އައްޑޫ ސިޓީގެ މަގު ބައްތިތަކުގެ ތެރެއިން ހަލާކުވެފައިވާ ބައްތިތައް މަރާމާތުކޮށް، މަގު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލަށް ބާރު ލިބުމާއި ގުޅިގެން އައްޑޫ ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް ތާރު އަޅައިގެން ހަދަން ފަށާފައިވާ ކަމަށާއި، މަގު ސާފު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަގު ސާފު ކުރުމަށާއި، އައްޑޫގެ އެކި އަވަށްތައް ސާފުކޮށް ބެލެހެއްޓުމަށް މުނިސިޕަލް ސާވިސްއަށް ބޭނުންވާ މުވައްޒަފުން ހޯދަމުން އަންނަކަމަށެވެ.
ކައުންސިލުން ބުނީ މަގު ބައްތި ތަކުގެ ތެރެއިން ބައެއް އަވަށް ތަކުގައި މަގު ބައްތި ހަލާކުވެފައިވާ ވަރަށް ދުވަސްވެފައިވާ ކަމަށާއި އެމަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލުން ވަނީ ބައެއް ވެލި މަގުތައްވެސް ހަދަން ފަށާފައެވެ. ނަމަވެސް ބައެއް އަވަށްތަކުގެ ރައްޔިތުން މަގު ހެދުން ލަސްވާތީ ދަނީ ކައުންސިލަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހުޅުދޫ މީދޫ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.