Last Updated: June 20, 11:06
Friday, June 20, 2025
ޚަބަރު

މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

އެމަނިކުފާނުގެ އަޒުމެއް ވެސް ނުގުޑާނެ ކަމަށާއި އަދި ހިތްވަރެއް ވެސް ނޭލޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ޕީޕީއެމުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އެ ކޮމިޝަނުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ.

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ވެސް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.