލާ ދޫކޮށެއްނުލެވޭނެ…" މޮޅިވެރި ރާގަކަށް އާޒިމް ބުންޏެވެ.
" މިހާރު ބައްޕައަށް އެނގިއްޖެ ދަރިފުޅު ބައްޕަދެކެ ލޯބިނުވާކަން…މަޔަކާނުލާ މިވަރުކުރީމަވެސް މިއަދު އަންހެނެއްގެ ބަސް ބައްޕަގެ ބަހަށްވުރެ ދަރިފުޅަށް މުހިއްމު ވެއްޖެ….ދަރިފުޅަށް ހީވޭތަ އޭނަ ބުނާފަދަ މުޑުދާރުކަމެއް ބައްޕަ ދުވަހަކުވެސް ކުރާނެހެން…މިހުރިހާ ދުވަހު މީހަކާ ނީދެހުރިއިރުވެސް ދުވަހަކުވެސް ބައްޕަ އެފަދަކަމެއް ނުކުރަން…ދެން ކީއްވެ މިހާރު ކުރަންވީ؟…އެކަމު އޭނައާ އަލީގެ މެދުގަ ހިނގާދިޔަ ކަންތައް ބައްޕަގެ ލޮލުން ދެކިފަ މިބުނީ…އެކަން އޮއްބަން ވެގެން ބައްޕަގެ ބޮލުގަ ތުހުމަތު އެޅުވީ….ދަރިފުޅުނެތިސް ކިތަންމެ ފަހަރަކު އަލީމިގެޔަށް އާދޭ….ދަރިޔާ ބައްދަލުކުރުމުގެ ނަމުގަ އަންނަނީ…އެކަމަކު ބޭނުމަކީ އަމީލާއާ ގުޅުން ބަދަހިކުރުން…." ފަހުމީ ބެލީ އާޒިމްއަށް ގަބޫލު ކުރެވޭހެން ވިސްނައިދިނުމަށެވެ.

ފަހުމީގެ ވާހަކަތަކުން އާޒިމްގެ ހިތުގައި އަމީލާއާމެދު ޝައްކުގެ އޮޔެވަރެއް ހިނގާލިއެވެ. އޭނާ ޝައްކުކުރަން ބޭނުން ނުވީނަމަވެސް، ބައްޕަ އެބުނިފަދަ ކަމެއް ހިނގާފާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން އޭނާ ވަގުތުން ކޮޓަރިއަށް ގޮސް އަލީއާ ބެހޭގޮތުން އަމީލާއާ ސުވާލުކުރިއެވެ.

" އާޒިމް ނެތިވެސް އަލީ އާދޭ މިގެޔަށް…އެކަމު އޭނާ އަރްވިންގެ ކޮޓަރީގަ އުޅެނީ….އަހަރެން އޭނައަކާ ވާހަކައެއް ނުދައްކަން…" އަމީލާ އާޒިމަށް ޔަޤީންކަން ދިނެވެ.

" އަލީ އުޅެނިކޮށް އަރްވިންގެ ކޮޓަރިއަށް އަމީ ނުދަންތަ؟…" އާޒިމް ސުވާލުކުރިއެވެ.

" ބައެއްފަހަރު ދާން…އެކަމު ކަމެއް ޖެހުނީމަ ދަނީ….ކީއްވެތަ އާޒިމަށް ގަބޫލު ނުކުރެވެނީ؟…ކީއްވެތަ އަހަރެންގެ ލޯތްބާމެދު އާޒިމަށް ޝައްކު ކުރެވެނީ؟.." އާޒިމްގެ ވާހަކަތައްހުރި ގޮތުން އަމީލާގެ ހިތުގައި ޖެހުނެވެ.

" އެންމެ ރަނގަޅު….އަމީލާ އަހަރެންނާއެކު އުޅެން ބޭނުންނަމަ އަރްވިން އަލީއާ ހަވާލުކުރޭ!…ދެން އިތުރަށް މިގޭގަ އަރްވިންއެއް ނުބެހެއްޓޭނެ…" އާޒިމް އޭނާގެ އެންމެފަހުގެ ނިންމުން ނިންމިއެވެ.

" ނޫން އާޒިމް ތިހެން ނުހަދާ….އަހަރެންނަށް އަރްވިން އަލީގެ އަތްމައްޗަށް ދޫކޮށެއް ނުލެވޭނެ…އޭނައަކީ އެއްވެސް ހަރުދަނާ އުޅުމެއްހުރި މީހެއްނޫން…އޭނާ މަސްތުވާތަކެތިވެސް ބޭނުންކުރާކަމަށް އަހަރެންނަށް އެނގިފައޮތީ….އެތައް އަންހެނުންނަކާ މިހާރުވެސް ގުޅުންއޮވޭ…އަހަރެން ބޭނުމެއްނޫން އަރްވިންއާ ވަކިން އުޅޭކަށް…." އަމީލާ އާދޭސްކުރިއެވެ. ނަމަވެސް އާޒިމް އެއާދޭސް ގަބޫލެއް ނުކުރިއެވެ. އޭނާ ބޭނުންވީ އަމީލާގެ ލޯބި އިމްތިހާރު ކުރާށެވެ.

އާޒިމް އޭނާގެ އާދޭސް އަޑުނޭހުމުން އަމީލާ އޭނާގެ ފޮއްޓަށް އެއްޗެހި އަޅަންފެށިއެވެ. އަދި އަރްވިންއާއި އާއިން ގޮވައިގެން އެގެއިން ދިއުމަށް ތައްޔާރުވިއެވެ. އާޒިމް އެކަމާ ކަންބޮޑުވީ ނަމަވެސް އަމީލާ ހުއްޓުވަން ނޫޅުނީ އޭނާއަށް ވިސްނިގެން އެނބުރި އާޒިމްގެ ގާތަށް އަންނާނެކަމަށް ގަބޫލު ކުރެވޭތީއެވެ. ނިދިފައި އޮތް އާއިން ކޮނޑުމައްޗަށް ލައިގެން އަމީލާ އޭނާގެ ފޮށި ހިފައިގެން ކޮޓަރިން ނުކުތްއިރު، ފަހުމީ ސިޓިންރޫމުގައި ހުއްޓެވެ.

" ކަލޭ މަގޭ ކާފަދަރި ގޮވައިގެން ކޮންތާކަށް ދާނަމޭ ހިތާ ތިދަނީ؟…ގެނޭ އެސޮރު…" ކުއްލިއަކަށް ފަހުމީ އައިސް އާއިން އަމީލާގެ އަތުން އަތުލިއެވެ. އެވަގުތު އާއިން ކުޑަކޮށް ލޯހުޅުވާލާފައި ރޯންފެށިއެވެ.

" އާޒިމް މިކުއްޖާ ކޮޓަރިއަށް ގެންދޭ…މިކުއްޖާ މިހާބަލިއިރުވެސް މީނައަށް އެވަރު ނުވިސްނުންތަ؟…" އާޒިމްގެ އަތަށް އާއިން ދެމުން ރުޅިއައިސްފައި ފަހުމީ ބުނެލިއެވެ.

" ގެނޭ އަހަރެންގެ ދަރި….އާޒިމް ގެނޭ އާއިން…އަހަރެންދާނީ އަހަރެންގެ ދެދަރިންވެސް ގޮވައިގެން…" އަމީލާ ރުޅިއައިސްފައި ބުންޏެވެ.

" އަމީލާ ދާންބޭނުމިއްޔާ އެކަނިދޭ….އާއިންއެއް ނުގެންދެވޭނެ…" އާޒިމްވެސް ރުޅިއައިސްފައި ބުންޏެވެ.

" ކަލެއާ ކަލޭގެ ދަރި ނުކުމޭ މިގެއިން…އަހަރެންގެ ދަރި ގެންދަން ހަދާނެ ކަމެއްނެތް…" ފަހުމީ ރުޅިއައިސްފައި އަމީލާގެ އަތުގައި ހިފައި ދަމާފައި ގެއިން ނެރެލިއެވެ. އަދި އަރްވިންއާއި ފޮށިވެސް ބޭރުކޮށްފައި ދޮރުޖެހިއެވެ. އަމީލާ ރޮއެ ރޮއެފައި އާޒިމަށް ގޮވިއެވެ. އޭނާ ގެއިން ނުކުންނަން އުޅުނީ އާޒިމަށް އެއްޗެއް ވިސްނަދިނުމަށެވެ. އާޒިމް އޭނާދެކެ ލޯބިވާނަމަ އޭނާ ދިޔަނުދީ ހުއްޓުވާނެކަން އޭނާއަށް އެނގެއެވެ. ކުރިންވެސް ބައްޕަގެ ނުގަބޫލުގައި އާޒިމްވަނީ އޭނާއާއި ކައިވެނިކޮށްގެން ވަކިން އުޅެފައެވެ. އަމީލާ ހީކުރީ މިފަހަރުވެސް އާޒިމް އޭނާގެ ކޮޅަށް ބުރަވާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. އޭނާ އެތައްއިރަކު ދޮރުމަތީގައި ހުރެގެން ރޮއެ އާދޭސްކުރިއިރުވެސް ދޮރުހުޅުވަންވެސް އާޒިމްގެ ހިތަށް ނޭރިއެވެ.

އެންމެފަހުން މާޔޫސްވެގެން އޭނާ އަރްވިން ގޮވައިގެން ގެޔަށް ދިޔައެވެ. އެޚަބަރު ލިބުމުން އަލީވެސް އަމީލާގެ ގާތަށް އައިސް އޭނާއާއެކީ ދިއުމަށް އާދޭސްކުރިއެވެ. ނަމަވެސް އޭނާއަކީ އަދިވެސް އާޒިމްގެ އަނބިމީހާ ކަމުގައި ބުނެ އަމީލާ ވަގުތުން އިންކާރު ކުރިއެވެ. އޭގެ ދެދުވަސްފަހުން އާޒިމް އަމީލާމެންގެ ގެޔަށް އައެވެ. އަދި އަމީލާ އެނބުރި އާޒިމްގެ ގެޔަށް ދާންބޭނުންނަމަ ފަހުމީގެ ފަރާތުން މާފަށް އެދިފައި އަރްވިން އަލީއާ ހަވާލު ކުރުމަށް އެދުނެވެ. އެނޫންގޮތަކަށް އަމީލާއަށް އާޒިމްގެ ގޭގައި އުޅެވެން ނެތްކަމުގައިވެސް ބުންޏެވެ.

" އާޒިމް އަހަރެމެން ވަކިން އުޅެންވީނު…އޭރުން އަރްވިން ހުރެގެން ޖެހޭނެ މައްސަލައެއް ނޯންނާނެއްނު…" އަމީލާ ބޭނުންވީ ކޮންމެ ހާލެއްގައިވެސް އަރްވިން އޭނާގާތުގައި ބެހެއްޓުމަށެވެ.

" ނޫން…އަމީލާ އަހަރެންގެ މުސްކުޅި ބައްޕަ ދޫކޮށް އަމިއްލަ ގެދޮރު ދޫކޮށްފަ ތަނެއް ކުއްޔަށް ހިފައިގެން އަމީލާއާއެކު ނުދެވޭނެ…އަމީލާއަށްވެސް އެނގޭނެ އަހަރެން މިއުޅެނީ ބައްޕަގެ އިހުސާންތެރިކަމުގަކަން…ބައްޕަގެގޭގަ މިއުޅެނީ ބައްޕަގެ ކުންފުނީގަ މަސައްކަތް މިކުރަނީ….އަހަރެން ނޫނީ ބައްޕަ ބަލާނެ އިތުރު ދަރިޔަކުވެސް ހުރީކީނޫން….އަމީ އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އާއިލާއާ ދުރުކުރާކަށް މަސައްކަތެއް ނުކުރާނެ…އަރްވިންއެކޭ އެއްގޮތަށް އާއިންދެކެ ލޯބިވާނަމަ އަހަރެންނާއެކު ދާނެ…" އާޒިމް އޭނާއަށް ވިސްނޭގޮތަށް ބުންޏެވެ.

އަމީލާއަށް ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ދެކޮޅުންކުރެ އެއްކޮޅުވެސް ޚިޔާރު ކުރެވޭކަށް ނެތެވެ. ދެދަރިންކުރެ ދަރިޔަކު ދޫކޮށްލެވޭކަށް ނެތެވެ. ދެދަރިންދެކެވެސް އޭނާ ލޯބިވެއެވެ. ނަމަވެސް އަރްވިންގެ ހާލާމެދު އާއިންއަށްވުރެ ބޮޑަށް އޭނާ ހަމްދަރުދީވެއެވެ. އަރުވިން އަލީގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ އަރްވިންގެ ދިރިއުޅުން ބަރުބާދުވާނެ ކަމާމެދު ޝައްކެއްނެތެވެ. ނަމަވެސް އާއިންގެ ކުޑަކުޑަ ހިތް ހަލާލުކޮށްލާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ.

" އާޒިމް…އަހަރެން ދެދަރިންވެސް ބޭނުން…އާޒިމްއަށް ބައްޕަ ދޫކޮށްނުލެވޭއިރު، އަހަރެން ކިހިނެއް އަހަރެންގެ ދަރިން ދޫކޮށްލާނީ…" އަމީލާ ދެރަވެފައި ބުނެލިއެވެ.

" އެންމެ ރަނގަޅު…ތިއީ އަމީގެ އެންމެފަހު ނިންމުން ވިއްޔާ އަހަރެން އާދޭސްކުރާކަށް ނެތިން….އަހަރެންނަށް އަހަރެންގެ ބައްޕަވެސް އަދި ދަރިފުޅުވެސް މުހިއްމު….އަހަރެންނަށް ދެމީހުންވެސް ބެލޭނެ…" އާޒިމް އެހެން ބުނުމުންފަހު ނުކުމެގެން ދިޔައެވެ. އަމީލާ އާޒިމްގެ ފަހަތުން ގޮސް އެގޮތަށް ކަންތައް ނުކުރުމަށް އެދި އެތައް އާދޭހެއްކުރިއެވެ.

އޭގެ ތިންދުވަސްފަހުން އާޒިމް އަމީލާ ވަރިކުރިއެވެ. އަދި އޭގެފަހުން އަމީލާއަށް އާއިންއާ ބައްދަލެއް ނުވެއެވެ. އަމީލާ އެތައް ފަހަރަކު އާޒިމްގެ ގެޔަށާއި އޮފީހަށްވެސް ދިޔައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އާޒިމް އޭނާއަށް އާއިންއާ ބައްދަލުކުރިޔަކަ ނުދިނެވެ. އެންމެފަހުން އޭނާ އާއިން ހޯދުމަށްޓަކައި ކޯޓަށް މައްސަލަވެސް ހުށަހެޅިއެވެ. ނަމަވެސް އެކަމުންވެސް ފައިދާއެއް ނުކުރިއެވެ. އާޒިމް އަމީލާއާއި އާއިން ދުރުކުރުމަށްޓަކައި އަޒީފާގެ ގާތަށް ސިންގަޕޫރަށް އާއިން ފޮނުވާލިއެވެ. އަދި ދުވަސްކޮޅެއްފަހުން އާޒިމް ދެވަނަ ކައިވެންޏެއް ކުރި ޚަބަރުވެސް އަމީލާއަށް ލިބުނެވެ.
މިހުރިހާ ކަމެއް ކުއްލިއަކަށް ދިމާވުމުން އަމީލާ ހިތާމަކޮށް ވަރަށްބޮޑަށް ބަލިވިއެވެ. އަމީލާގެ އާއިލާމީހުންގެ މާބޮޑު އަޅާލުމެއް އޭނާއަކަށް ނުލިބުނެވެ. އެހާލުގައި އޭނާއަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލީ އަލީއެވެ. އަލީ އަނެއްކާވެސް އަމީލާގެ ކައިވެންޏަށް އެދުނެވެ. ނަމަވެސް އަލީގެ އުޅުން އިސްލާހު ނުކުރާހާ ހިނދަކު ކައިވެނި ނުކުރާނެކަމަށް އަމީލާ ބުންޏެވެ. އެހެންކަމުން އަލީ ވަރަށް މަސައްކަތުން އޭނާގެ އުޅުން އިސްލާހުކުރަން ނިންމިއެވެ. ވިޔާނުދާ އެކުވެރިންނާއި ސިއްރު ލޯބިވެރިން ދޫކޮށްލިއެވެ. އަދި އަމީލާއާއި އަރްވިންގެ ހައްޤުގައި ދިރިއުޅުން ތަނަވަސް ކުރުމަށްޓަކައި އަނެއްކާވެސް ބޯޓް ދަތުރުކުރަން ދިޔައެވެ. އަމީލާގެ ދިރިއުޅުމަށް އުފާވެރިކަމެއް އައީ އަރްވިންގެ މޫނުން ހިނިތުންވުން ފެންނަން ފެށުމުންނެވެ. ނަމަވެސް އަރްވިންވެސް އަބަދުވެސް އާއިންގެ މަތިން ހަނދާންކޮށްފައި ޝަކުވާކުރެއެވެ. އަލީގެ މަސައްކަތުން އަމީލާގެ ގެދޮރު ހަދައިދީ އަރްވިންއަށް ރާއްޖެއިން ބޭރުން ކިޔަވައިދިނެވެ. އަމީލާގެ އާއިލާވެސް އަރްވިންއާއި އަމީލާއާ ގުޅުންބަދަހި ކުރިއެވެ. އަލީ ނިޔާވީ އަރްވިން ކިޔަވައި ނިމިގެން ރަށަށް އައިތާ ދުވަސްކޮޅެއްފަހުން، ބޯޓްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައެވެ.
****
އަމީލާގެ ވާހަކަތައް ނިމުނުއިރު އާއިން އިނީ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ކާފަ މިވަގުތު ދުނިޔޭގައި ނެތްނަމަވެސް، ކާފައަކީ އޭނާދެކެ ނުހަނު ލޯބިވީ މީހެކެވެ. އޭނާވެސް ކާފަދެކެ އިންތިހާއަށް ލޯބިވިއެވެ. އަދި ދުވަހަކުވެސް ކާފައާމެދު ގޯސްވިސްނުމެއް ވިސްނިފައެއްވެސް ނެތެވެ.

" ކާފައަކީ ހަމަ އެހާ ގޯސްމީހެއްތަ؟…" އާއިންއަށް ގަބޫލުނުކުރެވިގެން ސުވާލުކުރެވުނެވެ.

" މަންމައަށް އެނގޭ ދަރިފުޅަށް މިވާހަކަ ގަބޫލުކުރަން ވަރަށް އުނދަގޫވާނެކަން..އެކަމަކު މީހަމަ ހަޤީޤަތަކީ….ދަރިފުޅަށް ޔަޤީންނުވާނަމަ ދަރިފުޅުގެ ބައްޕަގާތުގަ އެހިޔަސް އެންމެ ރަނގަޅު…." އާއިން އެކަން ޔަޤީންކުރުމަށް އަމީލާ ފުރުސަތު ދިނެވެ.
" މަންމާ…މަންމަގެ ވާހަކަތައް ދޮގުކުރަނީކީ ނޫން….އެކަމު ތިދެއްކި ވާހަކަތައް ގަބޫލުކުރަން ހަމަ އުނދަގުލީ….ކާފަވެސް ދުނިޔޭގަ ހުރީކީނޫން…އެހެންނަމަތާ ސުވާލުވެސް ކުރެވުނީހީ…" އާއިން ދެރަވެލާފައި ބުންޏެވެ.

" ދަރިފުޅާ…ދަރިފުޅުގެ ބައްޕައަށް ކޮންމެވެސް ގޮތަކުން ހަޤީޤަތް އެނގިފަ އޮތީ….ކާފަ ނިޔާވިފަހުން މަންމަގާތުން މާފަށްވެސް އެދުނު…ދަރިފުޅު އަހާފަ އޮޅުން ފިލުވުން ރަނގަޅުވާނެ…" އަމީލާ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.
އެދުވަހު އެނބުރި ގެޔަށް ދިއުމަށްފަހު އާއިން ފުރަތަމަވެސް އަވަސްވެގަތީ ބައްޕަގާތުން ހަޤީޤަތް އޮޅުން ފިލުވުމަށެވެ. އާއިން ފުރުސަތު ހޯދައިގެން އެސުވާލުކުރުމުން އާޒިމް އެވާހަކަ ދެއްކުމަށް ފުރަތަމަ އިންކާރުކުރިއެވެ. ނަމަވެސް އާއިންއަށް މަންމަގެ ފަރާތުން ހަޤީޤަތް އެނގިފައިވާކަމަށް ބުނުމުން އާޒިމް ޖަވާބުދޭން އެއްބަސްވިއެވެ.

" ދަރިފުޅާ…ފުރަތަމަ ބައްޕައަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވުނު….ކާފައަށްވުރެ ބޮޑަށް ބައްޕައަށް ޝައްކުކުރެވުނީ މަންމައަށް….އަމިއްލަ ބައްޕައާމެދު އެފަދަ ގޮތަކަށް ވިސްނަން ބޭނުން ނުވީތީ ދޮގުކުރެވުނީ މަންމަގެ ވާހަކަތައް…އެހެންވެ އެދުވަހު މަންމަ އާދޭސްތަކަށް ބީރުކަންފަތެއް ދެވުނީ….އެކަމު އޭގެ ދުވަސްތަކެއްފަހުން ބައްޕަގެ ދެލޮލުން ފެނުނު ކަމަކުން ކާފަގެ ހަޤީޤަތް ހާމަވީ…އެއީ ދަރިފުޅުގެ ދޮންމަންމަގެ ކޮއްކޮއަކާ ކާފަ ޖިންސީގޯނާ ކުރަނިކޮށް ޚުދުބައްޕައަށް ފެނުނީ…އޭގެފަހުން އެއާއިލާމީހުންވެސް މިގެޔަކަށް ނާދޭ….އެދުވަހު ބައްޕަ ވަރަށް ދެރަވެ ލަދުވެސްގަތް….ދަރިފުޅުގެ މަންމައާމެދު ކަންތައްކުރެވުނު ގޮތުން މަންމަގެ ކިބައިން މާފަށްވެސް އެދުނިން…..ނަމަވެސް ދަރިފުޅަށް ހަޤީޤަތް ކިޔައިދޭހާ ހިތްވަރު ނުލިބުނީ…ބައްޕައަށް މާފުކުރޭ…" އާޒިމް ދެރަވެފައި އާއިންގެ ކިބައިން މާފަށް އެދުނެވެ.

ނުނިމޭ