Last Updated: June 20, 06:28
Friday, June 20, 2025
ޚަބަރު

މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވައިފިއެވެ.

މައުމޫން މިކަން އިއުލާން ކުރެއްވީ މިހާރު ސޯލްޓް ކެފޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މައުމޫން އުފައްދަވާ އާ ޕާޓީއަށް ކިޔަން ނިންމާފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އެވެ.

"ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިން. ފޯމު ނަގާ އެ ހުރިހާ ކަމެއް އެބަ ހިނގާ. އިރާދަކުރެއްވިޔާ ލަސްތަކެއް ނުވެ އެ ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އަދި ގަވާއިދު ތަންދޭ ގޮތެއް މަތިން ވަރަށް އަވަހަށް ޕާޓީ ރަޖިސްޓަރީ ކޮށް ނިމޭނެ" މައުމޫން ވިދާޅުވިއެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނު މީގެކުރިން ހުންނެވި ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް އެބަދެއެވެ. ނަމަވެސް ޕީޕީއެމް އިން މިދިޔަ ރިޔާސީ އިންތިހާބަށްފަހު ބޭއްވި ކޮންގްރެސްގެ މައްސަލަ ސައްހަ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅާފައިވާތީ ޕީޕީއެމްގެ ލީޑަޝިޕްގެ މައްސަލަ މައުމޫންއާ އެއްކޮޅަށް ނިމުމަކީ ދުރުކަމެއްގެ ގޮތުގައި ވަނީ ބެލެވެން ފަށާފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އެކަމާ ގުޅޭގޮތުން ގާނޫނީ ލަފާ ހޯއްދެވި ކަމަށާއި އެގޮތުން ސުޕްރީމް ކޯޓުން ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލާގައި ގޮތެއް ނިންމަވާފައި އޮތުމުން އެ ޒާތުގެ އެހެން މައްސަލައެއް ސުޕްރީމް ކޯޓުން ދެން ކުރިއަށް ނުގެންދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ އެހެން ކަމެއް ވާނީ، ނަމަވެސް ވުން ގާތީ އެގޮތް. އެހެންވީމަ ދެން އަނެއްކާވެސް ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ބައްލަވާ މައްސަލަ ދެން ބައްލަވާނީ ކޮން ދުވަހަކުން ކަމެއްވެސް ނޭނގޭ. ހަތަރު މަސްވެސް ނަގާފާނެ. އެހާ ދުވަސް ވަންދެން ތިބެންވީތޯ؟ އެހެންވީމަ އަޅުގަނޑުމެން މި ނިންމީ މި މައްސަލަ މިގޮތަށް ދެން ނިމުނީ ކަމަށް" މައުމޫން ވިދާޅުވިއެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު މިއީ މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެކުރިން މައުމޫން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕީއެމް އުފައްދަވާފައެވެ. މައުމޫން އަތުން ޕީޕީއެމް ގެއްލުނުއިރު އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއެވެ.