Last Updated: July 1, 11:35
Wednesday, July 1, 2026
ރިޕޯޓް

ޔާމީނާއި އައްޑޫގެ ތަރައްގީ!

2013 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ/ ޕީޕީއެމް

އައްޑޫގެ ތަރައްގީ އަށް ހުރަސް އަޅާ ކޮންމެ މީހަކީ އައްޑޫ ރައްޔިތުންގެ ހަތުރެކެވެ. އެއީ މީހެއް ކަމަށް ވިއަސް ޕާޓީއެއް ކަމަށް ވިއަސް ކުންފުންޏެއް ކަމަށް ވިއަސްމެ އެެވެ.
ރިއާސީ އިންތިހާބު ބޯމަތިމިވީ ކޯލިޝަނަކުން އުފެދިފައިއޮތް ސަރުކާރެއްގެ ތެރެއިން ވާދަވެރި ސިޔާސީ ކެންޑިޑޭޓުން ނިކުމެ އޮވެއެވެ. އެހެންވެ މިހާރު މި ފެނިގެން މިދަނީ އެކަމުގެ ތެރެއިން ފެންނާނެ އެންމެ ނުބައި ކަންކަމެވެ.

ޑރ. މުހައްމަދު ވަޙީދުގެ ސަރުކާރު ގަބޫލު ނުކުރާ ބަޔަކާއި އެ ސަރުކާރަށް ވާގިވެރިވީ ފަރާތަކުގެ ތެރެއިން އެންމެ ބޮޑު ފަރާތަކީ ޕީޕީއެމް އެވެެ.
ޕީޕީއެމް އިން ރިއާސީ އިންތިހާބަށް ނިކުމެ ކެމެޕެއިން ފަށާފައިވާ އިރު މުޅިން ވެސް މި ފެންނަނީ މި ސަރުކާރުގައި ތިބެ ނިކުމެ ކަންކަން ވިޔަ ނުދޭން މަސައްކަތް ކުރާ ތަނެވެ. ތިމާމެންނަށް ނޫން ބަޔަކަށް ކަންވިޔަ ނުދޭން ހިފާ ތަނެވެ. ފަހަރުގައި މި މަންޒަރު އެންމެންނަށް ނުފެނި ހިނގައި ދާނެ އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ބޯކިބަލެއް ފަޅާލިގޮތަށް ފަޅާލައި އޭގެ ބައިބައިތައް ހަތަރު ޕާޓީއަށް ބަހާލިއިރު އޭގެ ތެރެއިން ނުފޫޒު ގަދަ ބައެއް މަގާމުތަކާއި މުވައްސަސާތައް ލައްވާލީ ޕީޕީއެމްގެ މުށުތެރޭގައިއެވެ. އެގޮތުން ފާހަނގަކޮށްލެވޭ އެއްތަނަކީ ފެނަކަ ކޯޕަރޭޝަނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްއަކީ ޔާމީންގެ އަރިސް ބޭފުޅެކެވެ.

ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށައް އައްޑޫގެ އިންޖީނުގެތައް ދިއުމާއި އެކު ރައްޔިތުން އުޅެންޖެހުނީ "ކަނުއަނދިރީ"ގައިއެވެ. އޭރު ވަހީދު ސަރުކާރާއި މާބޮޑު މައްސަލަގަނޑެއް ނެތުމުން މުޅިން ވެސް އަޑު އިވުނީ އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ބަސް ބުނެ އަޑު ހަރު ކުރި ތަނެވެ. އަދި އެއާއި އެކު އައްޑޫ ސިޓީ ކައުންސިލަށް ފާޑު ކިޔަމުންދިޔަތަނެވެ. އަދި އެއާއި އެކު އައްޑޫ ރައްޔިތުން "ފެލާލައިގެން" ފައިސާ ނަގައި ފެނަކަ ހިންގަން ފެށި ތަނެވެ.

އަދި އެތައް ޒަމާނެއް ވަންދެން އިންޖީނުގެ ތަކުގައި މަސައްކަތް ކުރި މުވައްޒަފުން ތިން މަސް ދުވަހުގެ ވަގުތީ މީހުންނަށް ބަދަލުކޮށް ބިރު ދައްކާ ތަނެވެ.

ގަމުގެ ވައިގެ ބަނދަރުން ސީދާ ކޮލަމްބޯއަށް ދަތުރު ފަށަން އުޅުމުން "މޯލްޑިވިއަން" އިން ފުލުފުލުގައި ބަޔާން ނެރެން ފަށައިފިއެވެ. މުޅިން ވެސް ސިޔާސީ ބަޔާންތަކެވެ. ގަމުގެ ވައިގެ ބަނދަރުން އައްޑޫ ރައްޔިތަކަށް ފުރެން ޖެހެނީ ސެޕްޓެމްބަރ 7 ގައި ބާއްވާ އިންތިހާބުން ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީން ހޮވި ރައީސް ކަމާއި ހަވާލުވެ އެ މަނިކުފާން ކޮށްދެއްވީމަ އެވެ.

އިންތިހާބް ބޯމަތީ އޮވެ ކެމްޕެއިން ދުވަސްވަރަށް ވުމުން ޔާމީންގެ އަރިސް "ބަންދު ސަލީމް"އަށް ބަޔާން ނެރެވެނީއެވެ. ހަގީގަތުގައި "މޯލްޑިވިއަން" އިން މި ދައްކާހާ ވާހަކަ ތަކަކީ ޔާމީން އާއި ރިއާސީ އިންތިހާބާއި ގުޅުންހުރި ކަންކަމެވެ. މޯލްޑިވިއަން ބަނގުރޫޓު ވަދާނެ ކަމަށް މުޅިން މިދައްކަނީ ސިޔާސީ ބަހަނާ އެވެ.
ރާއްޖޭގެ އެންމެ މޮޅު "އިގްތިސާދީ" މާހިރު އަތުން ބަނގުރޫޓުވެ ނުވަތަ ވީނުވީއެއް ނޭގުނީ ކިތައް ކުންފުންޏަށް ހެއްޔެވެ؟

އައްޑޫގެ ރަށްތަކުގެ ބިން ހިއްކުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާންއެވެ. ވެރިކަމުން "މަޖްބޫރީ ހާލަތެއް ދިމާވުމުން" އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކަން ވަހީދުގެ ސަރުކާރުން ކުރަން އުޅުމުން ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ހިމެނިވަޑައިގަންނަވާ "މާލިއްޔަތު" ކޮމެޓީން ކަންބޮޑުވެ އެކަން ހުއްޓާލުމަށް ފިނޭންސް މިނިސްޓަރަށް ވަނީ ސިޓީ ފޮނުއްވާފަ އެވެ. އަދި ބަޖެޓްގައި ނެތްކަމެއް ކުރައްވަން ނިންމެވީ ގާނޫނުގެ ކޮން އަސާސަކަށް ބައްލަވައިގެންތޯ ފިނޭންސް މިނިސްޓަރާއި ވަނީ ސުވާލު ކުރައްވާފަ އެވެ.

އައްޑޫގެ ތަރައްޤީ އާއި ގުޅުން ހުރި ކަންކަމަށް ޕީޕީއެމްއިން މިހާ ފާޅުކަން ބޮޑު ގޮތަށް ދެކޮޅު ހައްދަވަނީ ކީއްވެގެން ހެއްޔެވެ؟ އައްޑޫގެ ރައްޔިތުން މި ނިކަމެތި ކަމުގައި ބައިތިއްބައިގެން ޕީޕީއެމްއަށް އިންތިހާބް ކާމިޔާބް ކުރެވޭނެތީ ހެއްޔެވެ؟

ކޮންމެ ޕާޓީއަކުން ވިޔަސް ކޮންމެ ރައީސަކު ކުރެއްވި ނަމަވެސް އައްޑޫގެ ތަރައްޤީއަށް ކުރާ ކަންކަމުގައި ދެކޮޅު ހަދާ ބަޔަކަށް އައްޑޫ ރައްޔިތުން މިފަހަރު ޖަވާބު ދޭނީ ވަރަށް ހިތިކޮށެވެ. އައްޑޫ ރައްޔިތުން މިއިންތިހާބް ގައި ހުށަހަޅާ މެނިފެސްޓޯއަކަށް ، ގެންނަ ރަނިންމޭޓަކަށް ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ގެންގުޅޭ ބައިގަނޑަކުން ނުހެއްލޭނެ އެވެ.

މި ފަހަރުގެ އިންތިހާބަކީ "އެއްބުރުން" އައްޑު އަށް ތަރައްޤީ ގެންނާނެ އިންތިހާބެކެވެ. އެހެންވެ އައްޑޫގެ ތަރައްޤީ އަށް އެއްވެސް ބޭފުޅަކު ހުރަސް ނޭޅުއްވުން ރަނގަޅެވެ.