Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ބިޒްނަސް ވިސާގެ ހިދްމަތް އައްޑޫގައި ފަށައިފި

ބިޒްނަސް ވިސާގެ ހިދްމަތް އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބިޒްނަސް ވިސާގެ ހިދްމަތް ފައްޓަވާދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެއެވެ.

ހިދްމަތް އިފްތިތާހުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މޭޔަރ ސޯބެ ވިދާޅުވީ އައްޑޫން ބިޒްނަސް ވިސާ ދޫކުރުން ފެށުމަކީ އައްޑޫގެ އޭވިއޭޝަން ހިދްމަތް ފޯރުކޮށްދިނުމުގައި ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ. ބިޒްނަސް ވިސާ ނުލިބުމުގެ ޝަކުވާ އަކީ އަބަދުވެސް ކައުންސިލަށް ލިބެމުން ދިޔަ ޝަކުވާއެއްކަން ފާހަގަ ކުރައްވައި ސޯބެ ވިދާޅުވީ ބިޒްނަސް ކަންކަމުގައި މީގެ ކުރިން އައްޑޫއަށް އަންނަ ފަރާތްތަކުން ބޮޑެތި ތަކްލީފުތައް އުފުލަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނާއި ގާތުން ހިދްމަތް ފޯރުކޮށް ދިނުން ކަމަށާއި، މާލެ ފިޔަވައި އެންމެ ފުރަތަމަ ބިޒްނަސް ވިސާ ދޫކުރެވޭ ރާއްޖޭގެ ސަރަހައްދަކީ އައްޑޫ ސިޓީ ކަމަށެވެ.

ހަނަފީ ވިދާޅުވީ އިމިގްރޭޝަނުން އަބަދުވެސް މަަސައްކަތް ކުރަނީ ހިދްމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ގަމުން އަލަށް ރާއްޖެ އަންނަ ފަރާތްތަކަށް ވިސާގެ ކަންކަން ހަމަޖެެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އައްޑޫން ދެމުންދާ ޕާސްޕޯޓުގެ ހިދްމަތްވެސް އިތުރަށް ފުޅާ ކުރައްވާނެކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންގެ ޝެޑިއުލް ދަތުރު ކުރާތާ ދެ އަހަރުވެފައިވާ އިރު އިމިގްރޭޝަން ހިދްމަތް ތަރައްޤީ ނުކުރެވޭތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.