Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

މެލޭޝިއާގެ އާ ރަސްގެފާނަކަށް ސުލްތާން އަބްދުﷲ

މެލޭޝިއާގެ އާ ރަސްގެފާނު ސުލްތާން އަބްދުﷲ އާއި އަނބިކަނބަލުން އަދި ރާނީ ޓުންކޫ އަޒީޒާ އާމިނާ މައިމޫނާ - ފޮޓޯ: ރޮއިޓާސް

މެލޭޝިއާގެ 16 ވަނަ ރަސްގެފާނަކަށް ސުލްތާން އަބްދުﷲ އަހްމަދު ޝާހް ހަމަޖައްސައިފި އެވެ.

މިއަދު ހެނދުނު ކުއަލަ ލަމްޕޫރްގައި ހުންނަ ޤައުމީ ގަނޑުވަރުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި އާ ރަސްގެފާނު ވަނީ ރަސްކަމުގެ ހުވާ ކުރައްވާފަ އެވެ. އުމުރުން 59 އަހަރުފުޅުގެ ސުލްތާން އަބްދުﷲ ރަސްކަމާއި ހަވާލުވެވަޑައިގަތީ، ކުރީގެ ރަސްގެފާނު ސުލްތާން މުހައްމަދު ކުއްލި ގޮތަކަށް ތަޚްތުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ އަތްދަށުން މެލެޝިއާ އަށް މިނިވަންކަން ލިބުނު ފަހުން، ފާއިތުވި 60 އަހަރުގެ ތެރޭގައި ވެސް އެއްވެސް ވެރިއަކު ރަސްކަމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ. އެހެންކަމުން ސުލްތާން މުހައްމަދު ކުއްލިއަކަށް އިސްތިއުފާދެއްވުން ވެގެންދިޔައީ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ.

އެހެންނަމަވެސް، ސުލްތާން އިސްތިއުފާދެއްވި ސަބަބެއް މެލޭޝިއާގެ ޤައުމީ ގަނޑުވަރުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ސުލްތާން އަބްދުﷲ ރަސްކަމުގެ ހުވާކުރެއްވުމާއި ގުޅިގެން، މެލޭޝިއާގެ އާ ރަނީ އަކަށް ހުންނަވާނީ ސުލްތާންގެ އަނބިކަނބަލުން ޓުންކޫ އަޒީޒާ އާމިނާ މައިމޫނާ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އާ ރަސްގެފާނުގައި ޝަރަފުގައި 21 ބަޑީގެ ސެލިއުޓެއްވެސް ވަނީ އަރުވާފައެވެ.

ސުލްތާން އަބްދުﷲ އަކީ ޕޯލޯ އާއި ފުޓުބޯޅަ އަށް ލޯބިކުރައްވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްވެސް މެއެވެ.