Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ރާއްޖޭގެ އިޖުތިމާޢީ ދާއިރާގައި އެންމެ މުހިއްމު ބައިވެރިޔަކީ އިންޑިއާ: ޝިދާތާ

ރާއްޖޭގެ އިޖްތިމާއީ ދާއިރާގައި އެންމެ މުހިއްމު ބައިވެރިޔަކީ އަވަށްޓެރި އިންޑިއާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ ވިދާޅުވީ ޒާމާނުއްސުރެ އިންޑިއާއިން ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ޙިއްޞާއެއް ވަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމިގެން ގޮސްފައިވަނީ އިންޑިއާ އަވަށްޓެރި ޤައުމަކަށްވުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް އެއްގޮތް ސަޤާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި މި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށާއި، އެ ގޮތުން އިޖުތިމާޢީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ޙައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ޙިއްޞާކުރައްވައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވައިފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ވެސް އެ ކަމަނާ ދެއްވައިފައިވެއެވެ.