Last Updated: April 25, 17:15
Thursday, April 25, 2024
ރިޕޯޓް

މޮޑުނު އަހިވައް: ދަތުރު ގޮސް އުޅޭއިރު ތައްޔާރު ކޮށްލެވިދާނެ މީރު މަޖަލެއް

މިއީ ދަތުރު ގޮސް އުޅޭ އިރު ތައްޔާރު ކޮށްލެވިދާނެ މީރު މަޖަލެކެވެ. ފަޅޯ މަޖާ ކަހަލަ ދަތުރު މަޖަލެކެވެ. އަނގަޔަށް މީރު ވާނެއެވެ. ޞިއްޙަތަށް ރަނގަޅުވާނެއެވެ. ޚާއްޞަކޮށް ޗުއްޓީ ތެރޭގައި އަތޮޅުތަކުގެ ރަށްރަށަށް ގޮސް ކުރާ ދަތުރުގައި އަހިވައް ހޯދަން ފަސޭހަވާނެއެވެ. ރަށްރަށުގެ ވަލުތެރެއާއި، ހޭޅިފަށުގައި އަހިގަސް ވަރަށް ގިނަވާނެއެވެ.

އަހިވައް މޮޑެން ބޭނުންވާނެ ތަކެތި:

8 ވަރަކަށް އަހިވައް (ރަނގަޅަށް ފާވެފައިވާ)
ހެޔޮވަރު ގަބުޅިއެއްގެ ހުނި
ބައިލާހި ދޯބުރާލި ހަކުރު/ ދިވެހި ހަކުރު

ތައްޔާރު ކުރާނެ ގޮތް:

އަހިވައްތައް ސާފު ފެންފޮދަކުން ދޮވެލާށެވެ! ފެނުތެރޭގައި އަތުން ވައްތައް ސާފުކޮށްލާއިރު މާ ބާރަށް އޮއްބައި ނުހަދާށެވެ! ފަހަރެއްގައި ވަކެއް ފަޅައިގެން ދާގޮތް މެދުވެރި ވެދާނެއެވެ.

ވައްތައް ދޮވެލެއްވުމަށްފަހު، ފުލުގައި ވިދު އަޅާފައިވާ ހެޔޮވަރު ހުސްތައްޓަކަށް ނަގައި އިރުކޮޅަކު ބަހަޓާށެވެ. ފެންފޮދު ފައިބައި ހުސްވަންދެނެވެ. ރީތިކޮށް ވައްތައް ހިކެންދެކަށެވެ. ދެން ހެޔޮވަރުގެ އެހެންތަށްޓެއްގައި ވައްތައް މޮޑެލާށެވެ. ގަބުޅި ހުނިކޮޅާއި ހަކުރު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން މޮޑުނު އަހިވައް ތައްޔާރުކޮށް ނިމުނީއެވެ. އަންގީއެއް އަތަށް ލައްވައިގެން ކުރިޔަށް ދިޔުން ރަނގަޅުވާނެއެވެ. އަންގީއެއް ނުލައްވާ މޮޑެފިނަމަ އަތުން ވަސްފިލުވަން އުނދަގޫ ވެދާނެއެވެ.