Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޕީޕީއެމް ކޮންގްރެސްގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ ޓްވިޓާ

ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އެ ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލާގައި މިއަދު އިއްވި ހުކުމުގައެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ.

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ވެސް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.

ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދާއިރު ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން އަންނަނީ އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އާ ޕާޓީއެއް އުފެއްދުމަށް އެ ބޭފުޅުން މަސައްކަތް ފެށީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލަ ޕީޕީއެމްގެ މިހާރު ލީޑަރޝިޕާއި ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވޭތީއެވެ.