ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް އަންނަ ހަފްތާގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.
ބިޒްނަސް ވިސާގެ ހިދްމަތް އައްޑޫގައި ތައާރަފްކުރުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަނަފީ ވިދާޅުވީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަަކަމަށެވެ.
ހަނަފީ ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަކީ ބޮޑު ބުރަ މަސައްކަތެއް ކަމަށާއި، ބިދޭސީންނާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް މިހާރު އޮތް ގާނޫނަަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"ބިދޭސީންގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، އަޅުގަނޑުމެން ހައްލު ކުރަން ބޭނުންވިނަމަވެސް މިއީ ހައްލު ކުރަން ވަރަށް އުނދަގޫ މައްސަލައެއް، އެކަމަކުވެސް އަޅުގަނޑުމެން މިދަނީ އެމައްސަލަ އިވެލުއޭޓުކުރަމުން، އަދި ޝޯޓު ޓާމުގައި އަޅުގަނޑުމެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާ މިކަން ހައްލުކުރެވޭނެ މަގު އެކި ފަރާތްތަކާއި މަޝްވަރާކޮށް އަޅުގަނޑުމެން މިދަނީ ތަންފީޒު ކުރަމުން"
ހަނަފީ ވިދާޅުވީ ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހާއްސަކޮށް ކައުންސިލްތަކާއި އެކު އޮޕަރޭޝަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ބިދޭސީންގެ ކަންކަން ހައްލު ކުރުމުގައި މިހާރު އޮތް ގާނޫނުގެ ދަށުން އޮތް ގޮންޖެހުން ނައްތާލުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ނިންމައި މަޖްލިސް އަންނަ ހަފްތާ ތެރޭގައި މަޖްލިސްއަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ހަނަފީ ވިދާޅުވިއެވެ.