Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ބައްޕައަކަށްވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންތައް

ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް ދެން ބަލާ އެންމެ މުހިއްމު ކަމަކަށް ވެފައިވަނީ ދަރިއަކު ހޯދުމެވެ. ދަރިޔަކު ހޯދަން ބޭނުންވާއިރު ހުރިހާ ދެމަފިރިން ކަހަލަ ގޮތަކަށް ބޮޑަށް އަމާޒު ކުރަނީ އަނބިމީހާގެ ފަރާތަށެވެ. އެހެން ނަމަވެސް ވިސްނަންޖެހޭ ހަގީގަތަކީ މިކަމުގައި ފިރިމީހާގެ ދައުރު އަނބިމީހާއަށް ވުރެ ކުޑައެއް ނޫންކަމެވެ. ދަރިއަކު ހޯދުމަށް ތައްޔާރުވާއިރު އަނބިމީހާ ވަރަށް ގިނަ ކަންތަކަށް ބަލަންޖެހެއެވެ. ހަމައެފަދައިން ފިރިމީހާ ވެސް ވަރަށް ގިނަ ކަންތައް ކުރަން ޖެހެއެވެ. އެގޮތުން ކުރަންޖެހޭ ބައެއް ކަންތަކަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

ބައްޕައަކަށްވާން ބޭނުންވާ ފިރިޔަކު ޑޮކުޓަރަށް ދެއްކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް ދުވަސްވީ ބައްޔެއް ހުންނަ ނަމައެވެ. ނުވަތަ ބޭހެއް ބޭނުން ކުރަމުން ދަނީނަމައެވެ. ބައެއް ބޭސްތަކަކީ ދަރިއަކު ހޯދަން ބޭނުންވާ ފިރިހެނަކަށް އެންމެ ރަނގަޅު ބޭހަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭމައްޗަށްދާ މީހުންނަށް ދެވޭ ބައެއްބޭސް ތަކެވެ. ބައެއް އެންޓިބަޔޮޓިކެވެ. ހުޅުހުޅުގެ ރިއްސުމަށް ދެވޭ ބައެއް ބޭހެވެ. އަދިވެސް މިނޫންވެސް ބައެއް ބޭސް ތަކެވެ. މިފަދަ ބޭސް ތަކުން ދަރިފަނި އުފައްދާ މިންވަރަށް ނުވަތަ ފެންވަރަށް ބަދަލުގެނެއެވެ. ނަމަވެސް މިފަދަ ގިނަ ބޭސް ތަކަކީ އެބޭހެއް ހުއްޓާލުމުން މިކަންތައްތައް ރަނގަޅުވާ ބޭސް ތަކެކެވެ. ވުމާއެކު މިކަންތައްތަކަށް ޑޮކުޓަރާއިއެކު މަޝްވަރާ ކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.

އަދި މިނޫނަސް ބައްޕައަކަށް ވުމަށް ހުރަސްއަޅާ ބައެއް ކަންތައްތައް ހުރެއެވެ. އާއިލާއާއި ގުޅުން ހުރި ކަންތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުރި ކަންތަކެވެ. ޖިންސީ ގުޅުން ހިންގުމާއި ގުޅުން ހުރި ކަންތަކެވެ. ވަޒީފާ ނުވަތަ މަސައްކަތް ކުރާ މާހައުލާ ގުޅުން ހުރި ކަންތަކެވެ. ވީމާ ދަރިޔަކު ހޯދަންބޭނުންވާ ދެމަފިރިން އެކީގައި ޑޮކުޓަރަށް ދައްކާށެވެ.

ދަރިޔަކު ހޯދަންބޭނުންވާ ކޮންމެ ދެމަފިރިޔަކު އެމީހުންގެ ތިމާގެ މީހުންގެ ހާލު އަހުވާލު ބެލުމަކީ މުހިންމުކަން ކުޑަ ކަމެއް ނޫނެވެ. އެއިން އެއްވެސް މީހަކަށް މީގެ ކުރިންވެސް އަދި މިހާރުވެސް ސިއްހީ ގޮތުން އެއްވެސް އުނދަގުލަކާއި ކުރިމަތިލާން ޖެހިފައި ވޭތޯ ބަލާށެވެ. ފަހަރުގައި އެއީ ވިރާސީ ކަމަކާއި ގުޅުން ހުރި ބައްޔަކަށް ވެދާނެއެވެ. މިފަދަ ބަލިތަކަކީ އެންމެންގެ ހަށިގަނޑުން ފެންނަން ނެތަސް އާއިލާގެ ގިނަމީހުން ހިއްސާ ކުރާ ނުވަތަ ފުރުސަތު އޮތް ބަލިތަކެކެވެ. ހާއްސަކޮށް ޑައުން ސިނޑްރޯމް ބައެއްވައްތަރުގެ އެނީމިޔާ ފަދަ ބައެއް ބަލިތަކެވެ.

ހަމައެފަދައިން އާއިލާގެ އެއްވެސް މީހަކަށް ސިކުޑީގެ ބައްޔެއް ނުވަތަ ބޮޑުވުން ލަސްވުން ކަހަލަ ބައްޔެއް ޖެހިފައިވޭތޯ ބަލާށެވެ. މިގޮތުން ބަލާއިރު ޅަފަތުގައި ކުއްޖަކު މަރުވެފައި ވޭތޯއާއި ސޭކުވުން ފަދަ ކަމެއް ދިމާވެފައި ވޭތޯ ބެލުންވެސް ވަރަށް މުހިންމެވެ. މިގޮތުން ބަލާއިރު ދެމަފިރިންގެ އާއިލާގެ ހާލު އަހުވާލުވެސް ބަލަންޖެހޭނެއެވެ. އެއީ ދެމަފިރިންވެސް ފެންނަންނެތް ވިރާސީ ބަލިތަކެއް އުފުލާ ދެމީހުންނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އިތުރު ޓެސްޓު ތަކެއް ހަދަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަނބިމީހާއާއި އެއްފަދައިން ފިރިމީހާވެސް ރަނގަޅު ކާނާ ކާން ޖެހެއެވެ. އެއީ ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ރަނގަޅު ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅަށް ނުކެއުމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ދަރިފަނި އުފައްދާ މިންވަރު މަދުވެ އަދި އޭގެ ފެންވަރު ނުވަތަ ކޮލިޓީވެސް ދަށްކުރާ ކަމެކެވެ. ދަރިން ލިބުން ލަސްވުމުގައި އަނބިމީހާގެ ދައުރު ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ. ބަލިވެއިނުން ލަސްވާ ހާލަތް ތަކުގައި %40 އަކީ ފިރިމީހާއަށް ފަރުވާ ކުރުމުން ރަނގަޅުވާ ހާލަތް ތަކެވެ. ވުމާއެކު ފިރިމީހާ ރަނގަޅު ކާނާ ކެއުމަކީ އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. އެހެން ކަމުން ކެއުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެނީ ހަމައެކަނި އަނބިމީހާ ބަލިވެ އިނުމަށްޓަކައެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކުޑަދަރިފުޅުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައިވެސް ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަނބިމީހާ ބަލިވެ އިނުުމުގެ މަދުވެގެން އެއްމަސް ކުރީން ފެށިގެން ފިރިމިހާ ރަނގަޅު ކާނާ ނުކާނަމަ އަނބިމީހާ ބަލިވެ އިދެ ވިހާ ދަރިފުޅު އެހެން ކުދިންނަށް ވުރެ އާއްމުގޮތެއްގައި ލުއިވާނެއެވެ. ކުޑަ ދަރިފުޅު ލުއިވުމަކީ ދަރިފުޅުގެ ސިއްހަތަށާއި ސުލޫކަށް ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ. މުޅިއުމުރަށް ކުޑަދަރިފުޅު ނިކަމެތި ކުއްޖަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލް ކުރާމީހަކަށް ދަރިޔަކު ނުލިބޭނެޔޭ ބުނުން ތެދަކަށް ނުވާނެއެވެ. ނަމަވެސް މިއީ ފިރިމީހާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އުފައްދާ މިންވަރު މަދުކުރާ ސަބަބެކެވެ. އަދި މިކަމުގެ ސަބަބުން ދަރިފަނި އުފައްދާ މިންވަރުވެސް މަދުވެއެވެ. ހަމައެފަދައިން މިއީ އަނބިމީހާގެ އޯވަރީގައި ބިސް އުފެދުމުގެ ފުރުޞަތުވެސް ކުޑަ ކުރާކަމެކެވެ. ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރީން ލިބުމުގު ފުރުޞަތު ކުޑަކުރާކަމެކެވެ. ދަރީން ނުލިބޭނެ ކަމެއް ނޫނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކަށް ދަރިން ލިބުނު ކަމުގައި ވީނަމަވެސް މިއީ ދަރީންގެ ސިއްހަތަށް ވަރަށް ނެދެވޭ އަސަރު ކުރެއެވެ. އެއީ މިކަމުގެ ސަބަބުން އުފެދުމުގެ ބައެއް ބަލިތައް ޖެހުމާއި އެކަށީގެންވާ ވަރަށް ބަރުނުވުން ފަދަ ދެރަ ކަންތައްތައް ކުޑަ ދަރިފުޅަށް ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ. ވީމާ ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކު ދަރީން ބޭނުން ނަމަ މަދުވެގެން އެއްމަސް ކުރީން މިކަމާއި ދުރުހެލިވާން ޖެހޭނެއެވެ.

މަސްތުވާތަކެއްޗަކީ ދުންފަތަށްވުރެވެސް މިކަމުގައި ނުރައްކާތެރި އެއްޗެކެވެ. ވިމާ ދަރިޔަކު ބޭނުންވާ މީހަކު ކޮކެއިން، ބަނގުރާ، ބިއަރު އަދި ވައިން ފަދަ ހުރިހާ މަސްތުވާ ތަކެއްޗަކާއި މުޅިން ދުރުހެލިވާން ޖެހެއެވެ.

ދިވެހިރާއްޖޭގެ މަސައްކަތު މާހައުލަކީ ޖުމުލަ ގޮތެއްގައި ބުނާނަމަ މާބޮޑު ސިއްހީ ނުރައްކަލަކާއި ކުރިމަތިލާން ޖެހޭ މާހައުލެއްނޫނެވެ. ނަމަވެސް ކެމިކަލް މާއްދާ ތަކާއި ގުޅުން ހުރި ނުވަތަ ސިއްހީދާއިރާގައި މަސައްކަތް ކުރާ މީހުން ފަރުވާތެރިވާން ޖެހޭނެއެވެ. އެއީ ބައެއް ކެމިކަލް މާއްދާތަކަކީ އޭގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ ދަރިފަނި އުފެދުމަށް ގެއްލުންވާ އެއްޗެކެވެ. ހަމައެފަދައިން ސިއްހީދާއިރާގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަދި ލެބޯޓްރީ ތަކުގައި މަސައްކަތް ކުރާ މީހުންނަށް ގައިންގަޔަށް އަރާ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އަނބިމީހާ ބަލިވެއިނުމާއި ވިހެއުމާއި އަދި ދަރިފުޅަށް ބޭނުންވާ ތަފާތު އެއްޗެތި ގަތުމަށް ވަރަށް ގިނަ ހަރަދު ތަކެއް ހިނގާނެއެވެ. އަދި އޭގެފަހުން ކިޔަވައި ދިނުމާއި އެހެނިހެން ކަންތަކަށްވެސް ވަރަށް ގިނަ ހަރަދު ހިނގާނެއެވެ. ވީމާ ރަނގަޅަށް ދަރިފުޅަށް ކިޔަވައިދީ ތަރިބިއްޔަތު ކުރުމަށް ދުރާލާ ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ބަލިވެ އިންނަ ދުވަހުން ފެށިގެން ވިހެއުމަށްދާންދެން އަދި އޭގެ ފހުން ދަރިފުޅަށްވެސް ކުއްލި ނުރައްކަލަކާއި ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ކުރިން ދުރާލާއި ފައިސާ ރައްކާކޮށްފައި ހުރިނަމަ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ.

ދަރިޔަކު ލިބުމަކީ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދާ ކަމެކެވެ. ނަމަވެސް ބައެއްފަހަރު ދަރިޔަކު ބޭނުން ވެގެން އުޅޭއިރު ނުތަނަވަސްވެ ކަންބޮޑުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މޫދަށް އެރި ފަތާލައި ހިތަށް ފިނިކަން ގެނެސްދޭށެވެ. ރައްޓެހިންނާ ކުޑަކޮށް އަގަތަޅައި މަޖާކޮށްލާށެވެ. ކޮންމެވެސް ކުޅިވަރެއް ކުޅެ ފޫހި ފިލުވާލާށެވެ.

އެއްވެސް ސަބަބެސް ނެތި ދަރިން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ކިތަންމެ ވަރަކަށް ކޮންމެފެދަ ފަރުވާއެއް ކުރިނަމަވެސް ކާމިޔާބު ނަތީޖާއެއް ނުލިބުމަކީ ވެދާނެކަމެކެވެ. އެއީ މާތްﷲ އިރާދަ ކުރެއްވި ގޮތެއްގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. ﷲ އިރާދަ ކުރައްވައިފިނަމަ އަންހެންކުއްޖަކު ދެއްވައެވެ. އިރާދަ ކުރައްވައިފިނަމަ ފިރިހެން ކުއްޖަކު ދެއްވައެވެ. އަދި އިރާދަ ކުރައްވައިފިނަމަ އެއް ގޮތަކަށްވެސް ކުއްޖަކު ނުދެއްވައެވެ. ޝޫރާ ސޫރަތުގެ 49-50 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ:

"އުޑުތަކާއި ބިން މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އެކަލާންގެ އިރާދަ ކުރައްވާ އެއްޗެއް އުފައްދަވައެވެ. އަދި އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ އަންހެނުންނާއި ފިރިހެނުން ކައވެނި ކުރައްވަވައި އެބައިމީހުން ދަރިން ނުލިބޭ ބަޔެއްކަމުގައި ލައްވަތެވެ." ވުމާއިއެކު ދީނީ އަޅުކަންތައް ކުރުމާއި އެކު ދަރިއަކު ދެއްވުން އެދި ﷲ އަށް ގިނަގިނައިން ދުޢާ ކުރާށެވެ.

މައުލޫމާތު:
ޑރ. މުޙައްމަދު ފައިޞަލްގެ ލިޔުމަކުން